އައްބާސްގެ ސަރުކާރުން ޒަޔަނިސްޓުންނަށް ގުލާނުކޮށްދޭ ކަމަށް ބުނެފި!

ފަލަސްޠީނުގެ އިސްލާމީ ޙަމާސް ޖަމާޢަތުން، މަހުމޫދު އައްބާސްގެ ފަލަސްޠީނު އޮތޯރިޓީގެ ސަލާމަތީ ބާރުތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. ޙަމާސްއިން ބުނާ ގޮތުގައި، ހުޅަނގު އައްސޭރީގައި ހިނގަމުންދާ މިނިވަންކަމުގެ މަސައްކަތް ހުއްޓުވުމަށާއި ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި އިސްތިއުމާރާއި ނަސްލީ ތަފާތު ކުރުމާއި ހަމަލާތަކާ ދެކޮޅަށް ނިކުންނަ މީހުން ހައްޔަރުކުރުމަށްޓަކައި، ފަލަސްޠީނު ސަރުކާރުން ދަނީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކާއެކު ސަލާމަތީ ގޮތުން ސިއްރިއްޔާތުގައި ސީދާކޮށް އެހީތެރިވަމުންނެވެ.

ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްޠީނު ސަރުކާރުގެ ޖަލުތަކުން މިނިވަންކުރާ މީހުން، ޖަލުން ނުކުންނަ ވަގުތާ ދިމާކޮށް އިސްރާއީލު ސިފައިން އައިސް އެމީހުން ހައްޔަރުކުރުމަކީ ދެފަރާތުގެ މެދުގައި އޮތް ނުބައި ގުޅުން ހާމަކޮށްދޭ "ލަދުވެތި އަދި ޤައުމީ ރޫޙާ ޚިލާފު" ޢަމަލެކެވެ. އިސްރާއީލާއި ޖެނޮސައިޑް ޒަޔަނިސްޓް ސެޓްލަރުން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ފަލަސްޠީނުގެ އެންމެން އެއްގަލަކަށް އަރަންޖެހޭނެ ކަމަށް ޙަމާސްއިން ބުނެއެވެ.

މިގޮތަށް ފަލަސްޓީނުގެ ސިޔާދަތަށް މަސައްކަތް ކުރާ އަބްޠާލުން ހައްޔަރުކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ބުރަކަށްޓަށް ހަރާލި ޖަންބިޔާއެއް ކަމަށާއި، އެއީ ލަދުވެތި ޢަމަލެއް ކަމަށް ޙަމާސްއިން ސިފަކުރެއެވެ. ޙަމާސްއިން ވަނީ ފަލަސްޠީނު އޮތޯރިޓީއަށް މިފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ސިޔާސީ ކުށްވެރިން މިނިވަންކުރުމަށާއި، އިސްރާއީލާއެކު އޮތް ސަލާމަތީ ގުޅުންތައް ކަނޑާލުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ އެހެން ސިޔާސީ ޕާޓީތަކުންނާއި ޖަމާޢަތްތަކުން އެއްވެސް ޝަރުޠެއް ނެތް ގޮތުގައި މުޖާހިދުންނަށް ޙިމާޔަތް ދިނުމަށްވެސް ގޮވާލާފައިވެއެވެ.

މިކަމުގެ ހެކިތަކެއްގެ ގޮތުން، ފަލަސްޠީނު ސަރުކާރުގެ ޖަލުން ދޫކޮށްލިތާ އެންމެ ދެދުވަސް ތެރޭގައި، އިސްރާއީލު ސިފައިން ވަނީ ފަލަސްޠީނުގެ ކޮމާންޑަރެއް ކަމަށްވާ މުޞްޢަބު ޤައުޒަޙް ހައްޔަރުކޮށްފައެވެ. އޭނާއަކީ މީގެކުރިން "ޠޫފާނުލް އަޙްރާރު" އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންވި މީހެކެވެ. ހަމައެފަދައިން، ފާއިތުވި މާރިޗު މަހުގެ 25 ވަނަ ދުވަހު، ތޫލްކަރަމް ސަރަހައްދުން ޒުވާނެއް ކަމަށްވާ ޞައްރާ ރައްދާދު، ފަލަސްޠީނު ސަރުކާރުގެ ޖަލުން ދޫކޮށްލިތާ އެންމެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިސްރާއީލުން ވަނީ އޭނާގެ ގެއަށް ވަދެ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!