ޕާކިސްތާނަކީ ގަލްފުގެ ސަލާމަތަށް މުހިންމު ބައިވެރިއެއް

ޕާކިސްތާނުން މެދުއިރުމައްޗާއެކު ބާއްވަމުންދާ ގުޅުންތަކުން ފެންނަނީ އަޖައިބެއްފަދަ ސިޔާސަތެކެވެ. އެއީ އެޤައުމުގެ އެތެރޭގެ ނާޒުކު ހާލަތުން ސަލާމަތްވުމަށްޓަކައި، ޑިޕްލޮމެޓިކް ކާމިޔާބީތަކެއް ފެނުމެވެ. އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓި، ބައިނަލްއަޤްވާމީ މާލީ ފަންޑުގެ އެހީއަށް ބަރޯސާވާންޖެހުމުން، އިސްލާމްއާބާދުން ދަނީ އެޤައުމުގެ ޖިއޮގްރަފީއާއި، ޢަސްކަރީ ބާރާއި، ނިއުކްލިއާ ޤާބިލުކަން ބޭނުންކޮށްގެން ގަލްފުގެ ޤައުމުތަކުގެ އެހީތެރިކަން ހޯދަމުންނެވެ.

ސައޫދީ ޢަރަބިއްޔާއާއެކު 2025 ވަނަ އަހަރު ވެވުނު ދިފާޢީ އެއްބަސްވުމާއި، އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތަކުގައި ސިފައިން ފޮނުވުމާއި، ސުލްޙަވެރިކުރަން ކުރި މަސައްކަތްތަކުން އެނގެނީ ޕާކިސްތާނަކީ ގަލްފުގެ ސަލާމަތަށް މުހިންމު ބައިވެރިއެއްކަން ދެއްކުމަށް ކުރާ މަސައްކަތެވެ. ނަމަވެސް، މި ސިޔާސަތުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. ސައޫދީގެ ދިފާޢީ ބޭނުންތައް ފުއްދައިދެމުން އީރާނުގެ އިތުބާރު ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ކަޝްމީރުގެ މައްސަލައިގައި ޔޫއޭއީގެ ނުރުހުން އަމާޒުވުމާއި، މެދުވެރިއެއްގެ ދައުރު އަދާކުރާއިރު ނަތީޖާ ނެރެވޭނެ ފަދަ އޮނިގަނޑެއް ޕާކިސްތާނުގައި ނެތެވެ. މިފަދަ ވަގުތީ ޑިޕްލޮމެޓިކް ސިޔާސަތުން ފައިސާގެ އެހީއާއި ބައިނަލްއަޤްވާމީ ސަމާލުކަން ލިބުނު ނަމަވެސް، އެޤައުމުގެ އެތެރޭގެ ހަމަނުޖެހުމާއި، ސިޔާސީ ބަލިކަށިކަމާއި، އިޤްތިޞާދީ ނާޒުކުކަމުގެ ސަބަބުން މިކަމުގެ ދެމެހެއްޓެނިވިކަމެއް ނެތެވެ.

ޚާރިޖީ ފައިސާގެ ރިޒާވް ރަނގަޅުވަމުންދާ ކަމަށް ދެއްކިޔަސް، އެއީ އެކުވެރި ޤައުމުތަކާއި މާލީ ފަންޑުގެ ޑިޕޮސިޓްތަކަށް ބަރޯސާވެފައިވާ އެއްޗެކެވެ. މި ހާލަތުގައި ޕާކިސްތާނުން މެދުއިރުމައްޗަށް ނުފޫޒު ފޯރުވަނީ ހަމައެކަނި ފައިސާ ހޯދާކަށް ނޫނެވެ. ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓާ 1,046 ކިލޯމީޓަރުގެ ދިގު އަރަބި ކަނޑުގެ އައްސޭރިފަށުގެ ބޭނުން ހިފައިގެން ޑިޕްލޮމެޓިކް މުހިންމުކަން އިތުރުކުރުމަށެވެ. އެގޮތުން އެމެރިކާއާއި އީރާނުގެ ވާހަކަތަކަށް މަގުފަހިކޮށްދީ، ތުރުކީއާއި، މިޞްރާއި، ސައޫދީއާއެކު ހަތަރު ފަރާތުގެ މަޝްވަރާތައް ބާއްވައި، ގަލްފުގެ ރަސްކަންތަކުގެ މެދުގައި ނިއުކްލިއާ ބާރުގެ ނުފޫޒު ދަނީ ބޭނުންކުރަމުންނެވެ.

މިގޮތަށް ގަލްފުގެ ސަލާމަތީ އޮނިގަނޑުގެ ތެރެއަށް ވަދެގަނެގެން ޕާކިސްތާނުން ބޭނުންވަނީ އިޤްތިޞާދީ ފައިދާ ހޯދުމަށާއި، އިންޑިއާއިން ގަލްފާއެކު ބާއްވާ ގުޅުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ކަޝްމީރުގެ މައްސަލައަށް ތާއީދު ހޯދުމަށެވެ. ނަމަވެސް ބޮޑެތި ބާރުތަކާއެކު ވަގުތީ ގޮތުން ގުޅުން ބޭއްވުނަސް، އެތެރޭގެ އިޤްތިޞާދީ ބަލިކަށިކަމާއި ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެއެވެ.

2026 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ބަލާއިރު، ޕާކިސްތާނުގެ މަރުކަޒީ ބޭންކުން ވަނީ ފާއިތުވި ތިން އަހަރާއި ބައިގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރަން ބާޒާރުން 27 ބިލިއަން ޑޮލަރު ގަނެފައެވެ. މިހާރު ރިޒާވްގައި 16 ބިލިއަން ޑޮލަރު ހުރިއިރު، އޭގެ ތެރެއިން 12 ބިލިއަން ޑޮލަރަކީ ސައޫދީއާއި ޗައިނާ ފަދަ އެކުވެރި ޤައުމުތަކުން ބަހައްޓާފައިވާ ފައިސާއެވެ. 2026 މޭ މަހު ބައިނަލްއަޤްވާމީ މާލީ ފަންޑުން ވަނީ 1.2 ބިލިއަން ޑޮލަރު ދޫކޮށްފައެވެ. ތަކެތީގެ އަގުބޮޑުވުމާއި ދަރަނި ނުދެއްކިދާނެކަމުގެ ބިރު އަދިވެސް އެބައޮތެވެ.

2026 އެޕްރީލް މަހު އެމެރިކާއާއި އީރާނުގެ މައްސަލައިގައި ޕާކިސްތާނުން މެދުވެރިއެއްގެ ރޯލް އަދާކުރި ވަގުތު، ސައޫދީން ވަނީ ޕާކިސްތާނުގައި 3 ބިލިއަން ޑޮލަރު ޑިޕޮސިޓްކޮށްފައެވެ. މިއީ ޔޫއޭއީއަށް ދައްކަންޖެހޭ 3.5 ބިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް ދިން ފައިސާއެކެވެ. ގަލްފުގެ ޤައުމުތަކުން މިހާރު ބޭނުންވަނީ ހަމައެކަނި ވަފާތެރިކަމެއް ނޫނެވެ. އެމީހުން ބޭނުންވަނީ ޢަސްކަރީ އެހީތެރިކަމާއި ޑިޕްލޮމެޓިކް މެދުވެރިކަމެވެ.

2025 ސެޕްޓެމްބަރު މަހު ޕާކިސްތާނާއި ސައޫދީއާ ދެމެދު ވެވުނު ދިފާޢީ އެއްބަސްވުމުގެ ދަށުން، އެއިން ޤައުމަކަށް ދޭ ހަމަލާއަކީ އަނެއް ޤައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލައި، މައްކާއާއި މަދީނާ ދިފާޢުކުރަން ޕާކިސްތާނުން ސިފައިން ފޮނުވަންޖެހެއެވެ. 2026 އެޕްރީލް މަހު ސައޫދީގެ ހަކަތައިގެ ވަޞީލަތްތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ވަނީ ހަނގުރާމަމަތީ ބޯޓުތައް ފޮނުވާފައެވެ. ނަމަވެސް، މިއީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ޕާކިސްތާނުގެ އާބާދީގެ 15 އާއި 20 އިންސައްތައަކީ ޝީޢާ މުސްލިމުން ކަމަށްވާއިރު، އީރާނާއެކު ސުލްޙައިގެ ވާހަކަދައްކަމުން ސައޫދީއަށް ޢަސްކަރީ އެހީވުމަކީ ފުށުއެރުމެކެވެ.

މި ހަމަނުޖެހުމުގައި އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ހަމަލާދިނުމުން، ޕާކިސްތާނުން މެދުވެރިއަކަށްވެ ހަނގުރާމަ ހުއްޓުވަން އުޅުމުން ޔޫއޭއީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އިންޑިއާއާއެކު އަހަރަކު 60 ބިލިއަން ޑޮލަރަށްވުރެ ބޮޑު ވިޔަފާރިއެއް ކުރާ ޔޫއޭއީން ޕާކިސްތާނުގެ ކަޝްމީރު ސިޔާސަތަށް ތާއީދެއް ނުކުރެއެވެ. ނަމަވެސް، ޕާކިސްތާނުގެ މަސައްކަތްތެރިން ފޮނުވާ ފައިސާއާއި ސަލާމަތީ އެހީތެރިކަމަށްޓަކައި ގުޅުން މުޅިން ކަނޑައެއް ނުލައެވެ.

2026 ފެބްރުއަރީ މަހު އެމެރިކާއާއި، އިސްރާއީލާއި، އީރާނުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށުމުން، ޕާކިސްތާނުން ވަނީ މާރިޗު 29 ގައި ތުރުކީއާއި، ސައޫދީއާއި، މިޞްރުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވާފައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އީރާނުގެ ރައީސާ ވާހަކަދެއްކެވިއިރު، ސިފައިންގެވެސް ބޮޑު ދައުރެއް މީގައި އޮތެވެ. އެމެރިކާއިން ޕާކިސްތާނަކީ މުހިންމު މެދުވެރިއެއްގެ ގޮތުގައި ދެކެއެވެ. ނަމަވެސް ޕާކިސްތާނުގެ އެތެރޭގެ ސަލާމަތީ މައްސަލަތަކާއި، ބަލޮޗިސްތާނުގެ ހަމަނުޖެހުންތަކާއި، އަސްކަރިއްޔާގެ ނުފޫޒުގެ ސަބަބުން މި މަސައްކަތްތަކަށް ހުރަސްއެޅެއެވެ. ޕާކިސްތާނަށް މަޝްވަރާގެ މޭޒަށް މީހުން ގެނެވުނަސް، ނިންމުންތައް ތަންފީޛުކުރުމުގެ ބާރެއް ނެތެވެ.

ދިފާޢީ އެއްބަސްވުމުގައި މައްކާއާއި މަދީނާ ރައްކާތެރިކުރުމުގެ ވާހަކަ އޮތްއިރު، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރް ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ބޭނުންކޮށްގެން ކަޝްމީރުގެ މައްސަލަ ކުރިއަށް ނެރެފައެވެ. އިސްލާމީޤައުމުތަކުގެ ޖަމްޢިއްޔާގައިވެސް މި ވާހަކަ ދެއްކި ނަމަވެސް، ގަލްފުގެ ޤައުމުތަކުން އިސްކަންދެނީ އިންޑިއާގެ އިޤްތިޞާދީ ބާރަށެވެ. އިންޑިއާއާއެކު ޔޫއޭއީން ކުރާ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އެރުވުމަށް މަސައްކަތްކުރާއިރު، އެއީ މުޅި ގަލްފުން ޕާކިސްތާނަށް ލިބޭ ފައިސާއަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ.

ޕާކިސްތާނަކީ ޖިއޮގްރަފީގެ ގޮތުން މެދުގައި އޮތް ޤައުމަކަށް ވިޔަސް، އެތެރޭގެ ބަލިކަށިކަމުގެ ސަބަބުން ވަނީ ބަންދުވެފައެވެ. އެޤައުމުން އެމެރިކާއާއި، ޗައިނާއާއި، ރަޝިޔާއާއި، ސައޫދީއާއި، އީރާނާއެކު އެއްފަހަރާ ގުޅުން ބޭއްވިޔަސް، ދާއިމީ ފައިދާއެއް ނުލިބެއެވެ. 1971 ގައި އިރުމަތީ ޕާކިސްތާނު ވަކިވުމާއި، ބަލޮޗިސްތާނުގެ ހަނގުރާމައާއި، އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަނުކުރެވުމަކީ މީގެ ހެކިތަކެވެ. އަފްޣާނިސްތާނުގެ ބޯޑަރުގައި ހަމަނުޖެހުން އޮތްއިރު، އެހެން ބައެއްގެ ސަލާމަތް ކަށަވަރުކޮށްދިނުމަކީ ވާނެކަމެއް ނޫނެވެ.

ޕާކިސްތާނުގެ މެދުއިރުމަތީގެ ސިޔާސަތަކީ ނުރައްކާ ބޮޑު، ސިޔާސަތެކެވެ. އިޤްތިޞާދު ސަލާމަތްވަނީ ސައޫދީގެ ފައިސާއިންނެވެ. ސިފައިންނަށްށް ބާރު ލިބެނީ ދިފާޢީ އެއްބަސްވުމުންނެވެ.

ހިއްސާ ކުރައްވާ!