އެމެރިކާގެ ނުފޫޒާއި ކޮރަޕްޝަނާ ދެކޮޅަށް ހިނގާ ރައްޔިތުންގެ އިޙްތިޖާޖުތަކުގެ ބަދުނާމު އީރާނުގެ ބޮލުގައި އަޅުވަނީ

އަލްބޭނިއާގެ ދެކުނު ގޮނޑުދޮށުގައި އޮންނަ ޖަޒީރާ ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިއާއި ދަނބިދަރި ޖެރެޑް ކުޝްނަރާ ގުޅުންހުރި ބިލިއަން ޑޮލަރުގެ ރިސޯޓް މަޝްރޫޢަކާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން ކުރަމުންދާ ބޮޑު އިޙްތިޖާޖުތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެ އަލްބޭނިއާގެ ޒަޔަނިސްޓު ފިކުރުގެ ބޮޑުވަޒީރު އެޑީ ރާމާ ކުރެއްވި ހަޤީޤަތާ ޚިލާފު ތުހުމަތުތަކަށް އީރާނުން ވަރުގަދަ ރައްދެއްދީ، އޭނާ ބޭޒާރުކޮށްލައިފިއެވެ. އީރާނުން ވަނީ އަމިއްލަ ރައްޔިތުންގެ ވިސްނުމާއި ބުއްދިއަށް އިޙްތިރާމް ކުރުމަށް އަލްބޭނިއާގެ ސަރުކާރަށް ގޮވާލާފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ، އަލްބޭނިއާގެ ބޮޑުވަޒީރުގެ ހެއްވާ ތުހުމަތުތަކަށް މަލާމާތް ކުރައްވަމުން ވިދާޅުވީ، ރައްޔިތުން މަގުތަކަށް ނުކުމެ ގޮވަމުންދާ ހަޤީޤީ އަޑުތަކާ ބޮޑުވަޒީރު ކުރިމަތިލައްވަންޖެހޭނެ ކަމަށެވެ.

"މިކަން ފެއްޓެވީ ހަމަ ތިޔަބޭފުޅާ! އެހެންވީމާ އަމިއްލައަށް ނަތީޖާއާ ކުރިމަތިލައްވާ! ރައްޔިތުން އެ ގޮވަނީ 'ކޮރަޕްޝަނަށް ނޫނެކޭ’، 'ބުނަނީ ބޭނުމީ އިންސާފޭ' އަދި 'ރާމާ މަގާމުން ދުރުވޭ' މިހެން،" ބަގާއީ ލިޔުއްވާފައިވެއެވެ.

އީރާނުން ބުނި ގޮތުގައި އަލްބޭނިއާގެ ރައްޔިތުންނަކީ ޙައްޤާއި ބާޠިލް ވަކިކުރަން އެނގޭ ވަރަށް ވިސްނުންތޫނު ބައެކެވެ. ނަމަވެސް ބޮޑުވަޒީރު ރާމާ ބޭނުންފުޅުވަނީ އީރާނަކީ "ބަހަނާއެއް" ކަމުގައި ހައްދަވައިގެން، އަމިއްލަ ރައްޔިތުންގެ ޝަކުވާތަކުން ރެކިވަޑައިގެން ޓްރަމްޕްގެ އައުލާދުގެ ކޮރަޕްޝަނަށް ދީލާލާށެވެ.

އެމެރިކާގެ މަސްލަހަތަށް ޤައުމުގެ ސިޔާދަތު ވިއްކާލުން

އީރާނުން ވަނީ އަލްބޭނިއާގެ ސަރުކާރުން އެމެރިކާގެ ނުފޫޒަށް ބިރުންނާއި ހެއްލިގެން، އަމިއްލަ ޤައުމުގެ ބިންތައް ބޭރުގެ އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ދޫކޮށްލާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އީރާނުން ނަސޭހަތްތެރި ވަމުން ބުނެފައި ވަނީ:

  • ޒިންމާއިން ރެކުން: އަމިއްލަ ރައްޔިތުންގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން ކުރިމަތިވުމުން، އެހެން ޤައުމުތަކުގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.
  • ޤައުމީ ސިޔާދަތު ވިއްކާލުން: ބޭރުގެ މަސްލަހަތުތަކަށް ޤައުމުގެ އަގުހުރި ބިންތައް ދޫކޮށްލުމުން ރައްޔިތުން ނުކުތުމަކީ އީރާނުން ކުރާ ކަމެއް ނޫނެވެ.
  • ލަދުގަންނަންޖެހޭ ތުހުމަތުތައް: އިޙްތިޖާޖުތަކުގެ އަޞްލު މައްސަލަ އޮއްބާލުމަށްޓަކައި އަލްބޭނިއާގެ އިދާރާތަކުން ކުރަނީ އެއްވެސް ބިންގަލެއް ނެތް، ހެއްވާ ތުހުމަތުތަކެކެވެ.

’ފްލެމިންގޯ އިންޤިލާބު' – އެމެރިކާގެ ޓްރަމްޕް-ކުޝްނަރ އާއިލާގެ ދަހިވެތިކަން

އަލްބޭނިއާގައި "ފްލެމިންގޯ ރިވޮލިއުޝަން" ގެ ނަމުން ނަންދެވިފައިވާ ރައްޔިތުންގެ މި ހަރަކާތް ފެށުނީ، އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިއާއި ދަނބިދަރި ޖެރެޑް ކުޝްނަރގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އަރަބި އަމީރުންގެ ފައިސާ ހިމަނާފައިވާ "އެފިނިޓީ ޕާޓްނާސް" އަށް އެޤައުމުގެ ޙިމާޔަތްކޮށްފައިވާ ރީތި ގޮނޑުދޮށްތަކާއި ޖަޒީރާތައް ލަގްޒަރީ ރިސޯޓު ހަދަން ދިނުމާ ގުޅިގެންނެވެ.

މި މަޝްރޫޢުގެ ސަބަބުން ރައްޔިތުން ރުޅިއައި މައިގަނޑު ސަބަބުތަކަކީ:

  • ތިމާވެށީގެ ހަލާކު: ޒްވެރްނެކްގެ ޙިމާޔަތްކޮށްފައިވާ ތިމާވެށީގެ ނާޒުކު ކުޅި ސަރަޙައްދުތައް ވަށައިފާރު ރާނައި، އާންމުންނަށް ބަންދުކޮށް، ޓްރަމްޕް އާއިލާގެ މުއްސަނދިކަމަށްޓަކައި ގުދުރަތީ ރީތިކަން ޤުރުބާންކުރުން.
  • ދެފުށް ނުފެންނަ ވިޔަފާރި: ސާޒަން އައިލެންޑް ހިމެނޭހެން 4 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢު ކުރިއަށްގެންދަނީ ދެފުށް ފެންނަ ގޮތެއް ނެތި، ރައްޔިތުންގެ މަޝްވަރާއަކާ ނުލައެވެ.
  • އެމެރިކާގެ ނުފޫޒު: ސައުދީ އަރަބިއްޔާާއި ޔޫއޭއީގެ ފަންޑުތަކުގެ އެހީގައި ހިންގާ މި މަޝްރޫޢަކީ އަލްބޭނިއާގެ ސަރުކާރުން ޒަޔަނިސްޓު އަރަބިންނާއި ޔަހޫދީންނާއި އެމެރިކާގެ ނުފޫޒުގަދަ ސިޔާސީ އާއިލާތަކަށް ކޮށްދޭ ސިއްރު ވިޔަފާރިއެކެވެ.

މި ބޮޑު ކޮރަޕްޝަނާއި ތިމާވެށީގެ ޖަރީމާ ފޮރުވުމަށްޓަކައި އަލްބޭނިއާގެ ބޮޑުވަޒީރު "ޕޮލިޓިކޯ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި، އީރާނުން ދޮގު މަޢުލޫމާތު ފަތުރާ ކަމަށް ބުނެ ދެއްކެވި ދޮގު ވާހަކަތަކަކީ، އަމިއްލަ ރައްޔިތުންގެ ޙައްޤު ރުޅިވެރިކަމުން ސަލާމަތްވުމަށް އެމެރިކާގެ ނިވަލަށް ވަދެ ހީލަތްތެރިކަމާއެކު ދެއްކި ބަހަނާތަކެއްކަން އީރާނުން ވަނީ ސާބިތުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!