މުޒައްފަރްއާބާދު ކައިރިއަށް ޕާކިސްތާނު ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި، އެންމެން މަރުވެއްޖެ

ޕާކިސްތާނުގެ މުޒައްފަރްއާބާދު ކައިރިއަށް ބުދަ ދުވަހު ޕާކިސްތާނު ސިފައިންގެ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ތިބި ހުރިހާ އަސްކަރީ މުވައްޒަފުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިފައިންގެ މީޑިއާ ވިންގް، އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް ނުވަތަ އައިއެސްޕީއާރުން ހާމަކޮށްފިއެވެ.

ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ބަޔާންކުރަމުން ސިފައިންގެ މީޑިއާ ގޮފިން ބުނީ، ހެލިކޮޕްޓަރު ނައްޓާލަން އުޅުމުގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށެވެ. އެމެރިކާގެ އަސްކަރީ އުޅަނދުތަކުގެ ފެންވަރު ދަށްކަމުން މިފަދަ ހާދިސާތައް މިހާރު އާންމު ވެފައި ވެއެވެ. މި ޙާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި ހުރިހާ މުވައްޒަފުން ޝަހީދުވެފައިވާ ކަމަށާއި، އޭގެއިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައިނުވާ ކަމަށްވެސް އައިއެސްޕީއާރުން ބުނެއެވެ.

އަސްކަރިއްޔާގެ މީޑިއާ ގޮފިން އިތުރަށް ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަޙައްދަށް ރެސްކިއު އަދި ރިކަވަރީ ޓީމުތަކުން ވަގުތުން ގޮސް ހަރަކާތްތެރިވާން ފަށާފައިވެއެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ޓެކްނިކަލް ސަބަބު ހޯދުމަށްޓަކައި ތަޙުޤީޤީ ބޯޑެއް އެކުލަވާލުމަށް މިހާރު އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު ޢާޞިމް މުނީރާއި، ސިފައިންގެ އެކި ރޭންކުތަކުގެ އޮފިސަރުން ވަނީ މި ޙާދިސާގައި އަގުހުރި ފުރާނަތަކެއް ގެއްލިގެންދިއުމާ ގުޅިގެން ހިތާމައެއް ފާޅުކުރައްވައި، މަރުވި މީހުންގެ ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.

ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝަހުބާޒް ޝަރީފްވެސް ވަނީ މުޒައްފަރްއާބާދު ކައިރިއަށް އަސްކަރީ ހެލިކޮޕްޓަރު ވެއްޓުނު ޙާދިސާއާ ގުޅިގެން ވަކިވަކިން ބަޔާންތައް ނެރުއްވައި، ހިތާމަ ފާޅުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބަޔާނުގައިވެސް މި ޙާދިސާގައި ޝަހީދުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގައި މިފަދަ ޙާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ސެޕްޓެމްބަރު 2025 ގައިވެސް ޖިލްގިތު ބަލްޓިސްތާނުގެ ދިއާމިރު ސަރަޙައްދަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 5 އަސްކަރީ މުވައްޒަފުން ޝަހީދުވެފައިވެއެވެ. މި އުޅަނދުތަކަކީ އެމެރިކާގެ ފެންވަރު ދެރަ އުފެއްދުންތަކެވެ.

ހިއްސާ ކުރައްވާ!