އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ގާބިލުކަން ނިމުމަކަށް: 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ހުސްވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި 40 ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ އެންމެ މުހިންމު އަދި އެންމެ އަގުބޮޑު ހަތިޔާރުތައް ވަނީ ހުސްވެފަ އެވެ. މި ހަނގުރާމައިގައި ޚަރަދުވި ހަތިޔާރުގެ ޖުމްލަ އަގު 100 ބިލިއަން ޑޮލަރަށް އަރަ އެވެ. މި ހަތިޔާރުތައް އަލުން ހޯދުމަށް މަދުވެގެން 3 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ.

ބޭނުންކުރި މައިގަނޑު ހަތިޔާރުތައް:

  • ޖޭސަމް މިސައިލް: ހަނގުރާމައިގެ ކުރިން އެމެރިކާގެ އަތުގައި ހުރި 2،300 މިސައިލުގެ ތެރެއިން 1،100 މިސައިލް ވަނީ ބޭނުންކޮށްފަ އެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ އަގުހުރި މިސައިލެވެ.
  • ޓޮމަހޯކް މިސައިލް: ހަނގުރާމައިގެ ތެރޭގައި 1،000 އަށްވުރެ ގިނަ މިސައިލް ވަނީ ފޮނުވާފަ އެވެ. މިއީ 1.9 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރެވެ. މި މިސައިލްތައް އަލުން އުފައްދައި ހަމަކުރަން 2030 ވަނަ އަހަރާ ހަމައަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ.
  • ޕެޓްރިއޮޓް މިސައިލް: އީރާނުގެ ހަމަލާތައް ހުއްޓުވަން 1،200 އަށްވުރެ ގިނަ މިސައިލް ވަނީ ވައިގެ ތެރެއަށް ފޮނުވާފަ އެވެ. މިއީ 4.8 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރެވެ. މި މިސައިލްތައް އަލުން އުފެއްދުމަށް ދިގު މުއްދަތެއް ނަގާނެ އެވެ.
  • ތާޑް މިސައިލް: މި ނިޒާމުގެ 81 އިންސައްތަ ހަތިޔާރު ވަނީ ހުސްވެފަ އެވެ. މިއީ އެމެރިކާގެ ދިފާއީ ނިޒާމުގައި ހުރި އެންމެ މުހިންމު އެއް ބައި ކަމުން، މިއީ އެމެރިކާއަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

މިކަމުން އެމެރިކާއަށް ކުރިމަތިވި ނުރައްކާ:

އެމެރިކާގެ މި ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދިފާއީ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މި ހަތިޔާރުތައް އަލުން އުފެއްދުމަށް ޓަކައި ލޮކްހީޑް މާޓިން އަދި ރޭތިއޯން ފަދަ ކުންފުނިތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތަކީ އަހަރުތަކެއް ނަގާނެ ކަމެކެވެ.

މިހާރު އެމެރިކާގެ އަތުގައި ދިފާއީ އެކަށީގެންވާ މިންވަރަށް ހަތިޔާރު ނެތުމުން، އެހެން ގައުމަކުން މިސާލަކަށް ޗައިނާއިން ހަނގުރާމައެއް ފަށައިފި ނަމަ، އެމެރިކާއަށް ދިފާއުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އީރާނާ ދެކޮޅަށް ކުރި މި ހަނގުރާމައަކީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު ޚަރަދެއް ހިނގި، އަދި އެއްވެސް ކާމިޔާބެއް ނުލިބުނު ހަނގުރާމައެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

ހިއްސާ ކުރައްވާ!