އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުރާސްފަތި ދުވަހުގެ ރޭ އިރާނަށް ދިނުމަށް ރާވާފައި އޮތް އަސްކަރީ ހަމަލާތަކެއް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ މި ހަމަލާތައް ހުއްޓާލީ އިރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބުމާ ގުޅިގެން ކަމަށެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނާއެކު ކުރެވުނު މަޝްވަރާތައް މިހާރު ވަނީ އެ ގައުމުގެ އެންމެ މަތީ ލީޑަރޝިޕާ ހަމައަށް ފޯރާފައި ކަމަށާއި، ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ރުހުން މިކަމަށް ލިބިފައިވާ ކަމަށެވެ. މި ކަމުގެ ތެދޮގު އަދި ސާބިތެއް ނުކުރެވެއެވެ.
ޓްރަމްޕްގެ ބަޔާނުގެ މުހިންމު ބައިތައް:
-
އެއްބަސްވުން އޮތީ ތައްޔާރަށް: އިރާނާއެކު އެކުލަވާލާ އެއްބަސްވުން މިހާރު އޮތީ "ފުރިހަމަވުމުގެ" މަރުހަލާގައެވެ. މި އެއްބަސްވުމުގައި ސޮއިކުރާނެ ތަނަކާއި ގަޑިއެއް ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.
-
ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮންނާނެ: އެއްބަސްވުމުގެ ކަންކަން މުޅިން ނިމެންދެން، އިރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހިސާރު އެގޮތުގައި ކުރިއަށްދާނެއެވެ.
-
ބައިނަލްއަގުވާމީ އެހީތެރިކަން: މި މަޝްވަރާތަކުގައި އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރެއިން، ކުވެއިތު، އުރުދުން، މިސްރު، ޕާކިސްތާން، ތުރުކީ އަދި އިސްރާއީލް ފަދަ ގައުމުތަކުން ބައިވެރިވެފައިވެއެވެ.
އިސްރާއީލަށް ބޮޑު ސިހުމެއް!
ޓްރަމްޕްގެ މި ކުއްލި އިއުލާނާއެކު އިސްރާއީލުގެ އިސް މަސްއޫލުވެރިންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އިސްރާއީލުގެ "އައި24″ ޓީވީ ޗެނަލުން ރިޕޯޓްކުރި ގޮތުގައި، އެ ގައުމުގެ ދެ އޮފިޝަލަކު ވަނީ ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން ހައިރާންކަން ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. "މިކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި، އިރާނުގެ ފަރާތުން މިކަމާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކަށް އަހަރެމެން އިންތިޒާރު ކުރަންޖެހޭ." އިސްރާއީލުގެ އިސް އޮފިޝަލެއް ބުންޏެވެ.






