އަރަބި ސަރަޙައްދުގައި ފިތުނަ ފަސާދަ އުފައްދައި، އިސްލާމީ އުންމަތް ބައިބައިކޮށްލުމަށް ޒަޔަނިސްޓު ރެޖީމުން ކުރަމުންދާ ރޭވުންތަކުގެ އެއް ހާދިސާ މުޅިން ނާކާމިޔާބުވާ ހެން ހީވާތީ ތެލްއަވީވްގައި ކަންބޮޑުވުން އިތުރު ވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ސުލްހައިގެ ތާރީޚީ ފަހުމުނާމާއަކަށް ވަޑައިގަންނަވާކަން އިޢުލާންކުރެއްވުމާ ގުޅިގެން، އިބްލީސް މިހާރު އޭނާގެ ވަޒީފާ ދޫކޮށްލީތޯ އަހައި، ތެލް އަވީވްގައި ސުއާލު ކުރަން ފަށައިފިއެވެ.
"އެކްސިއޯސް" ވެބްސައިޓުން ހާމަކުރި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ޒަޔަނިސްޓު ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތެހެރާނާއެކު ފަހުމުނާމާގައި ސޮއިކުރާނެކަން އަންގަވާފައެވެ. "މިއީ އެއްބަސްވުމަކީ. މިއީ ވަރަށް ފުރިހަމަ އެއްބަސްވުމެއް. މި ހަނގުރާމަ ނިންމާލަންވީ ވަގުތު ޖެހިއްޖެ." ޓްރަމްޕް ނަތަންޔާހޫއަށް ވިދާޅުވި ކަމަށް އެކްސިއޮސް ބުނެއެވެ.
މި އެންގުމާއެކު، އީރާނުގެ ނިޒާމު ބަދަލުކޮށްލުމަށް ނަތަންޔާހޫ ދެކެމުންދިޔަ ހުވަފެންތައް ވަނީ ވެއްޔާ މޮޑެވިފައެވެ. އަދި އިންތިޚާބަކާ ކުރިމަތިލާ ނަތަންޔާހޫއަށް އިބްލީސް ކެހި ދިނީ ކަމަށް ބުނެ ޝަކުވާ ކުރާ ކަމަށްވެސް އޭނާގެ ގާތްފަރާތްތަކުން ބުނެއެވެ! އީރާނުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ކާމިޔާބީގެ ކުރިމަތީގައި ޒަޔަނިސްޓުންގެ ބާރު ކެނޑި، ތެލް އަވީވުން އިޢުލާންކުރި އެއްވެސް ލަނޑުދަނޑިއެއް ޙާޞިލުނުވެ ހަނގުރާމަ ނިމިގެންދާނެތީ ޔަހޫދީ ރެޖީމަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ނަތަންޔާހޫއަށް ސިއްރުން ރޭވި އެއްބަސްވުން: ޒަޔަނިސްޓުން ބާކީވެއްޖެ
މި އެއްބަސްވުމުގެ ޚަބަރު އިޢުލާންކުރެވުނީ ނަތަންޔާހޫއަށް ސިއްރުންނެވެ. އެކްސިއޯސްއިން ރިޕޯޓްކުރި ގޮތުގައި، މި ހަފުތާގެ ކުރީކޮޅު ނަތަންޔާހޫ ރާވަމުންދިޔައީ އީރާނުގެ ހަކަތައާއި އުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ޙަމަލާތަކެއްދީ، ސަރަޙައްދު އިތުރު ހަލާކެއްގެ ތެރެއަށް ވައްޓާލުމަށެވެ. ނަމަވެސް، ފަހު ވަގުތު ޓްރަމްޕް މެދުވެރިވެ، އެ ޖަރީމާ ވަނީ ހުއްޓުވާފައެވެ.
މަޢުލޫމާތު އެނގޭ އެމެރިކާގެ މަސްދަރަކުން ބުނި ގޮތުގައި، ނަތަންޔާހޫ ހުރީ މި މަޝްވަރާތަކުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ ހާލަތެއްގައެވެ. އޭނާ ބާކީވެފައި ހުރުމުގެ ސަބަބުން، ޓްރަމްޕް ކުރިއަށްގެންދަވާ މަޝްވަރާތަކުގެ މަޢުލޫމާތު ހޯދުމަށް ވޮޝިންޓަނުގައި ތިއްބެވި އޭނާގެ ބައިވެރިންގެ ކިބައިން އާދޭސްކުރަން ޖެހުނެވެ. ބުރާސްފަތި ދުވަހު ޓްރަމްޕް އެއްބަސްވުމާ ބެހޭގޮތުން ކުރެއްވި ޕޯސްޓުން ނަތަންޔާހޫ ސިއްސައިގެން ދިޔައިރު، ފޯނު ކޯލްގައި ޓްރަމްޕާ ދެކޮޅަށް އެއްޗެއް ބުނަންވެސް އޭނާއަށް ކެރިފައެއް ނުވެއެވެ.
އިސްރާއީލުގެ އެތެރޭގެ ސިޔާސީ މަސްރަޙުން ނަތަންޔާހޫއަށް ކުރިމަތިވަމުންދަނީ ބޮޑެތި ފާޑުކިޔުންތަކެކެވެ. ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް، އޭނާގެ ސިޔާސީ ވާދަވެރިން ތުހުމަތުކުރާ ގޮތުގައި، ޓްރަމްޕްގެ ހުރިހާ ޝަރުޠުތަކަކަށް ބޯލަނބައި، ނަތަންޔާހޫ ވަނީ އިސްރާއީލަކީ އެމެރިކާގެ ދަށުވެފައިވާ، އަމިއްލަ ބާރެއް ނެތް "ނިކަމެތި ރެޖީމަކަށް" ބަދަލުކޮށްފައެވެ.
މަތީ ފެންވަރުގައި ޓްރަމްޕަށް ފާޑުކިޔަން ނުކެރުނަސް، ޒަޔަނިސްޓު މަސްއޫލުވެރިން ސިއްރު ބައްދަލުވުންތަކުގައި ދަނީ މި އެއްބަސްވުމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބިރުގަންނަނީ އީރާނުގެ ޙިކުމަތްތެރި ސިޔާސަތުގެ ސަބަބުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އީރާނުގެ ތެލުގެ ވިޔަފާރި އަލުން ފަށައި، އިޤްތިޞާދު ވަރުގަދަވެ، ޔަހުދީ ރެޖީމް އީރާންގެ ކުރިމަތީގައި ހީނަރު ވެދާނެތީ އެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ބުނި ގޮތުގައި، ޓްރަމްޕް މި އެއްބަސްވުން ކުރިއަށްގެންދަވަނީ ހަމައެކަނި އެމެރިކާގެ މަޞްލަޙަތަށެވެ. އަދިވެސް ނުބައި ރޭވުންތަކުގައި ދެމިހުރި ކާޓްޒް ބުނީ، އީރާނާ ދެކޮޅަށް އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބާރު އިސްރާއީލަށް އެބައޮތް ކަމަށާއި، އެކަމަށް ތައްޔާރުވަމުންދާނެ ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި އެ ރެޖީމުގެ ނާކާމިޔާބީ ފޮރުވުމަށް ދައްކާ ވާހަކަތަކެއްކަން ލަފާ ކުރެވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ލުބުނާނުގައި ޔަހޫދީ ރެޖީމް ހިންގަމުންދާ އުދުވާންތައް ހުއްޓާލަން ޖެހި، އިސްލާމީ މުޤާވަމާގެ ބާރުތަކާ ދެކޮޅަށް އަސްކަރީ ގޮތުން ހަރަކާތްތެރިވުމަށް އޮތް މިނިވަންކަން ގެއްލިގެންދާނެތީ ވެސް ޒަޔަނިސްޓުން ގޮތް ހުސްވެއެވެ. އީރާނުގެ މީޑިއާގައި މި ފަހުމުނާމާއާއެކު އީރާނަށް ބިލިއަނުން ފައިސާ ލިބޭނެ ކަމަށް ރިޕޯޓްކުރުމުން، ބިރުން ސިހުނު އިސްރާއީލުގެ އޮފިޝަލުން ހުކުރު ދުވަހު ވަނީ ވައިޓް ހައުސްއަށް ގުޅައި އެ ވާހަކަ ސާފުކޮށް ދިނުމަށް އެދިފައެވެ.
"އެކްސިއޯސް" ގެ ރިޕޯޓް ނިންމާލަމުން ފާހަގަކުރި ގޮތުގައި، ޒަޔަނިސްޓު ރެޖީމުން ކަނޑައެޅި އެއްވެސް ލަނޑުދަނޑިއެއް ހާސިލުނުވެ، މި ހަނގުރާމަ ނިމުމަކަށް އައުމަކީ ނަތަންޔާހޫ އަށާއި މުޅި ޔަހޫދީ ރެޖީމަށް ކުރިމަތިވި ސިޔާސީ އަދި ސްޓްރެޓެޖިކް ބޮޑު ބަލިވުމެކެވެ.




