ސޯޝަލް މީޑިއާ މަނާކުރަން ކުރާ މަސައްކަތްތައް ފެއިލްވަނީ

ދުނިޔޭގެ ޓެކްނޮލޮޖީގެ މާކެޓް ކޮންޓްރޯލް ކުރަން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމަށް އެ ގައުމުތަކުން ފެށި ހަރަކާތްތައް ފެއިލްވާން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާރުއަޅާ ކެޕިޓަލިސްޓް ނިޒާމުގެ ތެރެއިން އުފެދިފައިވާ ބޮޑެތި ޓެކް ކުންފުނިތަކުގެ ނުފޫޒު ހުއްޓުވުމަށް، ހުޅަނގުގެ ބާރުތަކަށް ވަނީ ނުކުޅެދިފައެވެ.

އޮސްޓްރޭލިއާއިން ސޯޝަލް މީޑިއާ މަނާކުރަން ފެށިތާ 12 މަސް ފުރުނުއިރު، އެ ގައުމުގެ ފުރާވަރުގެ ކުދިން ވަނީ އެމީހުން ބްލޮކްކުރަން އުޅުނު ޕްލެޓްފޯމްތަކަށް އަލުން ވަދެ، އެ ގާނޫނުތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއްކަން ހާމަކޮށްދީފައެވެ.

އޮސްޓްރޭލިއާއިން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ފެށި ހަރުކަށި ފިޔަވަޅުތައް، ފެށުނުއިރު ނާކާމިޔާބުވެފައިވާ ގޮތާ ބެހޭ ގތުން ނިއުޔޯކް ޓައިމްސްގެ ރިޕޯޓުން:

ފިޔަވަޅުތައް ނާކާމިޔާބުވި މައިގަނޑު ސަބަބުތައް

  • ފަސޭހައިން ގާނޫނާ ޚިލާފްެވުން: ކުދިން ދަނީ ވަރަށް ފަސޭހަ އުކުޅުތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާއަށް ވަންނަމުންނެވެ. އޭގެ ތެރޭގައި އުމުރު ޔަގީންކުރާ ސްކޭންތަކަށް މޫނުގައި މަތިމަސް ކުރެހުމާއި، އުފަންތާރީޚު އޮޅުވާލުމާއި، ނުވަތަ މައިންބަފައިންނާއި ބޮޑެތި މީހުންގެ އެކައުންޓްތައް ބޭނުންކުރުން ހިމެނެއެވެ.

  • އެކައުންޓްތައް ބަންދުނުވުން: ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، ކުރިން ހަދާފައި ހުރި އެކައުންޓްތައް އެއްވެސް ހުރަހެއް ނެތްގޮތަށް ދަނީ ހިނގަމުންނެވެ. ކުދިން ސިފަކުރާ ގޮތުގައި އެއަށް "އެއްވެސް ބަދަލެއް ނާދެއެވެ."

  • ފެއިލްވުމުގެ ނިސްބަތް މަތިވުން: އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން ހާމަކުރި ގޮތުގައި، ސޯޝަލް މީޑިއާ މަނާކުރި ފަހުންވެސް 10 މައިންބަފައިންގެ ތެރެއިން 7 މައިންބަފައިން ބުނެފައިވަނީ އެމީހުންގެ ކުދިން އަދިވެސް ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ކަމަށެވެ.

ގާނޫނުން ލިބުނު ހަމައެކަނި ހެޔޮ ބަދަލު

  • އާ ކުޑަކުދިންނަށް ހުރަހަކަށްވުން: މި ގާނޫނުގެ ސަބަބުން، ކުރިން ސޯޝަލް މީޑިއާ ބޭނުންނުކުރާ (އުމުރުން 12 އަހަރުން ދަށުގެ) ކުދިން އެޕްތައް ޑައުންލޯޑް ކުރުން ހުއްޓުވަން މައިންބަފައިންނަށް ގާނޫނީ ބާރެއް ލިބުނެވެ. "އެއީ ގާނޫނާ ޚިލާފު ކަމެއް" ކަމަށް ބުނެ މައިންބަފައިންނަށް ކުދިން ހިފެހެއްޓުމުގެ ފުރުސަތު ލިބެއެވެ.

  • ސަގާފީ ބަދަލެއްގެ ފެށުން: މައިންބަފައިންގެ މެދުގައި މިހާރު ވާހަކަދެކެވެނީ އެންމެން އެކުވެގެން ކުދިންނަށް ފޯނާއި ސޯޝަލް މީޑިއާ ނުދީ ހިފެހެއްޓުމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް ޖީލަށް މިއީ އާންމު ކަމަކަށް ނުވެ ހިނގައިދާނެއެވެ.

ޓެކް ކުންފުނިތަކަށް އޮތް އަދަބު

މި ގާނޫނު ހިންގުމުގެ މައިގަނޑު ޒިންމާ އޮތީ ޓެކް ކުންފުނިތަކުގެ ބޮލުގައެވެ. ގާނޫނާ ޚިލާފުވާ ކުންފުނިތަކަށް 34.8 މިލިއަން އެމެރިކާ ޑޮލަރު (49.5 މިލިއަން އޮސްޓްރޭލިއާ ޑޮލަރު) އާ ހަމައަށް ބޮޑެތި ޖޫރިމަނާ ކުރެވޭނެއެވެ. މިހާރުވެސް ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބްގެ މައްސަލަތައް ދަނީ ބަލަމުންނެވެ.

އޮސްޓްރޭލިއާގެ ފިޔަވަޅާ އެކު ހުޅަނގުގެ އެހެން ގައުމުތަކުން ދަނީ އެމީހުންގެ ކޮންޓްރޯލް ދެމެހެއްޓުމަށް ގާނޫނުތަކެއް ހަދަމުންނެވެ. އޭގެ ތެރޭގައި:

  • ކެނެޑާ: 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކުރަން ދަނީ ތައްޔާރުވަމުންނެވެ.
  • ބްރިޓަން: ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ދަނީ ދިރާސާކުރަމުންނެވެ.

އިސްލާމީ އެކަޑެމިކް މުފައްކިރުން ބަޔާންކުރާ ގޮތުގައި، މުޖުތަމައެއްގެ އަޚުލާގާއި ސުލޫކު ރައްކާތެރިކުރެވޭނީ ހުޅަނގުގެ ބާރުތަކުން ހަދާ ބަލިކަށި ގާނޫނުތަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އާއިލީ ނިޒާމު ވަރުގަދަކޮށް، ދީނީ އަދި އިލްމީ ތަރުބިއްޔަތެއްގެ ތެރެއިންނެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން މިހާރު އުންމީދު ކުރަނީ، މިހާރު ތިބި ފުރާވަރުގެ ކުދިން މި ގާނޫނުތަކަށް ބޯނުލެނބި ނަމަވެސް، ދެން އަންނަން އޮތް އާ ޖީލުގެ ކުޑަކުދިންނަށް މީގެއިން ފައިދާއެއް ކުރާނެ ކަމަށެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރާއި ޒަޔަނިސްޓް ރެޖީމުން ދުނިޔޭގެ މީޑިއާއާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުންދާ ފިކުރީ ހަނގުރާމައިގެ ސަބަބުން، ހުޅަނގުގެ ގައުމުތަކަށް އެމީހުންގެ އަމިއްލަ ދަރިންވެސް މި ވަބާއިން ސަލާމަތްކުރެވޭނެ މަގެއް ނެތެވެ.

މިކަމުން ހާމަވަނީ، އެމެރިކާގެ ބާރުގެ ދަށުން ހިންގާ ސިޔާސަތުތަކަކީ ދުނިޔޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލާ، އެއްވެސް ހިކުމަތްތެރިކަމެއް ނެތް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމެވެ.

ހިއްސާ ކުރައްވާ!