އިސްރާއީލާ ދެކޮޅަށް ހަތިޔާރު އުފުލުމުން އަރަބިން ނުތަނަވަސްވަނީ ކީއްވެ؟

ޣައްޒާގެ މުޖާހިދުންގެ ހަތިޔާރު ނައްތާލުމަށް ބާރުގަދަ އަރަބި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުން ހާމަވަނީ، ޒަޔަނިސްޓު ރެޖީމްގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، އެމެރިކާގެ ސިޔާސަތުތަކަށް ބޯލެނބުމަށް އަރަބި މެދުވެރިން ކުރާ ނުތަނަވަސް މަސައްކަތްތަކެކެވެ. ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ ފަލަސްޠީނުގެ މަޞްދަރުތަކުން މިވަނީ، މުޖާހިދުންގެ ހަތިޔާރާ ބެހޭ ބާބާ ގުޅޭގޮތުން ބަދަލުތަކެއް ގެނެސްފައިވާ އާ ހުށަހެޅުމެއްގެ ތަފްސީލުތައް ތިލަކޮށްފައެވެ. މިއީ ފަލަސްޠީނުގެ ޖަމާޢަތްތަކާއި މެދުވެރިންގެ މެދުގައި އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށް ހުރަސްއަޅަމުންދާ އެންމެ ނާޒުކު މައްސަލައެވެ.

މަޝްވަރާތަކުގައި ބައިވެރިވި ފަލަސްޠީނުގެ މަޞްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، ހުށަހަޅާފައިވާ 15 ބާބުގެ ތެރެއިން 14 ބާބަކަށް ޖަމާޢަތްތަކާއި މެދުވެރިން ވަނީ ފުރިހަމައަށް އެއްބަސްވެފައެވެ. ނަމަވެސް، މިޞްރުގެ މެދުވެރިން 8 ވަނަ ބާބަށް ހުށަހެޅި އިޞްލާޙަށް ޙަމާސް ޖަމާޢަތާއި އެހެން ފެކްޝަނަކުން ވަނީ ދެކޮޅު ހަދާފައެވެ.

ހަތިޔާރު އެއްކުރުމުގެ މިޞްރުގެ ހުށަހެޅުން

މިޞްރުން ހުށަހެޅި އިޞްލާޙުކުރި ލިޔުމުގައި ބުނެފައިވަނީ، އެކުލަވާލެވޭ ތާވަލަކާ އެއްގޮތަށް މުޖާހިދުންގެ ހަތިޔާރުތައް ބަލައި، ހިސާބުކޮށް، ފިޔަވަހިތަކަކަށް ބަހާލައިގެން އެއްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މި މަސައްކަތް ހިންގާނީ ފަލަސްޠީނުގެ ލީޑަރޝިޕެއްގެ ދަށުން، ޤައުމީ ކޮމިޓީއާއި ސަރަޙައްދީ ހަމަޖެހުންޤާއިމުކުރާ ބައިނަލްއަޤްވާމީ ލަޝްކަރުތަކާ ގުޅިގެންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ރޭވުމާ އެއްގޮތަށް، ޣައްޒާއިން ޒަޔަނިސްޓު ރެޖީމްގެ ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ފައިބަމުންދާއިރު، ހަތިޔާރު އެއްކުރުމުގެ މި މަރުޙަލާ ގުޅުވާލާފައިވަނީ ޣައްޒާގައި އިދާރީ ކޮމިޓީން މަސައްކަތް ފެށުމާއި ހަތިޔާރުއެޅި ޖަމާޢަތްތައް އުވާލުމާއެވެ.

ޙަމާސްގެ އިއުތިރާޒުތައް

ޙަމާސް ޖަމާޢަތުން ވަނީ މި ހުށަހެޅުމާ ދެކޮޅަށް ތިން މުހިންމު ކަމެއް ފާހަގަކޮށްފައެވެ:

  • ބައިނަލްއަޤްވާމީ ލަޝްކަރުގެ ދައުރު: ބައިނަލްއަޤްވާމީ ލަޝްކަރުތަކުން ޣައްޒާގެ ސަލާމަތީ ކަންކަމާ ބެހުމާއި، ހަތިޔާރުގެ މައްސަލައިގެ ތެރެއަށް ވަނުމަށް ޙަމާސްއިން ދެކޮޅުހަދައެވެ. އެ ޖަމާޢަތުން ބުނާގޮތުގައި އެ ލަޝްކަރުގެ ދައުރަކީ ހަމައެކަނި ބޯޑަރު ސަރަޙައްދުގައި ސިފައިން ވަކިކޮށްދިނުމެވެ.

  • "ބިނާވެށި" ނުވަތަ އިންފްރާސްޓްރަކްޗަރގެ މާނަ: މުޖާހިދުންގެ ބިނާވެށި ނައްތާލުން ފަދަ ފުޅާ މާނަ ނެގޭ ލަފުޒުތައް ބޭނުންކުރުމަށް ޙަމާސްއިން އިންކާރުކުރެއެވެ. އެއީ މި މާނައިގެ ތެރެއަށް ހޮސްޕިޓަލްތަކާއި، ގުދަންތަކާއި، އާންމު ވެހިކަލްތައް ވެއްދުމުގެ ފުރުޞަތު އޮތުމުންނެވެ.

  • ހަތިޔާރު ނައްތާލުން: ހަތިޔާރު "އެއްކުރުން" ނުވަތަ "އަތުލުން" ފަދަ އިބާރާތްތަކުގެ ބަދަލުގައި، ޙަމާސްއިން ބާރުއަޅަނީ ހަމައެކަނި "ހަތިޔާރުގެ މައްސަލައާ މުޢާމަލާތުކުރުން" މި އިބާރާތް ބޭނުންކުރުމަށެވެ.

އާ އިޞްލާޙުތަކަކަށް ވަގުތު ހޯދުން

ޙަމާސް ޖަމާޢަތުން މިހާރު ވަނީ އެ ޖަމާޢަތުގެ އިއުތިރާޒުތައް ހިމެނޭ އާ އިޞްލާޙެއް މެދުވެރިންނަށް ހުށަހަޅާފައެވެ. މެދުވެރިން ބައެއް ކުދި ބަދަލުތަކާއެކު އެ ކަރުދާސް އަނބުރާ ފޮނުވުމުން، ޙަމާސްގެ ލީޑަރޝިޕުން އެއަށް ޖަވާބެއް ދިނުމުގެ ކުރިން ބޭރުގައި ތިއްބެވި ވެރިންނާ މަޝްވަރާކުރުމަށް ވަގުތު ވަނީ ހޯދާފައެވެ.

ޙަމާސްގެ ސިޔާސީ ލީޑަރުގެ މީޑިއާ މުސްތަޝާރު ތާހިރުއްނޫނޫ ވިދާޅުވި ގޮތުގައި، ފަލަސްޠީނުގެ ޖަމާޢަތްތަކުން ވަނީ ޓްރަމްޕްގެ ރޭވުން ތަންފީޛުކުރުމަށް މެދުވެރިން ހުށަހެޅި މަގުގެ ޗާޓަށް ޤައުމީ އެއްބައިވަންތަ ޖަވާބެއް ތައްޔާރުކޮށްފައެވެ.

މި ހުރިހާ މަޝްވަރާތަކެއް ޤާހިރާގައި ހިނގަމުންދާއިރުވެސް، ބައިނަލްއަޤްވާމީ މަންދޫބު ނިކޮލާއި މިލަދީނޯފް ފަލަސްޠީނުގެ ވަފުދުތަކާ ސީދާ ބައްދަލުކުރުމަށް މިޞްރުގެ މަޞްދަރުތަކުން އުއްމީދެއް ނުކުރެއެވެ. ސަބަބަކީ ހަތިޔާރުގެ މައްސަލައިގައި މިހާތަނަށް ހުށަހެޅުނު އެއްވެސް ވިސްނުމަކަށް ޒަޔަނިސްޓު ރެޖީމުންނާއި އެމެރިކާގެ މަންދޫބުން ރުހުން ނުދޭތީއެވެ. ޤާހިރާގެ މި ބައްދަލުވުންތަކުގައި ޙަމާސް، އިސްލާމީ ޖިހާދު، ޕޮޕިއުލަރ ފްރަންޓް، ޑިމޮކްރެޓިކް ފްރަންޓް އަދި ނޭޝަނަލް އިނިޝިއޭޓިވްގެ ލީޑަރުން ހިމެނޭހެން ފަލަސްޠީނުގެ ދިފާޢީ ހުރިހާ ބާރުތަކެއް ދަނީ ބައިވެރިވަމުންނެވެ.

ހިއްސާ ކުރައްވާ!