އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާޢީލް ބަޤާއީ، ކީރިތި ޤުރުއާނުގެ އާލަޢިމްރާން ސޫރަތުގެ 111 ވަނަ އާޔަތް ހިމަނުއްވައިގެން ހުކުރު ދުވަހުގެ ހެނދުނު އެކްސްގައި ކުރެއްވި ޓްވީޓަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ މެސެޖެކެވެ. އޭނާ ޓްވީޓް ކުރެއްވި ޓުއީޓުގެ މާނަ ދަނެގަތުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
لَن يَضُرُّوكُمْ إِلَّآ أَذًۭى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ ١١١
އުނދަގޫކުރުންނޫން އެހެންގޮތަކުން އެއުރެންނަކަށް ތިޔަބައިމީހުންނަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރާނަމަ، ތިޔަބައިމީހުންނަށް ފުރަގަސްދީ (ބަލިވެގެން) އެއުރެން ހިނގައިދާނެތެވެ. ދެން، އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ. (3:111)
މި ޓްވީޓް ކުރަން މެދުވެރިވި ސަބަބު
މި ޓްވީޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުން އީރާނުން ދިން ސިޔާސީ އަދި ނަފްސާނީ ރައްދެކެވެ.
-
ޖޯޖިއާގެ ޑެޕިއުޓީ ގަވަރުނަރު ބާރޓް ޖޯންސަށް ތާއީދު ހޯދުމަށް ބޭއްވި އޮންލައިން އެއްވުމެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން އީރާނާއެކު އޮތް "ހަނގުރާމަ ނިމުމަކަށް ގެނެސްފި" ކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުން ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ ފަހުމުނާމާއެއް އެކުލަވާލާފައިވާ ކަމަށާއި، އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އާޔަތުން ދޭހަކޮށްދޭ ސިޔާސީ މާނަ
އީރާނުގެ ތަރުޖަމާން ޓްރަމްޕްގެ މި އޮޅުވާލުމަށް ރައްދު ދެއްވުމަށް ޤުރުއާނުގެ އާޔަތެއް ބޭނުންކުރެއްވީ އީރާނުގެ "ގުޑުމެއްނެތް ބާރުގަދަކަން" ދެއްކުމަށެވެ. މި އާޔަތް ހިމެނުމުގެ މައިގަނޑު ބޭނުމަކީ:
- ދުޝްމަނުންގެ ބަލިކަށިކަން ދެއްކުން: އެމެރިކާއާއި އޭގެ ބައިވެރިންނަށް އީރާނަށް ދެވޭނީ ހަމައެކަނި "އުނދަގުލެއް" އަދި ދަތިކުރުމުގެ ފިޔަވަޅުތަކެއް ފަދަ ކަންކަން ކަމަށާއި، ބޮޑު ގެއްލުމެއް ނުދެވޭނެކަން ހަނދާންކޮށްދިނުމެވެ.
- ބިރުނުގަންނަކަން ހާމަކުރުން: ހަނގުރާމައެއް ކުރިނަމަވެސް ދުޝްމަނުން ފިލާނެ ކަމަށާއި، އެމީހުންނަށް ކާމިޔާބެއް ނުލިބޭނެކަން ބަޔާންކޮށް، ޓްރަމްޕްގެ ވާހަކަތަކަށް އީރާނުން ބޯނުލަނބާނެކަމުގެ މެސެޖު ދިނުމެވެ.
އީރާނުން ބޭނުންވީ ޓްރަމްޕް އެ ވިދާޅުވާ އެއްބަސްވުމަކީ އީރާނުން ބިރުގަނެގެން ނުވަތަ ބަލިވެގެން ވީ އެއްބަސްވުމެއް ނޫންކަމާއި، އީރާނުގެ މަޤާމު އަދިވެސް އޮތީ މާ ވަރުގަދަކޮށްކަން ދުނިޔެއަށް ދެއްކުމަށެވެ. އެމެރިކާއާ ދެކޮޅަށް ނަފްސާނީ ހަނގުރާމަ ކުރުމުގައި އީރާނުން ކުރި ހޯދައެވެ!




