ހުޅަނގުގެ ބައެއް ގައުމުތަކާއި އެމެރިކާ ގެ 23 ގައުމަކުން އެކުލަވާލައި، އީރާނާ ދެކޮޅަށް ނެރުނު ބަޔާނަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އީރާނުން އެ ބަޔާން ހަރުކަށި އިބާރާތުން ރައްދުކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު ކާޒިމް ޣަރީބުއާބާދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ ރަސްމީ މުއައްސަސާތަކަށް އަމާޒުކޮށް އެއްވެސް ހެއްކެއް ނެތް ބާތިލު ތުހުމަތުތަކެއް ކުރި ގައުމުތަކަކީ އަމިއްލައަށް އީރާނުގެ އިސްތިގްލާލަށް އަރައިގަނެ، ޓެރަރިސްޓް ޖަމާއަތްތަކަށް ހިމާޔަތްދީ، އިސްރާއީލުގެ ޖަރީމާތަކަށް ވާގިވެރިވާ ގައުމުތައް ކަމަށެވެ. އެހެންކަމުން އީރާނަށް ފާޑުކިޔުމުގެ އެއްވެސް އަޚްލާޤީ އަދި ޤާނޫނީ ހައްގެއް އެ ގައުމުތަކަށް ލިބިގެން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ 23 ގައުމަކީ:
- އަލްބޭނިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފަރަންސޭސިވިލާތް، ފިންލޭންޑް، ޖަރުމަނުވިލާތް، އަޔަރލޭންޑް، ލެޓްވިއާ، ލިތުއޭނިއާ، ނެދަލޭންޑްސް، ނިއުޒީލޭންޑް، ނޯތު މެސެޑޯނިއާ، ނޯވޭ، ޕޯޗުގަލް، ސްޕެއިން، ސްވީޑަން، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.
ޣަރީބުއާބާދީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފަށް އެއްވެސް އަމަލެއް ހިންގުމަކީ އީރާނުން ކުރާނެ ކަމެއް ނޫނެވެ. އަދި މިފަދަ ގުޅިފައިވާ ބަޔާންތައް ނެރުމުގެ އަސްލު ބޭނުމަކީ އީރާނަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމާއި، އެ ގައުމުތަކުން އަމިއްލައަށް ހިންގާ އުދުވާންތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކުން ދުނިޔޭގެ ސަމާލުކަން އަނބުރާލުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން އީރާނުން ވަނީ ގައުމީ ސަލާމަތާއި މިނިވަންކަމާ މެދު އެއްވެސް ވަރަކަށް ދޫނުދޭނެ ކަމަށާއި، އީރާނާ ދެކޮޅަށް ހިންގާ ކޮންމެ ހަތިޔާރެއްގެ ބޭނުންކުރުމަކަށް ހަމަހަމަ ގޮތެއްގައި، ހަރުދަނާ ސިޔާސީ އަދި ޤާނޫނީ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.




