ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ ކޮލަމްބިޔާގެ ރައީސް ގުސްތާވޯ ޕެޓްރޯއާއި، ނިއުޔޯކްގެ މޭޔަރު ޒުހްރާން މަމްދާނީ ބޭއްވުމަށް ހަމަޖެހިފައި އޮތް މުހިންމު ބައްދަލުވުމެއް، އެމެރިކާގެ ޚާރިޖިއްޔާއިން ނުފޫޒު ފޯރުވައިގެން ކެންސަލް ކުރުވައިފިއެވެ. މިއީ ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ޒަޔަނިސްޓް ރެޖީމުން ހިންގާ ގަތުލުއާންމުތައް ފޮރުވުމަށާއި، އެމެރިކާގެ އެތެރޭގައި ފާޅުކުރަމުންދާ ހައްގު ބަސްތައް ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެކެވެ.
އެމެރިކާގެ އޮފިޝަލުން ކޮލަމްބިޔާގެ ޚާރިޖީ ވުޒާރާއަށް ބިރުދައްކައި އެންގީ، މި ބައްދަލުވުން ބާއްވައިފިނަމަ، އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް އެމެރިކާއަށް އެތެރެވުމަށް ރައީސް ޕެޓްރޯއަށް ދީފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށެވެ. މީގެ ކުރިން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކްގައި ބޭއްވުނު ފަލަސްތީނުގެ ސަޕޯޓަރުންގެ އެއްވުމެއްގައި ޓްރަމްޕްގެ ސިޔާސަތުތަކަށާއި ޒަޔަނިސްޓް ރެޖީމަށް ފާޑުވިދާޅުވުމާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮލަމްބިޔާގެ ރައީސްގެ ވިސާ ބާތިލުކޮށްފައެވެ.
ޓްރަމްޕްގެ ހުދުމުޚުތާރުކަމާއި ގާނޫނާ ޚިލާފު ފިޔަވަޅުތައް
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ޓްރަމްޕްގެ ސަރުކާރުން ދަނީ ފަލަސްތީނަށް ތާއީދުކުރާ ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އެމެރިކާގެ ފެޑެރަލް ފަނޑިޔާރުންވެސް ވަނީ، ޓްރަމްޕްގެ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފަށް، ބޭއިންސާފުން މީހުންގެ ވިސާތައް ބާތިލުކުރަމުންދާ ކަމަށް ނިންމާފައެވެ.
ރައީސް ޕެޓްރޯއާއި ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރު މަމްދާނީ ހުކުރު ދުވަހު ބޭއްވުމަށް ރޭވި ބައްދަލުވުމަކީ، މަސައްކަތްތެރިންގެ ހައްގުތަކާއި، ދުނިޔޭގައި އިތުރުވަމުންދާ ފަރަގުތަކާ ބެހޭގޮތުން އިލްމީ މާހައުލެއްގައި ބާއްވަން އޮތް ފޯރަމެކެވެ. ނަމަވެސް، ޓްރަމްޕްގެ ނާގާބިލުކަމާއި ހަސަދަވެރިކަމުގެ ސަބަބުން، މި ފުރުސަތު ވަނީ ގެއްލުވާލާފައެވެ.
އދ. ގައި ކޮލަމްބިޔާގެ ރައީސް ދެއްވި ވަރުގަދަ ރައްދު
މި ހުރިހާ ފިއްތުންތަކެއް ކުރިމަތިކުރުވި ނަމަވެސް، ބުދަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ކޮލަމްބިޔާގެ ރައީސް ވަނީ އެމެރިކާގެ ސިފައިން ދެކުނު އެމެރިކާގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ލޭއޮހޮރުވުންތަކަކީ "މީހުން މެރުން" ކަމަށް ސިފަކުރައްވާފައެވެ. އަދި ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު ދައުލަތަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، ހައްގު ބަސް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ސަރުކާރުން ކޮލަމްބިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ގައުމުގެ ކަނާތު ފިޔައިގެ ކެންޑިޑޭޓަށް ތާއީދުކޮށްފައި ވީނަމަވެސް، ރައީސް ޕެޓްރޯ ދަނީ އެމެރިކާގެ އިސްތިއުމާރީ ރޭވުންތަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވަމުންނެވެ.







