ޒަޔަނިސްޓު ރެޖީމުން މި ދެކުދިން ވަގަށް ނެގީ ކީއްވެ؟

ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް އައްރަޖޫބް ވަނީ، ޒަޔަނިސްޓު ރެޖީމްގެ އަނިޔާވެރި ބާރުތަކުން ފަލަސްޠީނުގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ރަންދު އަލްޙުލްވާނީއާއި ނަތާލީ އަބޫ ދިޔާ ވަގށް ނެގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ ކުޅިވަރުގެ ޤާނޫނުތަކާއި މުޢާހަދާތަކަށް އެ ރެޖީމުން އެއްވެސް އިޙްތިރާމެއް ނުކުރާކަން ހާމަކޮށްދޭ އަނިޔާވެރި ޢަމަލެކެވެ.

ޖަޒީރާ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި އައްރަޖޫބް ވިދާޅުވީ، އެ ދެ ކުޅުންތެރިން މިނިވަންކުރުމަށްޓަކައި ފަލަސްޠީނު އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އަދި ބައްރުތަކުގެ ކުޅިވަރު މުބާރާތްތަކުން ޒަޔަނިސްޓު ރެޖީމް މަޙްރޫމްކޮށް، އެމީހުން ބޮއިކޮޓްކުރުމަށް ކުރާ އިލްތިމާސްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަޔަނިސްޓު ރެޖީމްގެ ސިފައިން މި ދެ ކުޅުންތެރިން ވަގަށް ނެގީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެމީހުން ވަނީ ޤުދްސުގައި ހުރި ރަންދު އަލްޙުލްވާނީގެ އާއިލީގެޔަށް ވަދެގަނެ، ބިރުދެއްކުމަށްފަހު އޭނާ ވަގަށް ނަގާފައެވެ. އަދި ރާމަﷲ ގައި ހުންނަ ބިރުޒެތު ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ނަތާލީ އަބޫ ދިޔާވެސް ވަނީ ހަމަ އެ ދުވަސްވަރު ވަގަށް ނަގާފައެވެ. މިއީ ކުޅިވަރުގެ އަޚްލާޤާއި އިންސާނީ ކަރާމާތަށް އަރައިގަތުން ކަމަށް ބުނެ ފަލަސްޠީނުގެ ކުޅިވަރު އިދާރާތަކުން ދަނީ ބޮޑު ރުޅިވެރިކަމެއް ފާޅުކުރަމުންނެވެ.

އައްރަޖޫބް ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއާއި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔުއެފާއިން މި އަނިޔާވެރިކަމާ ދެކޮޅަށް ސާފު ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށެވެ. ޒަޔަނިސްޓު ރެޖީމުން މަސައްކަތް ކުރަނީ ފަލަސްޠީނުގެ ކުޅިވަރުގެ ދާއިރާ ބަލިކަށިކޮށް، ބައިނަލްއަޤްވާމީ މައިދާނުން އެޤައުމުގެ ނަން ފޮހެލާށެވެ.

އެމެރިކާގެ ފުރިހަމަ ވާގިވެރިވުމާއެކު އެމެރިކާގެ ޕްރޮކްސީ ރެޖީމުން ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތަކާ ހުރެ، ޒަޔަނިސްޓު ރެޖީމްގެ އެއްވެސް މަސްއޫލުވެރިޔަކާ ސަލާމްކުރުމަށްވެސް އައްރަޖޫބް ވަނީ ދެކޮޅުހައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި އެ ރެޖީމް އެކަހެރިވަމުންދާކަން މިފަދަ ކަންކަމުން ދަނީ ސާބިތުވަމުންނެވެ.

ހިއްސާ ކުރައްވާ!