ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނަށް އެއްވެސް އަދަދަކަށް ފައިސާ ފޮނުވާފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާއިން ފަތުރަމުންދާ ވާހަކަތައް އެ ގައުމުން ހުކުރު ދުވަހު ދޮގުކޮށްފި އެވެ.
ހާއްސަކޮށް، 3 ބިލިއަން ޑޮލަރު އީރާނަށް ބަދަލުކުރި ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ. ދައުލަތުގެ ރަސްމީ ނިއުސް އެޖެންސީ، ވާމް މެދުވެރިކޮށް ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ، ފޭރިގެންފައިވާ އީރާނުގެ އެއްވެސް ފައިސާއެއް ޔޫއޭއީ މެދުވެރިކޮށް ދޫކޮށްފައި ނުވާނެ ކަމަށެވެ.
"މިފަދަ ދޮގު އިލްޒާމްތަކަކީ އެއްވެސް ހެއްކެއް ނުވަތަ އިތުބާރު ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން މީޑިއާއަށް އިލްތިމާސްކުރަމުން އެ މިނިސްޓްރީން ބުނީ، ހަބަރު ފެތުރުމުގައި "އެންމެ އިތުބާރު ހުރި ރަސްމީ މަސްދަރުތަކުން" މައުލޫމާތު ސާފުކުރުމަށާއި، ކަށަވަރު ނުކުރެވޭ އަދި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ގޮވާލާ ކަމަށެވެ.
މިފަހުން އީރާނުން ދިން ހަމަލާތަކުގައި ސައުދީ އަރަބިއްޔާ އާއި ގަތަރު އަދި ޔޫއޭއީއަށް އީރާނުން ހަމަލަ އަމާޒު ނުކުރީ ކީއްވެތޯ ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ.




