އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެކަން އިޢުލާންކުރުމާ ގުޅިގެން، އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ވަނީ ބޮޑު ސިހުމަކާއި ނުރުހުމެއް ފާޅުކޮށްފައެވެ. އިސްރާއީލުގެ ބައެއް އިސްވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމީހުން ވާވައްދައި "ލަނޑުދިނީ" ކަމަށް ސިފަކޮށްފައެވެ.
ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" މެދުވެރިކޮށް ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވުމުން، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމާލަން ނިންމާފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އީރާނަށް ދޭން ރޭވި ހަމަލާތައް ކެންސަލްކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމަށް އިސްރާއީލް ހިމެނޭހެން ގިނަ ފަރާތްތަކެއްގެ ތާއީދު އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި އިޢުލާން އައިސްފައިވަނީ އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު އިސްރާއީލުގެ އާންމު އިންތިޚާބު ބާއްވަން ކައިރިވެފައިވަނިކޮށް، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ މުސްތަޤްބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ނަތަންޔާހޫ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ޔަހޫދީންގެ ބޮޑަކަށް ހުރިހާ ހިނދަކު އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށާއި، މިކަމުގައި އޭނާއާއި ޓްރަމްޕްގެ ވިސްނުން އެއްގޮތް ކަމަށެވެ. ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި، ޓްރަމްޕް ވަނީ މި ބަޔާން ނެރުމުގެ ކުރިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވާފައެވެ. އިސްރާއީލުން ބޭނުންވަނީ އީރާނުގެ ނިއުކްލިއާ ބރުވރިކަން ނައްތާލުމަށާއި، މިސައިލް ޕްރޮގްރާމް ހުއްޓުވުމަށާއި، އަދި ސަހުޔޫނީންނާ ދެކޮޅުވެރި ޖަމާޢަތްތަކަށް ދޭ އެހީ ހުއްޓުވުމަށެވެ.
"ޔެދިއޮތް އަހަރޮނޮތް" ނޫހަށް މަޢުލޫމާތު ދިން އިސްރާއީލުގެ އޮފިޝަލަކު ބުނީ ޓްރަމްޕް އެމީހުން ކޮޅުކެހި ދިނީ ކަމަށެވެ! އަދި މި އެއްބަސްވުމަކީ އިސްރާއީލަށް ލިބުނު ބޮޑު ލަދެއް ކަމަށާއި، މިއީ އެމެރިކާއިން އީރާނުގެ ފިއްތުންތަކަށް ބޯލަނބައި ދިން ދޫތަކެއް ކަމަށް އެހެން އޮފިޝަލުން ބުނެއެވެ. ޤަޠަރު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތަކެއް ކުރިއަށްދާކަން އިސްރާއީލަށް އެނގުނަސް، ޓްރަމްޕްގެ ކުއްލި ނިންމުމުން އެމީހުންނަށް ލިބުނީ ސިހުމެކެވެ. އިސްރާއީލުން އަދިވެސް އުންމީދުކުރަނީ އީރާނުގެ އާޔަތުﷲ މުޖްތަބާ ޚާމަނައީ މި އެއްބަސްވުމަށް ދެކޮޅުހެއްދުމަށެވެ.
މި ސިހުން އިސްރާއީލަށް ލިބުނުއިރު، އެޤައުމުގެ ސަލާމަތީ ކެބިނެޓުން ދިޔައީ އީރާނަށް ވަރުގަދަ ޢަސްކަރީ ހަމަލާއެއް ދޭނެ ގޮތްތަކާ މެދު ބަހުސްކުރަމުންނެވެ.
އިސްރާއީލުގެ ކަނާތު ފިޔައިގެ "ޗެނަލް 14″ އިން ސުވާލު އުފައްދާފައިވަނީ ޓްރަމްޕްގެ މި އިޢުލާނާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމާ ދިމާވުމުންނެވެ. މުބާރާތުގެ ބޮޑު ބައި އެމެރިކާގައި ބާއްވާއިރު، މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދަން ސަރަހައްދީ ހަމަޖެހުން ބޭނުންވެއެވެ. ވައިޓް ހައުސްއިން މިކަން ދޮގުކުރި ނަމަވެސް، ޔަހޫދީ މީޑިއާ ދެކޭގޮތުގައި ވޯލްޑް ކަޕް ފެށުމާ ދިމާކޮށް މިފަދަ ސިޔާސީ ކާމިޔާބީއެއް ދެއްކުމަކީ ދުނިޔެއަށް ހަމަޖެހުން އޮތްކަން ދެއްކުމަށް އެމެރިކާއިން ކުރި ކަމެކެވެ.






