ޓްރަމްޕް ހިތަށް އަރާ މޮދީއާ އެއްވަރުގެ ބުއްދިއެއް ލިބިފަ ވީ ނަމައޭ!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ، އެޤައުމުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އިންތިޚާބީ ބޮޑުވަޒީރުގެ ޝަރަފު ހޯއްދެވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މޮދީގެ ބުއްދިވެރިކަމާއި ކާމިޔާބީއަށް ތަޢުރީފުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އެމެރިކާގެ ސިޔާސީ މަސްރަޙު ހަލަބޮލިވެ، ބައިބައިވުންތަކެއްގެ ތެރޭގައި އޮތްއިރު، ޓްރަމްޕް ވަނީ މޮދީއަކީ ވަރުގަދަ، ދުޅަހެޔޮ އަދި ބުއްދިވެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިއީ މޮދީގެ ސިޔާސީ ހިކުމަތްތެރިކަމާއި އިންޑިއާގެ ކުރިއެރުމުގެ ކުރިމަތީގައި އެމެރިކާގެ ލީޑަރޝިޕަށް ލިބުނު ދަށްވުމެއްގެ ގޮތުގައި މާހިރުން ދެކެއެވެ.

ޓްރަމްޕް އޭނާގެ މީސްމީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތް ސޯޝަލްގައި ލިޔުއްވި ގޮތުގައި، އޭނާގެ އެކުވެރި މޮދީއަކީ ވަރަށް މަތިވެރި ލީޑަރެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މޮދީއަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މޮދީ ވަނީ 2014 ވަނަ އަހަރުގެ މެއި 26 އިން ފެށިގެން މިއަދާ ހަމައަށް ވެރިކަމުގައި މެދުކެނޑުމެއްނެތި 4399 ދުވަސް ހަމަކުރައްވައި، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑް މުގުރާލައްވާފައެވެ.

ދުނިޔޭގެ ލީޑަރުންގެ ތާއީދު އިންޑިއާއަށް

މޮދީގެ މި ތާރީޚީ ކާމިޔާބީއާއެކު އިންޑިއާގެ އިޤްތިޞާދީ އަދި ސިޔާސީ ބާރުވެރިކަން ދުނިޔޭގައި ބޮޑުވެފައިވާކަން ހާމަވެގެންދިޔައީ، ބައިނަލްއަޤްވާމީ ގިނަ ލީޑަރުންތަކެއް އިންޑިއާއަށް ވުރެ ބޮޑަށް މޮދީގެ ލީޑަރޝިޕަށް ސަނާ ކިޔުމުންނެވެ. ޒަޔަނިސްޓު ރެޖީމްގެ ބެންޖަމިން ނަތަންޔާހޫއާއި، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑެއި ލޭއަންވެސް ވަނީ މޮދީގެ ދަށުން އިންޑިއާ ހޯދި ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ފާހަގަކުރެއްވި ގޮތުގައި، މިއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ރައްޔިތުން މޮދީގެ ބުއްދިވެރި ސިޔާސަތުތަކަށް ތަކުރާރުކޮށް ކުރި އިތުބާރެވެ. އަދި ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުޢިއްޒުވެސް ވަނީ މިއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އެދޭކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ނުފޫޒު ކުޑަވުން

މޮދީގެ 12 އަހަރުގެ ވެރިކަމުގައި އިންޑިއާގެ އިންފްރާސްޓްރަކްޗަރާއި ދުނިޔޭގެ މަސްރަޙުގައި އޮތް މަޤާމު ވަރުގަދަވެފައިވާއިރު، އެމެރިކާއިން ދަނީ ދާޚިލީ އަދި ޚާރިޖީ ގޮތުން ގިނަ ނާކާމިޔާބީތަކަކާ ކުރިމަތިލަމުންނެވެ. އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ފަދަ ބޭފުޅުންވެސް ވަނީ މޮދީއަކީ ދުނިޔޭގެ އިޤްތިޞާދު ބަދަލުކޮށްލި މޭސްތިރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓްރަމްޕްގެ މަރުޙަބާގެ މެސެޖަށް ޖަވާބުދެއްވަމުން މޮދީ ވިދާޅުވީ، ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޙައްލިލުން ދެކޭގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް މިފަދަ ބަޔާންތައް ނެރުއްވަނީ އިންޑިއާގެ ހަރުދަނާ ލީޑަރޝިޕާއި ބުއްދިވެރިކަމުގެ ހިޔަނީގައި އެމެރިކާގެ ބަލިކަށިކަން ފޮރުވުމުގެ ބޭނުމުގައެވެ.

ހިއްސާ ކުރައްވާ!