އިންޑިއާގެ އުތުރު އިރުމަތީ ސްޓޭޓެއް ކަމަށްވާ އާސާމްގައި އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުގައި ތިބި ފަސް މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ވައިގެ ސިފައިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ ގައުމުގެ ވައިގެ ސިފައިން ބޭނުންކުރާ 'އެންޓޮނޯވް އޭއެން-32′ މަރުކާގެ ޓްރާންސްޕޯޓް މަތިންދާބޯޓު ވެއްޓުނީ އާސާމްގެ ޖޯރްހަޓް ސަރަހައްދުގައި ކުރަމުންދިޔަ އާދައިގެ ދަތުރެއްގެ ތެރޭގައި ކަމަށެވެ.

މި ހާދިސާގައި ބޯޓުގެ ކޯ ޕައިލެޓަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް ޖޯރްހަޓްގައި ހުންނަ ވައިގެ ސިފައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ވައިގެ ސިފައިން މިހާރު ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށައިފަ އެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ އަތުގައި މި މަރުކައިގެ ގާތްގަނޑަކަށް 105 މަތިންދާބޯޓު އޮވެއެވެ. މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ މި ބޯޓުތަކަކީ މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ބޯޓުތަކެކެވެ. އެގޮތުން، 2019 ވަނަ އަހަރު ޗައިނާ ބޯޑަރު ކައިރީގައި ހިނގި މިފަދަ ހާދިސާއެއްގައި 13 މީހަކު ވަނީ މަރުވެފަ އެވެ.





