އީރާނުގެ ދައުލަތުގެ ޓީވީން ނިއުކްލިއަރ ގޮވުމެއްގެ މަންޒަރު ދައްކައިފި

އީރާނުގެ ދައުލަތުގެ ޓެލެވިޜަން، އައިއާރްއައިބީ އިން ހުކުރު ދުވަހު ގެނެސްދިން ޚަބަރުތަކެއްގެ ތެރޭގައި، ސިޓީއެއްގެ މަތީގައި ނިއުކްލިއަރ ބޮމެއް ގޮވާ މަންޒަރު ސިފަވާ ފަދަ ވީޑިއޯއެއް ބްރޯޑްކާސްޓްކުރުމާ ގުޅިގެން ބޮޑު ބިރުވެރި ކަމެއް އުފެދިއްޖެއެވެ.

މި ތްރީ ޑީ ގްރެފިކްސްތަކުން ފެނިގެންދިޔައީ، ނަން ހާމަނުކުރާ ސިޓީއެއްގެ މަތީގައި ވަރަށް އާދަޔާހިލާފު އައްޔެއް ފެނުމަށްފަހު، ހަންޑި ކުޑައެއްގެ ސިފައިގައި، ބޯ ދުންތަކެއް މައްޗަށް އަރައިގެންދާ މަންޒަރެވެ. މި މަންޒަރުތަކަކީ އާންމުކޮށް ނިއުކްލިއަރ ހަމަލާއެއް ދިނުމުން ފެންނަ މަންޒަރު ސިފަވާ ގޮތަށް ހަދާފައިވާ މަންޒަރުތަކެކެވެ.

މިކަމާ ގުޅިގެން އީރާނުގެ އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދި، އިންޓަނެޓްގައި ގިނަ ބަޔަކު ވަނީ ޓީވީ ސްޓޭޝަން ހެކްކުރީކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް، ފަހުން އެ ޓީވީ ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ ޕްރޮގްރާމް އެޑިޓްކުރުމުގެ މަރުހަލާގައި ހެދުނު "އިންތިޒާމީ ގޯހެއް" ކަމަށެވެ. އަދި ޓީވީ ސްޓޭޝަން ހެކްކޮށްފައި ނުވާނެ ކަމަށް ވެސް އެ ސްޓޭޝަންގެ ނިއުސް އެންކަރަކު ވަނީ ލައިވްކޮށް ޔަގީންކޮށްދެއްވާފައެވެ.

އީރާނަކީ ދުޝްމަނުންނަށް ނުސީދާކޮށް ނަފްސާނީ ހަނގުރާމައަށް ބޭނުންވާ މި ފަދަ މިސެޖުތައް ދިނުމަށް މަޝްހުރު ބައެކެވެ. މިއީ ދުޝްމަނުންނަށް އަމާޒުކޮށްފައިވާ އެފަދަ މެސެޖެއް ކަމަށް ލަފާ ކުރެވެއެވެ.

މިކަން ދިމާވެފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަނގުރާމަ ނިންމާލައި، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ސުލްހައިގެ ބޮޑު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތައް އީރާނުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވި ގޮތުގައި، އެފަދަ އެއްބަސްވުމަކާ ގުޅޭގޮތުން އެއްވެސް ފަހުގެ ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ. އަދި ޓްރަމްޕް އެ ވިދާޅުވާ އެއްބަސްވުމުގެ ވާހަކަތަކަކީ "ހަމައެކަނި އޭނާގެ ވަސްވާސީ ލަފާކުރުންތަކެއް" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!