އިސްރާއީލުގެ ސައިބަރ ކުންފުންޏަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ފަރަންސޭސިވިލާތުން ކޮށްފި

އިސްރާއީލުގެ އަމިއްލަ ސައިބަރ ކުންފުންޏެއް ކަމަށްވާ "ބްލެކް ކޯ"  އިން ފަރަންސޭސިވިލާތާއި، އެމެރިކާގެ ނިއު ޔޯކް ސިޓީ އަދި ސްކޮޓްލޭންޑްގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި ދޮގު މަޢުލޫމާތު ފެތުރުމުގެ ބޮޑު ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ފަރަންސޭސި ޖާސޫސީ އިދާރާއަކުން ތުހުމަތުކޮށްފިއެވެ.

ފަރަންސޭސި ބޮޑުވަޒީރުގެ އޮފީހުގެ ދަށުން ހިންގާ، ޑިޖިޓަލް ދޮގު މަޢުލޫމާތު ހޯދާ އެޖެންސީ "ވީޖިނަމް"ގެ ރައީސް މާކް އެންތަނީ ބްރީލަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ކުންފުނީގެ ސައިބަރ ހަރަކާތްތައް ދުނިޔޭގެ އެކި ބައްރުތަކަށް ފެތުރިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެފްރިކާގެ ގައުމުތައް ކަމަށްވާ އެންގޯލާ އަދި ޓޯގޯ ވެސް ހިމެނެއެވެ.

ފަލަސްޠީނަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް އަމާޒުވި ހަމަލާތަކެއް

މިދިޔަ މާރިޗު މަހު ފަރަންސޭސިވިލާތުގައި ބޭއްވި ލޯކަލް އިންތިޚާބުގައި، ފަލަސްޠީނުގެ ދިފާއުގައި ފާޅުގައި ވާހަކަދައްކާ ވާތުފިޔައިގެ ޕާޓީއެއްގެ ތިން ކެންޑިޑޭޓަކާ ދެކޮޅަށް އިންޓަނެޓުގައި އަބުރު ކަތިލުމުގެ ބޮޑު ކެމްޕޭނެއް "ބްލެކް ކޯ" އިން ހިންގިކަން ފަރަންސޭސިވިލާތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމައެއާއެކު، އެމެރިކާގެ ނިއު ޔޯކް ސިޓީގެ އިންތިޚާބުގައި ފަލަސްޠީނަށް ތާއީދުކުރުމުގެ ސަބަބުން އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ކެންޑިޑޭޓް ޒަހްރާން މަމްދާނީއަށް އަމާޒުކޮށްގެންވެސް މި ނެޓްވޯކުން ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި ސްކޮޓްލޭންޑްގެ ބޮޑުވަޒީރު ޖޯން ސުއިނީއާ ދެކޮޅަށްވެސް މިފަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަރަންސޭސި ސަރުކާރުން އިސްރާއީލުގެ އެހީއަށް އެދެފި

ފަރަންސޭސި ސަރުކާރުން މިހާރު ވަނީ މި ސައިބަރ ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ހޯދުމަށާއި، މިކަމަށް ފައިސާ ޚަރަދުކުރި އަސްލު ފަރާތް ދެނެގަތުމަށް އިސްރާއީލުގެ ރަސްމީ އިދާރާތަކުގެ އެހީތެރިކަމަށް އެދިފައެވެ. ފަރަންސޭސި މަސްއޫލުވެރިން ވިދާޅުވި ގޮތުގައި، މިފަދަ އަމިއްލަ ކުންފުންޏެއްގެ ހަރަކާތްތައް ހުއްޓުވުމަކީ އެ ގައުމެއްގެ ޒިންމާއެކެވެ.

މި މައްސަލަ ބޮޑުވުމާއެކު، "ބްލެކް ކޯ" ކުންފުނިން ވަނީ އިންޓަނެޓުގައި އެމީހުންގެ ހުރި ހުރިހާ ވެބްސައިޓްތަކާއި މަޢުލޫމާތުތައް ފޮހެލާފައެވެ. އެ ކުންފުނިން މީގެ ކުރިން އަމިއްލައަށް ސިފަކޮށްފައިވާ ގޮތުގައި އެއީ "ޒަމާނީ މަޢުލޫމާތުގެ ހަނގުރާމައިގެ ޒަމާނަށް ޚާއްޞަކޮށް، ސަރުކާރުތަކުގެ ސިޔާސީ ކެމްޕޭންތަކުގެ ރަސްމީ ވާހަކަތައް ބޭނުންގޮތަކަށް އަނބުރާލުމުގެ ބާރު" ލިބިގެންވާ މޮޅު ޓެކްނޮލޮޖީގެ ކުންފުންޏެކެވެ.

މި މައްސަލައިގައި އެމެރިކާގެ އެފް.ބީ.އައިއާއި ސްކޮޓްލޭންޑްގެ އިންތިޚާބީ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!