ބަޑި ހަމަލާއަށް މަޝްހޫރު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ޑިއޭގޯގައި ހުންނަ އެންމެ ބޮޑު އިސްލާމީ މަރުކަޒަށް އަމާޒުކޮށް ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާތަކެއްގައި 3 މީހަކު މަރުވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މަރުވި މީހުންގެ ތެރޭގައި މިސްކިތުގެ ސެކިއުރިޓީ ގާޑަކުވެސް ހިމެނޭއިރު، ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ 2 ޒުވާނުންވެސް، އަމިއްލައަށް ބަޑިޖަހައި މަރުވެފައި އޮއްވާ ފަހުން ވަނީ ފެނިފައެވެ.
ސެން ޑިއޭގޯ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އެންތަނީ ކަރާސްކޯ ބުނި ގޮތުގައި، ސެން ޑިއޭގޯގެ މެދުތެރެއާ 14 ކިލޯމީޓަރު އުތުރުގައި ހުންނަ "އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯ" ސަރަޙައްދުން ގިނަ އަދަދެއްގެ ބަޑީގެ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ.
މި އިސްލާމީ މަރުކަޒަކީ ސެން ޑިއޭގޯ ކައުންޓީގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ. މި މަރުކަޒުގެ ސަރަޙައްދުގައި ޢަރަބި ބަހާއި، އިސްލާމީ ތަޢުލީމާއި ކީރިތި ޤުރުއާން އުނގަންނައިދޭ "އައްރާޝިދު ސްކޫލް" ވެސް ހިންގައެވެ.
ހަމަލާދިން ވަގުތު ސްކޫލްގައި ކިޔަވަމުންދިޔަ ހުރިހާ ކުޑަކުދިންވެސް ސަލާމަތްތެރިކަމާއެކު އެތަނުން ބޭރަށް ނެރެވިފައިވާ ކަމަށް ސެން ޑިއޭގޯގެ ފުލުހުންގެ ޗީފް ސްކޮޓް ވާލް ކަށަވަރުކޮށްދެއްވިއެވެ. ވައިގެ މަގުން ނަގާފައިވާ މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތައް ވަށާލާފައިވާ ސަރަޙައްދުން، ދިހަވަރަކަށްވުރެ ގިނަ ކުޑަކުދިން އަތާއަތްގުޅުވައިގެން ރައްކާތެރިކަމާއެކު ހިނގާފައިދާތަން ފެނެއެވެ.
މި ހުދު މިސްކިތް ހުންނަނީ އާންމު ގޭބިސީތަކާއި، އެޕާޓްމަންޓްތަކާއި، އަދި މެދުއިރުމަތީގެ ކާނާ ވިއްކާ މާރުކޭޓުތައް ހިމެނޭ ކާރޫބާރޫ ބޮޑު އަވަށެއްގައެވެ.
ފުލުހުންގެ ޗީފް ސްކޮޓް ވާލް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ބަލައި ތަޙުޤީޤު ކުރުމަށްޓަކައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން މި ހަމަލާ ބަލަމުންދަނީ "ނަފްރަތުގެ ކުށެއް" ގެ ގޮތުގައެވެ.
ހާދިސާ ހިނގި ސަރަޙައްދަށް ފުލުހުން ދިޔައިރު، މިސްކިތުގެ ބޭރުގައި ބަޑީގެ ހަމަލާދީ މަރާލާފައި އޮތް ތިން މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ސެކިއުރިޓީ ގާޑަކީ، އިތުރު ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ގުރުބާނީއެއްވި މީހެއް ކަމަށް ޗީފް ވާލް ފާހަގަކުރެއްވިއެވެ.
"އެ ސެކިއުރިޓީ ގާޑުގެ ހިތްވަރުގަދަ އަމަލުގެ ސަބަބުން، އިތުރު ބައެއްގެ ލޭއޮހޮރުވުން ހުއްޓުވުމަށް ބޮޑު އެހީއަކަށްވި ކަމަށް ބެލެވޭ،" ފުލުހުންގެ ޗީފް ވިދާޅުވިއެވެ.
ހަމަލާދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ފުލުހުންނަށް ވަނީ މަގުމަތީގައި ހުއްޓާފައި އޮތް ކާރެއްގެ ތެރެއިން އުމުރުން 17 އަހަރާއި 19 އަހަރުގެ ދެ ފިރިހެން ކުދިންގެ ހަށިގަނޑު ފެނިފައެވެ. ފުލުހުން ބުނާ ގޮތުގައި އެ ދެމީހުން މަރުވެފައިވަނީ ހަމަލާދިނުމަށްފަހު ކުފުރު މަރެއްގައި ބަޑިޖަހައިގެންނެވެ.
މި ބަޑީގެ ހަމަލާ ދޭން މެދުވެރިވި އަޞްލު ސަބަބާއި، އަދި މި އަނިޔާވެރި ޢަމަލު ރޭވިގެންދިޔަ ގޮތުގެ ތަފްޞީލު ހޯދުމަށް އޮފިޝަލުން ދަނީ ހެކިތައް އެއްކުރަމުންނެވެ.






