އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އެމެރިކާއާ އެކު އެކުލަވާލަމުންދާ ދެފަރާތުގެ ފަހުމުނާމާގެ ލިޔުމުގައި އަދި ސޮއިކޮށްފައި ނުވާ ކަމަށާއި، އެ ލިޔުމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އީރާނުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭނާ ވަނީ، އެމެރިކާއާ ދެކޮޅަށް ކުރި ހަނގުރާމައިން އީރާން ކާމިޔާބު ހޯދާފައިވާ ކަމަށާއި، މި ހަނގުރާމައަށް ފަހު އީރާން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަރާގްޗީ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ 14 ނުކުތާ އެކުލެވިގެންވާ އެ ލިޔުން ފައިނަލް ވުމުން، އޭގެ ތަފްސީލުތައް އާންމުންނަށް ހާމަކުރައްވާނެ އެވެ.
އެއްބަސްވުމުގެ މައިގަނޑު ކަންތައްތައް
އީރާނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ވަގުތަށް އެންމެ އިސްކަމެއް ދެނީ ހަނގުރާމަ ހުއްޓާލުމަށެވެ. އެގޮތުން:
- ހަނގުރާމަ ހުއްޓާލުން: ލުބުނާނު ހިމެނޭހެން ހުރިހާ މައިދާނެއްގައި ހަނގުރާމަ ނިމުމަކަށް ގެނައުން އެއްބަސްވުމުގެ ތެރޭގައި ހިމެނޭނެ އެވެ.
- އެމެރިކާގެ ދަތިކުރުންތައް: އެމެރިކާއިން އީރާނަށް އަޅާފައިވާ ނާކާމިޔާބު ހިސާރުކުރުން ނިމުމަކަށް ގެނައުމާއި ހުރުމުޒު ކަނޑުއޮޅި ހުޅުވާލުން ހިމެނެ އެވެ.
- އެޓޮމިކް މައްސަލަތައް: އީރާނުގެ އެޓޮމިކް މައްސަލަތައް މިވަގުތަށް ފަސްކޮށްފައިވާ ކަމަށާއި، އެމެރިކާއިން އެދޭ އެޓޮމިކް ޑިމާންޑްތައް މި މަރުހަލާގައި ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- ހުރުމޫޒު ކަނޑުއޮޅި: ހުރުމުޒު ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުން ކުރިން އޮތް ގޮތަށް ނުދާނެ ކަމަށާއި، އެ ސަރަހައްދުގައި އީރާނާއި އޮމާންގެ ސިޔާދަތު އޮންނާނެ ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.
"އަހަރުމެން ލުބުނާނު އެކަނި ދޫކޮށެއް ނުލާނަން" އަރާގްޗީ
ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ މާނައަކީ އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުން ފޭބުން ކަމަށެވެ. އަދި ހިޒްބުالله އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެ ޖަމާއަތް އެކަނި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އިޒްރޭލު ފަދަ ގައުމުތަކުން މި އެއްބަސްވުމާ ދެކޮޅު ހަދަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ، "އީރާން އެއްވެސް ފިއްތުމެއްގެ ދަށެއް ނުވާނެ. އެމެރިކާގެ އިންޒާރުތައް ހުއްޓާލަން ޖެހޭ." ކަމަށެވެ.
އަރާގްޗީ ވަނީ، މި ވަގުތީ ފަހުމުނާމާ އެއްބަސްވުމަކީ ފުރަތަމަ ފިޔަވަޅު ކަމަށާއި، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނަމަ، ފަހުން އެޓޮމިކް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ނުބާއްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.





