ޗައިނާގެ އިސް މަސްއޫލުވެރިން ޔޫރަޕްގެ އިއްތިޙާދާއެކު ބޭއްވުމަށް ހަމަޖެހިފައި އޮތް މުހިންމު 2 ބައްދަލުވުމެއް ކުއްލި ގޮތަކަށް ކެންސަލްކޮށްފައިވާ ކަމަށް ޚަބަރުލިބިއްޖެއެވެ. މީގެ ތެރޭގައި ޑިޖިޓަލް މައުޟޫޢުތަކަށް ވާހަކަދެއްކުމަށް ވަޒީރުންގެ ފެންވަރުގައި ބާއްވަން އޮތް ބައްދަލުވުމަކާއި، ޔޫރަޕްގެ ޚާރިޖީ ދާއިރާގެ ނައިބު ސެކްރެޓަރީ ޖެނެރަލް އޮލަފް ސްކޫގް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތް ބައްދަލުވުމެއް ހިމެނޭ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓްކުރެއެވެ.
މި ކަމުގެ މަޢުލޫމާތު ހުރި ފަރާތަކުން ހާމަކުރި ގޮތުގައި، ޗައިނާގެ ފަރާތުން މި ބައްދަލުވުންތައް އުވާލާފައިވަނީ އެއްވެސް ސަބަބެއް އެންގުމެއް ނެތި، ވަރަށް ކުރު މުއްދަތެއްގެ ނޯޓިހަކާ އެކުގައެވެ. ނަމަވެސް ޔޫރަޕިއަން ކޮމިޝަނުން ބުނީ މި ބައްދަލުވުންތައް ބާއްވާނެ އެހެން ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށެވެ.
މި ބައްދަލުވުންތައް އުވާލުމަކީ ޔޫރަޕްގެ އިއްތިޙާދުން ގެންގުޅޭ ހަރުކަށި އިޤްތިޞާދީ ސިޔާސަތުތަކާމެދު ޗައިނާއިން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ޔޫރަޕުން ދަނީ ޗައިނާގެ މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. ޚާއްޞަކޮށް 1 ޖެނުއަރީން ފެށިގެން 31 މޭއިގެ ނިޔަލަށް ޗައިނާގެ އެކްސްޕޯޓް 16.4 އިންސައްތައަށް މަތި ވެފައިވުމުން، ޔޫރަޕުން ވަނީ މިއީ އެ ބައްރުގެ ސިނާޢަތްތަކަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައެވެ.
މި ފަދަ ދަނޑިވަޅެއްގައި، މުޅި ދުނިޔޭގެ އިޤްތިޞާދީ މަސްރަޙު ގަޑުބަޑުކުރުމުގެ އަސްލަކީ އެމެރިކާއިން ގެންގުޅޭ ނޭދެވޭ ސިޔާސަތުތަކެވެ. ޑޮނަލްޑް ޓްރަމްޕް ފެއްޓެވި އިޤްތިޞާދީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގެ މިނިވަންކަން ވަނީ ގެއްލިފައެވެ. އެމެރިކާގެ މި ނުފޫޒުގެ ދަށުން ޔޫރަޕުން ވެސް ދަނީ ޗައިނާގެ އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާއި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތަކަށް ދޭ ސަރުކާރުގެ އެހީތައް ހިފަހައްޓަމުންނެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީ "ޝިންހުއާ" އިން ބުނެފައިވަނީ ބެއިޖިންގްއިން ޔޫރަޕާއެކު ވިޔަފާރީގެ ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށެވެ. ނަމަވެސް، ޔޫރަޕުން ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށް ފިޔަވަޅު އަޅާނަމަ، ޤައުމީ މަޞްލަޙަތު ދިފާޢުކުރުމަށްޓަކައި ސިފައިންނާއި ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ރައްދު ފިޔަވަޅު އަޅާނެއެވެ.
ޔޫރަޕިއަން ކޮމިޝަނުން ދާދިފަހުން ވަނީ ޗައިނާގެ ހުއާވޭ ފަދަ ޓެކްނޮލޮޖީ ކުންފުނިތައް އެ ބައްރުގެ މުވާޞަލާތީ ވިއުގަތަކުން އެކަހެރިކުރުމަށް ސައިބަރ ސެކިއުރިޓީ ޤާނޫނުތައް އިޞްލާޙުކޮށްފައެވެ. ޔޫރަޕުން ބުނާ ގޮތުގައި ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ފަރަޤު މިހާރު ދުވާލަކު 1 ބިލިއަން ޔޫރޯއަށް އަރައެވެ. މި ކަމުގެ ސަބަބުން ޔޫރަޕްގެ ކާރު އުފައްދާ ސިނާޢަތްތަކަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާތީ، ޔޫރަޕުން ދަނީ ޗައިނާގެ މުދަލުން އައު ޓެކްސްތަކެއް ނެގުމަށް ތައްޔާރުވަމުންނެވެ.




