ޢޭއަރ ކެނެޑާގެ ކުރީގެ ޕައިލެޓަކު، ސައްޙަ ލައިސަންސެއް ނެތި 16 އަހަރު ވަންދެން ފްލައިޓްތައް ދުއްވި މައްސަލައިގައި ކެނެޑާގެ ފުލުހުން އޭނާގެ މައްޗަށް ދަޢުވާ އުފުލައިފި ކަމަށް ރިޕޯޓުކޮށްފިއެވެ. ކެނެޑާގެ އޮންޓޭރިއޯ މާލަމުގެ ބެރީ ސިޓީއަށް ނިސްބަތްވާ ޖެފްރީ ވޯލް (59 އަހަރު) ގެ މައްޗަށް ތުހުމަތު ކުރެވެނީ، 2009 އަކުން 2025 އަށް، ފަސިންޖަރުން އުފުލާ ބޮޑެތި ކޮމާޝަލް މަތިންދާބޯޓު ދުއްވުމަށް ބޭނުންވާ ސައްޙަ ލައިސަންސް ނެތި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާޓި ޢޭވެ.
900 އަށްވުރެ ގިނަ ދަތުރު އަދި ދޮގު ރިޕޯޓުތައް
ފުލުހުން ބުނި ގޮތުގައި، ވޯލް ވަނީ ލައިސަންސް ނެތި ކެނެޑާގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤްވާމީ އުދުހުންތައް ހިމެނޭގޮތަށް 900 އަށްވުރެ ގިނަ ދަތުރު ކޮށްފައެވެ. މީގެއިތުރުން، އޭނާގެ ޕައިލެޓް ލިޔެކިޔުންތައް ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާނެއްވެސް އޭނާ ވަނީ ހުށަހަޅާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޅުވާލުންތައް ފާހަގަވީ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އަދި މިއަހަރުގެ ކުރީކޮޅު ކެނެޑާގެ ދަތުރުފަތުރާ ބެހޭ އިދާރާ "ޓްރާންސްޕޯޓް ކެނެޑާ" އިން ވަނީ މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އެއަރ ކެނެޑާގެ ފިޔަވަޅުތަކާއި ސަލާމަތީ ކަންކަން
އެއަރ ކެނެޑާއިން މަޢުލޫމާތު ދިން ގޮތުގައި، ވޯލްގެ އަތުގައި އާދައިގެ ކޮމާޝަލް ޕައިލެޓް ލައިސަންސެއް އޮތް ނަމަވެސް، އޭނާ ކެޕްޓަންގެ މަޤާމަށް ކުރިއެރުވުނީ އެ މަޤާމަށް ބޭނުންވާ "އެއަރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް" ނެތިއެވެ. އޭނާގެ އަތުގައި ރަނގަޅު ލައިސަންސް ނެތްކަން އެނގުމާއެކު ވަގުތުން ވަޒީފާއިން ސަސްޕެންޑް ކުރެވުނު ކަމަށާއި، މިހާރު އޭނާ އެ ކުންފުނީގައި މަސައްކަތް ނުކުރާ ކަމަށް އެއަރލައިނުން ބުންޏެވެ.
އެއަރލައިނުން ބާރުލާފައި ބުނީ މި ޙާދިސާގެ ސަބަބުން ދަތުރުތަކުގެ ރައްކާތެރިކަމަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއަރލައިނުން ހުރިހާ ޕައިލެޓުންގެ ލިޔެކިޔުންތައް އަލުން އޮޑިޓްކުރިއިރު، އެހެން އެއްވެސް ޕައިލެޓެއްގެ ފަރާތުން މިފަދަ ޤަވާޢިދާ ޚިލާފު ކަމެއް ފެނިފައެއް ނުވެއެވެ.
"މި ޙާދިސާގެ ސަބަބުން މީހަކު މަރުވެފައެއް ނުވެއެވެ. ސަބަބަކީ އެއަރ ކެނެޑާގެ ހުރިހާ ޕައިލެޓުންނަކީވެސް ކޮންމެ 6 މަހަކުން އެމީހުންގެ އުދުހުމުގެ ފެންވަރު ބެލުމަށް މަޖުބޫރު ތަމްރީނުތަކެއް ހަދާ، އަދި ކޮންމެ 12 މަހަކުން ޓްރާންސްޕޯޓް ކެނެޑާގެ ހުއްދަ އޮންނަ ޕައިލެޓެއްގެ ބެލުމުގެ ދަށުން ފްލައިޓް ޓެސްޓެއް ހަދަންޖެހޭ ބަޔަކަށް ވާތީއެވެ،" އެއަރލައިންގެ ބަޔާނުގައިވެއެވެ.
"އެހެންނަމަވެސް، ރަނގަޅު ލައިސަންސް އޮތުމަކީ އޭވިއޭޝަން ސިނާޢަތުގެ ސަލާމަތީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާތީ، އެއަރ ކެނެޑާއިން މި މައްސަލަ ބަލަނީ ވަރަށް ސީރިއަސްކޮށްނެވެ."
ކެނެޑާގެ އޭވިއޭޝަން ރެގިއުލޭޓަރީ އިދާރާއިން ވަނީ "އެއަރ އިންޑިއާ" ގެ ޕައިލެޓަކު ރާބޮއެގެން މަސްތުގެ ޙާލަތުގައި މަސައްކަތަށް ނުކުތް މައްސަލައެއް ތަޙުޤީޤު ކުރުމަށްވެސް އެ އެއަރލައިނަށް އަންގާފައެވެ. އެ ޕައިލެޓް މަސައްކަތަށް ނުކުތްއިރު ހެދި ބްރެތަލައިޒާ ޓެސްޓުން އޭނާ އަލްކޮހޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.



