ކެރެލާއިން ނީޕާ ވައިރަސްގެ ކޭސްއެއް ފެނިއްޖެ!

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޒިކޯޑުން 40 އަހަރުގެ ފިރިހެނަކު ނީޕާ ވައިރަހަށް ޕޮޒިޓިވްވެ، އެޤައުމުން އަނެއްކާވެސް ނުރައްކާތެރި ބަލިމަޑުކަމެއްގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ފުރަތަމަ ހެދި ޓެސްޓުތަކުން މި މީހާ ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، ކެރެލާގެ ޞިއްޙީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މި ބަލިމީހާއަށް މިހާރު ދަނީ ކޮޒިކޯޑް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި، އެ މީހާއާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. ވައިރޮލޮޖީ ލެބޯޓްރީން މި ކޭސްގެ އެންމެ ފަހުގެ މައުލޫމާތު ލިބުން އަދި މަޑުމަޑުން އޮތް ނަމަވެސް، އިދާރާތަކުން ދަނީ ކޮންޓެއިންމަންޓް ޕްރޮޓޮކޯލްތައް ވަގުތުން ތަންފީޛުކުރަމުންނެވެ.

ކެރެލާއަކީ ކުރިންވެސް ނީޕާ ވައިރަހުގެ ބިރުވެރިކަން ބޮޑުވެފައިވާ ސަރަޙައްދެކެވެ.

އެގޮތުން 2018 އާއި 2023 އާ ދެމެދު އެ ސްޓޭޓުން ނީޕާ ވައިރަހުގެ 4 އައުޓްބްރޭކެއް ފެނި، 31 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 24 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ހިއްސާ ކުރައްވާ!