އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފްރާންސްގައި ބާއްވާ ޖީ7 ސަމިޓްގެ ހަވާސާގައި ޖޫން 17 ވާ ބުދަ ދުވަހު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ.
މިއީ 2024 ނޮވެމްބަރުގެ އިންތިޚާބަށްފަހު، 2025 ފެބްރުއަރީ މަހު މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ބޭފުޅުން ސީދާ ބައްދަލުވާ ފުރަތަމަ ފަހަރެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންގެ ދައުވަތަކަށް ޖޫން 16-17 އަށް ބާއްވާ ޖީ7 ސަމިޓުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި އިޤްޠިޞާދީ ކުރިއެރުމާއި، އާޓިފިޝަލް އިންޓެލިޖަންސް ރައްކާތެރިކޮށް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ފަހަކަށް އައިސް ދެޤައުމުގެ ގުޅުމަށް ވަނީ ބައެއް މައްސަލަތަކުގައި ބުރޫއަރާފައެވެ. އޭގެ ތެރޭގައި އެމެރިކާއިން އިންޑިއާގެ މުދަލުން ބޮޑު ޓެކްސްއެއް ނެގުމާއި، ރަޝިޔާއިން އިންޑިއާއިން ތެޔޮ ގަންނަ މައްސަލައިގެ އިތުރުން، 2025 މޭ މަހު ހިނގި އިންޑިއާ ޕާކިސްތާން ހަމަނުޖެހުން ހައްލުކޮށް ދިނީ އޭނާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ހިމެނެއެވެ. އިންޑިއާއިން ވަނީ ޓްރަމްޕްގެ މި ވާހަކަ ދޮގުކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ 3 ކަލާސީން ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާ ސިފައިން މަރާލުމާ ގުޅިގެން އެކަމާ ވެސް އިންޑިއާއިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ މައްސަލާގައި ވާހަކަ ދެއްކުމުގ ެބަދަލުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އީރާން ނުބައި މީސްކޮށް ވާހަކަ ދައްކަވައި މައުޟޫއު ކަސިޔާރު ކުރައްވާފައި ކަމަށް އިންޑިއާ މީޑއާއިން ބުނެއެވެ.




