އިޒްރޭލުގެ ޔަހޫދީ ޖާސޫސު ޖޮނަތަން ޕޮލާޑް ދާދިފަހުން މީޑިއާ އިންޓަވިއުއެއްގައި، އީރާން ސުންނާފަތިކުރުމަށްފަހު އިޒްރޭލުގެ ދެން އޮތް އެންމެ ބޮޑު އަމާޒަކީ ތުރުކީ ހަލާކުކޮށްލުން ކަމަށް ބުނެ އިންޒާރުދީފައި ވަނިކޮށް، ޒަޔަނިސްޓު ރެޖީމްގެ އުދުވާނުތައް ކޮންޓްރޯލް ނުކުރެވިގެން ގޮސް، އެކަމުގެ ސީދާ ނުރައްކާ މިހާރު ތުރުކީއާ ހަމައަށް ފޯރަން ފަށާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރުދުޣާން ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ މަޝްހޫރު ޖާސޫސު ޖޮނަތަން ޕޮލާޑް މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، އިޒްރޭލުގެ ކުރިއަށް އޮތް އަސްކަރީ ރޭވުންތަކުގެ ތެރެއިން އީރާން ހަލާކުކޮށްލުމަށްފަހު، ދެން އެމީހުންގެ ބާރުތައް ސީދާ ތުރުކީއާ ދެކޮޅަށް އަނބުރާލާނެ ކަމަށެވެ. މިއީ މުޅި މެދުއިރުމަތި ޒަޔަނސިްޓު ރެނޮސައިޑް ރެޖީމްގެ ބާރުގެ ދަށަށް ގެނައުމަށް ޒަޔަނިސްޓުން ގެންގުޅޭ ނުރައްކާތެރި ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން ކުރަން ރާވާފައިވާ ކަމެއްކަން މިހާރު ދަނީ ހާމަވަމުންނެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރުދުޣާން ވިދާޅުވީ، އިޒްރޭލުން ސޫރިޔާއާއި ލުބުނާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތައް މިހާރު ހުރީ ތުރުކީގެ ސަލާމަތަށްވެސް ސީދާ ބިރަކަށްވާ ފަދަ ނާޒުކު ހާލަތަކަށް ގޮސްފައި ކަމަށެވެ.
ޒަޔަނިސްޓް ރެޖީމްގެ މި ފުޅާވަމުންދާ ހަމަލާތަކަކީ ހަމައެކަނި ވަކި ބަޔަކަށް އަމާޒުވެފައިވާ ހަމަލާތަކެއް ނޫންކަމާއި، އެއީ ތުރުކީގެ ބޯޑަރުތަކާ ދިމާލަށް މިސްރާބު ހިފާފައިވާ އުދުވާނެއްކަން އެރުދުޣާންގެ ވާހަކަފުޅުން ސިފަކޮށްދެއްވިއެވެ.
"މުޅި ދުނިޔެއަށް އޮތް ބިރެއް، އިޒްރޭލު ހުއްޓުވަންޖެހޭ" އެރުދުޣާން
އެރުދުޣާން އިތުރަށް ވިދާޅުވީ، ޒަޔަނިސްޓު ރެޖީމުން ހިންގަމުންދާ މި އަނިޔާވެރި އަމަލުތަކަކީ ހަމައެކަނި މެދުއިރުމަތީގެ ސަރަޙައްދަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ.
"އިޒްރޭލުގެ މި އުދުވާނަކީ މުޅި ދުނިޔެއަށްމެ އޮތް ބޮޑު ނުރައްކަލެއް. މިއީ ކޮންމެހެންވެސް ހުއްޓުވަންޖެހޭނެ ކަމެއް،" ތުރުކީގެ ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ނުހުއްޓުވައިފިނަމަ، ދެން ފެށިގެންދާނީ ތުރުކީ ހިމެނޭހެން މުޅި ސަރަޙައްދީ ބޮޑު ހަނގުރާމައެއް ކަމަށް މުޙައްލިލުން އިންޒާރުދެއެވެ.






