އީރާނުން ބުނަނީ 14 މާއްދާ ހިމެނޭ ކަމަށް: އެމެރިކާ އިން ބުނަނީ ލިޔުން ލީކްކޮށްފައި ނުވާނެ ކަމަށް

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާ ފަހުމުނާމާގެ ދަށުން އީރާނުގެ ބަނދަރުތަކުގެ ބަންދު އުވާލައި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުން ހިމެނޭހެން 14 މާއްދާގެ މައްޗަށް އެކުލެވޭ ރަސްމީ ލިޔުމުގެ ކޮޕީއެއް ތައްޔާރުވެފައިވާ ކަމަށް އީރާނުގެ މީޑިއާ ހާމަކޮށްފިއެވެ.

އީރާނުގެ "މެހެރް" ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ވަގުތީ އެއްބަސްވުމުގެ ލިޔުމުގައި ހިމެނޭ އެންމެ މުހިންމު ނުކުތާތަކަކީ، ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ވަގުތުން ހުއްޓާލުމާއި، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމެވެ. މީގެ އިތުރުން، އީރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ހުރަސްތައް ނައްތާލައި، ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 24 ބިލިއަން ޑޮލަރު ދޫކުރުމާއި، އީރާނުގެ އިޤްޠިޞާދު އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އެމެރިކާއާއި ބައިވެރިން ހުށަހެޅުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އީރާނުން ވައުދުވާއިރު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ނިއުކްލިއަރ މައްސަލައިގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެއެވެ. ނަމަވެސް، މި މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ހަތިޔާރުއެޅި ޖަމާއަތްތަކަށް ދޭ ތާއީދުގެ މައްސަލަ މުޅިން އިސްތިސްނާ ކުރެވޭނެއެވެ.

14 ނުކުތާގައި ހިމެނެނީ:

  1. ލުބުނާން ހިމެނޭހެން، ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުން.

  2. އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށާއި، އީރާނުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރުމަށް އެމެރިކާއިން ވައުދުވުން.

  3. އެމެރިކާއިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބަންދު ހިސާރު 30 ދުވަހުގެ ތެރޭގައި މުޅިން އުވާލުން.

  4. އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން ސިފައިން ބޭލުމަށް އެމެރިކާއިން އިލްތިޒާމްވުން.

  5. އީރާނުން ނިންމާ އިންތިޒާމްތަކާ އެއްގޮތަށް، 30 ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން.

  6. ތެލާއި، ޕެޓްރޯކެމިކަލްސް އަދި އޭގެ އުފެއްދުންތައް ބޭރުކުރުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މެދުކަނޑާލުމާއި، އީރާނަށް ލިބެންޖެހޭ މާލީ އާމްދަނީ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުޞަތު ދިނުން.

  7. އީރާނުގެ އިޤްޠިޞާދު އާރާސްތުކުރުމަށްޓަކައި މަދުވެގެން 300 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އެމެރިކާއާއި އެގައުމުގެ ބައިވެރިން ހުށަހެޅުން.

  8. ނިއުކްލިއަރ މައްސަލައަށާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ އެޓަމިކް ހަކަތައާ ބެހޭ އެޖެންސީގެ ނިންމުންތައް މުޅިން އުވާލުމަށް އަމާޒުކޮށް، ފަހުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް 60 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ފެށުން.

  9. ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމުގެ މުޢާހަދާ އެންޕީޓީއަށް ބޯލެނބުމާއި، ނިއުކްލިއަރ ހަތިޔާރު ތަރައްޤީނުކުރުމަށް އީރާނުން ވެފައިވާ ވައުދު އާކުރުން.

  10. މަޝްވަރާގެ މުއްދަތުގައި ސަރަހައްދަށް އަސްކަރީ ބާރުތައް އިތުރުނުކުރުމަށާއި، އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޭޅުމަށް ވޮޝިންގޓަނުން އިލްތިޒާމްވުން.

  11. މަޝްވަރާގެ މުއްދަތުގެ ތެރޭގައި އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 24 ބިލިއަން ޑޮލަރު ދޫކުރުން، އަދި މީގެ ތެރެއިން ދެބައިކުޅައެއްބައި މަޝްވަރާތައް ފެށުމުގެ ކުރިން ލިބޭނެގޮތް ހެދުން.

  12. އެއްބަސްވުން ތަންފީޛުވަމުންދާ މިންވަރު ބެލުމަށްޓަކައި ޗެކްކުރާނެ މޮނިޓަރިންގ މެކޭނިޒަމް އުފެއްދުން.

  13. ފަހުގެ ދާއިމީ އެއްބަސްވުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ފާސްކުރުން.

  14. ހިފަހައްޓާފައިވާ ފައިސާގެ ބައެއް ދޫކޮށް، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް މެދުކަނޑާލައި، ކަނޑުގެ ބަންދު އުވާލުމުގެ ކުރިން ފަހުގެ މަޝްވަރާތައް ނުފެށުން؛ އަދި މި މަޝްވަރާތައް ހަމައެކަނި ޔުރޭނިއަމް މުއްސަނދިކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިޤްޠިޞާދު އާރާސްތުކުރުމުގެ މައްޗަށް ޚާއްޞަކުރުމާއެކު، އީރާނުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީ އެކުވެރި ޖަމާއަތްތަކަށް ދޭ ތާއީދުގެ ބައި މުޅިން އުނިކުރުން.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ "އިރްނާ" އިން ބުނި ގޮތުގައި، މި އެއްބަސްވުމުގައި ހުރްމުޒް ކަނޑުއޮޅީގެ އިދާރީ ހިންގުން އެހެން ބަޔަކަށް ބަދަލުކުރުމުގެ އެއްވެސް ޝަރުޠެއް ހިމަނާފައެއް ނުވެއެވެ. އެއީ އީރާނާއި އޮމާން ގުޅިގެން ނިންމާނެ ސަރަހައްދީ މައްސަލައެކެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާން ވިދާޅުވީ، މި ލިޔުން މިހާރު އޮތީ އީރާނުގެ އެންމެ މަތީ މަޖިލީހުގެ ފަހުގެ ނިންމުމަކަށް އިންތިޒާރުގައެވެ.

ދެގައުމުގެ ދެމެދުގައި މަހެއްހާ ދުވަހުގެ މަޝްވަރާތަކަށްފަހު ތައްޔާރުކުރި މި ލިޔުމަކީ އީރާނުގެ ގައުމީ މަސްލަހަތާއި ދެ ގައުމުގެ ރަތް ރޮނގުތަކަށް އިޙްތިރާމްކޮށްގެން ހަދާފައިވާ ލިޔުމެއް ކަމަށް އީރާނުން ބުނާއިރު، އެމެރިކާއިން ބުނެފައިވަނީ ރަސްމީ އެއްބަސްވުމުގެ އެއްވެސް ލިޔުމެއް މިހާތަނަށް ލީކްކޮށްފައި ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!