އެމެރިކާގެ އުދުވާން ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވެ އީރާނަށް މިހާވަރަކަށް ދޫ ދިން ތަނެއް މިއަދާ ހަމައަށް ފެނިފައެއް ނުވެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ އެއްބަސްވުމަކަށް އާދެވުން "މިއަދާ ހަމައަށް ދުވަހަކުވެސް ގާތްނުވާ ވަރަށް ގާތްވެފައިވާ" ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ފާހަގަ ކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ.
- މި ވަގުތީ އެއްބަސްވުމެކެވެ،
- ކުރިއަށް ހުރި މައްސަލަތައް ހައްލުކުރުމަށް ބަސްއަހައިގެން ކަން ކުރާން އެއްބަސްވާ ފަހުމުނާމާއެކެވެ.
- އެމެރިކާ އިން ނުވަތަ ޔަހޫދީ ރެޖީމުން އިދިކީލި ފިޔަވަޅެއް އަޅައިފިނަމަ އަލުން ކުރިން އޮތް ހާލަތަށް ރުޖޫއަ ވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ފަހުމުނާމާގައި ސޮއި ކުރަންވެސް ފަސޭހައެއް ނޫނެވެ! ނަމަވެސް މިއީ އީރާނުން ބުނާފަދައިން އެންމެ ފަސޭހަ ބައެވެ. ދެން އޮތީ މިއަށް ވުރެން މާ އުދަގޫ މަރުހަލާއެކެވެ.
މި ފަހުމުނަމާގެ ދަށުން އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، އެމެރިކާއިން ހިންގަމުންދާ އުދުވާނީ ހިސާރުކުރުން ހުއްޓާލުން ހިމެނެއެވެ.
- ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި އީރާނުން ވަނީ ވަރަށް ބޮޑެތި ދޫތަކެއް ދިނުމަށް އެއްބަސްވެފައެވެ.
- އީރާނުން ބުނަނީ އެމެރިކާ ވަނީ މަޖުބޫރުން ދޫތަކެއް ދީފައި ކަމަށެވެ.
އީރާނު ސަރުކާރަށް ތާއީދުކުރާ މީޑިއާއިން، ފަހުމުނާމާގެ ބައެއް ވާހަކަތައް މީޑިއާއަށް ފާއްދާލުމުން ޓްރަމްޕް ރުޅި ގަދަވެގެން އީރާނު މީހުންނަކީ މާތް ބައެއް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ހަޅޭއްލެވިއެވެ.
މި ކަމުގައި އީރާނުން ދޫނުދޭނެ އަދި އެމެރިކާއާ އެއްގަލަކަށް ނާރާނެ ކަންތައްތަކެއް ހިމެނެއެވެ. އެކަންކަމަށް ބަލާލަމާ ހެއްޔެވެ؟
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުން
މިއީ ސުލްހައިގެ އެއްބަސްވުމެއްގައި ހިމެނޭނެ އެންމެ މުހިންމު، އަދި އެންމެ އުނދަގޫ ބައެވެ.
- ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އުވާލުމަށާއި، ނިއުކްލިއާ ހަތިޔާރެއް ދުވަހަކުވެސް ނުއުފެއްދުމަށް އެ ގައުމުން ވަނީ އެއްބަސްވެފައެވެ.
- މިއީ ތެދަކަށް ވުމަށް ވުރެން ބޮޑަށް އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލުމަށް ދޮގެކެވެ.
- މިކަން ކުރާނެ ގޮތުގެ ތަފްސީލުތަކާއި ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތްތަކަކީ މަޝްވަރާއިން ފަހުން ނިންމަން ޖެހޭ ކަންކަމެވެ.
- މީގެ ކުރިންވެސް ހިޔާލުތަފާތުވުން އުފެދުނު މައިގަނޑު ސަބަބަކީ މިއީއެވެ. އަދި ހަމައެކަނި މި މައްސަލަ ހައްލުކުރުމަށްވެސް ގިނަ ހަފުތާތަކެއް ނަގާނެކަން ޔަގީނެވެ.
އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ، ނިއުކްލިއަރ މާއްދާތައް އާ ބަލައި ފާސްކުރާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް މީގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ޔޫއޭއީން ޚަބަރު ފަތުރާފައި ވަނީ އީރާނުން ނިއުކްލިއަރ މާއްދާތައް ހުރި ތަންތަން ބަލާ ފާސްކުރަން ދާންވާއިރަށް މައިން ވަޅުލައި ބޮން ހަރުކުރަނީ ކަމަށެވެ.
މުހިންމު ސުއާލެއް!
- އެއްބަސްވުމަކަށް ދާއިރު އީރާނުން އެ ގައުމުގެ މުޅި ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ދޫކޮށްލާނީ ހެއްޔެވެ؟
- ނުވަތަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ފެންވަރަށް ޔުރޭނިއަމް މުއްސަނދި ނުކުރުމަށް އެއްބަސްވަނީ ހެއްޔެވެ؟
- ބޮޑަށް ބެލެވެނީ ދެވަނަ ގޮތް އިހްތިޔާރުކުރާނެ ކަމަށެވެ.
- އީރާނުގައި މަދަނީ ބޭނުންތަކަށް ހަކަތަ އުފައްދާ މަރުކަޒުތައް ހުރުމަކީ އެމެރިކާއިން ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
އެންމެ މުހިންމު ކަމަކީ، އީރާނުން އެއްބަސްވުމަށް ބޯލަނބާކަން އިންސްޕެކްޓަރުން ކަށަވަރުކުރާނީ ކިހިނެއް ހެއްޔެވެ؟
ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އެއްބަސްވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ދަނީ ދައްކަމުންނެވެ. ނަމަވެސް ހަގީގަތަކީ، އެފަދަ ހަތިޔާރެއް ނުއުފައްދާ ކަމަށް އީރާނުން އަބަދުވެސް ބުނަމުންދާ ކަމެވެ.
މި މައްސަލައިގެ އަސްލަކީ، އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާކަން ޓްރަމްޕްގެ ސަރުކާރުން ކަށަވަރުކުރާނެ ގޮތެކެވެ. މީގެ އިތުރުން، އޮބާމާގެ ސަރުކާރުން އެކުލަވައިލި އެއްބަސްވުމަށްވުރެ މި އެއްބަސްވުން ރަނގަޅުވާނީ ކިހިނެއްކަން ޓްރަމްޕަށް ސާފުކޮށްދޭން ޖެހެއެވެ. ސަބަބަކީ އޮބާމާގެ އެއްބަސްވުމަކީ ވަރަށް ބަލިކަށި އެއްބަސްވުމެއް ކަމަށް ވިދާޅުވެ ޓްރަމްޕް އަބަދުވެސް ފާޑުވިދާޅުވާތީއެވެ. އޮބާމާގެ އެއްބަސްވުމުގައިވެސް ޔުރޭނިއަމް މުއްސަނދިކުރުން ހަނިކުރުމާއި، އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ މެދުވެރިކޮށް އެއްބަސްވުމަށް ބޯލަނބާ މިންވަރު ބެލުން ހިމެނިފައިވެއެވެ.
- މި މަރުހަލާގައި ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކީ، ޓްރަމްޕްގެ އަމިއްލަ ޕާޓީގެ ތެރޭގައި ވެސް އީރާނާ މެދު ހަރުކަށި ހިޔާލުތައް ގެންގުޅޭ ގިނަ ބަޔަކު ތިބުމެވެ. އެމީހުން ބުނާ ގޮތުގައި އެއްބަސްވުމެއްގެ ޝަރުތުތަކަށް ބޯލެނބުމުގައި ތެހެރާނަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވޭނެއެވެ.
އީރާނުގެ ޔުރޭނިއަމް މައްސަލަ ތްރަމްޕް ހައްލުކުރާނެ ގޮތް
މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މައްސަލައަކީ އަމިއްލަ ޒާތުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ޓްރަމްޕްގެ ސަރުކާރުން ބުނީ އީރާނުން އެ ތަކެތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ތަކެތި ހުރީ މީގެ އަހަރެއްގެ ކުރިން އެމެރިކާއިން ދިން ވައިގެ ހަމަލާތަކަށް ފަހު، ބިމުގެ އަޑީގައި ވަރަށް ފުންކޮށް ވަޅުލެވިފައެވެ.
- އެމެރިކާއަށް އެންމެ ފަހުން އެ ތަކެތި ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް، ވަރަށް ސާފުކޮށް އިޝާރާތް ކުރައްވާފައެވެ.
- ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިން ހަމައެކަނި އެ ސަރަހައްދުތައް "ފޮރުވާލައި" ބެލެހެއްޓުމުން ފުދޭނެ ކަމުގެ ހިޔާލެއް ވެސް ނެރުއްވާފައެވެ.
އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި އެއްފަހަރަކު އޭނާ ވިދާޅުވިއެވެ: "އެ ތަކެތި ހުރީ ބިމުގެ ވަރަށް ފުންމިނުގައި. އެހެންވީމާ އަހަރެން އެކަމާާ އަޅައެއް ނުލަން." ކަމަށެވެ. - މީގެ އިތުރުން، ޔުރޭނިއަމް މުއްސަނދިކޮށްފައިވާ މިންވަރު "ދަށްކުރުމަށްފަހު"، އީރާނުގެ އަތުގައި އެތަކެތި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ބުނާ ބައެއް ބަޔާންތައް ވެސް ލިބިފައިވެއެވެ.
އީރާނުގެ އަތުގައި މިހާރު ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއަށް ނުލިބި، މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ދައްކަވާނީ ކިހިނެއްކަން ތަސައްވަރު ކުރަންވެސް ދަތީއެވެ.
އީރާނުގެ ހިފަހައްޓާފައިވާ ފައިސާ
މި މައްސަލާގައި ޓްރަމްޕް ކުރިން ދައްކަވާފައިވާ ވާހަކަތައް އޭނާއާ ދެކޮޅަށް އެނބުރިދާނެއެވެ.
- އޮބާމާގެ ސަރުކާރުން ރަހީނުން މިނިވަންކުރުމާ އަދި ނިއުކްލިއާ އެއްބަސްވުމާ ގުޅުންހުރި މުއާމަލާތެއްގައި، އީރާނަށް 400 މިލިއަން ޑޮލަރު ނަގުދު ފައިސާއިން ދިނުމުން، 2016 ވަނަ އަހަރު ޓްރަމްޕްގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އޭނާގެ ބައިވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
- އެ 400 މިލިއަން ޑޮލަރަކީ ހަގީގަތުގައި އީރާނަށް ލިބެންޖެހޭ 1.7 ބިލިއަން ޑޮލަރުގެ ތެރެއިން ފުރަތަމަ ދެއްކި ބައެވެ.
- މިއަދު އީރާނުން ޓްރަމްޕަށް ފިއްތަނީ މިއަށްވުރެ މާ ބޮޑު އަދަދެއްގެ ފައިސާ ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ. އެއީ 24 ބިލިއަން ޑޮލަރެވެ.
އީރާނު ފައިސާ އެމެރިކާއިން ދޫކޮށްލާނީ ކިހިނެއް؟
އެމެރިކާގެ މަސްއޫލުވެރިންނާއި ޓްރަމްޕްގެ ވާހަކައަށް ބަލާއިރު ފައިސާ ދޫކުރުމުގެ ވިސްނުމެއް ގެންގުޅެއެވެ. އެމީހުންގެ ވާހަކަ ތަކުން އެނގެނީ ނަގުދު ފައިސާ ކޭޝްއާއި ޓްރާންސްފަރ ކުރާ ފައިސާ ދެމެދު ތަފާތެއް ގެންގުޅޭ ކަމެވެ.
- ހުކުރު ދުވަހު އެކްސް ޕްލެޓްފޯމްގައި ނައިބު ރައީސް ޖޭޑީ ވެންސް ކުރެއްވިިއިރު ޕޯސްޓަށް ބަލާއިރު، ޓްރަމްޕްގެ ސަރުކާރުން ހިފަހައްޓާނީ ނަގުދު ފައިސާ އީރާނަށް ނުދޭނެ ކަމަށް ބުނާ ވާހަކައިގައެވެ.
- މާނައަކީ ފައިސާ އީރާނުގެ ސެންޓްރަލް ބެންކަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
- ވެންސް ވިދާޅުވެފައި ވަނީ "ހަމައެކަނި އެއްބަސްވުމެއްގައި ސޮއިކުރުމުން ނުވަތަ ބައްދަލުވުމަކަށް ހާޒިރުވުމުން އެއްވެސް ފައިސާއެއް ދޫނުކުރާނެ" ކަމަށެވެ. މީގެ މާނައަކީ ކޮންމެވެސް މަރުހަލާއެއްގައި އެމެރިކާއިން ފައިސާ ދޫކުރާނެ ކަމެވެ.
- މި ފައިސާ އީރާނަށް ނުލިބޭނެ ނަމަ އެއީ އީރާނަށް ރަތް ރޮނގެކެވެ. އެއަށް އެއްބަސްނުވާނަމަ ކުރިއެރުމެއް ނުލިބޭނެއެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވާލުން
މި ހަނގުރާމައިގެ ސަބަބުން އީރާނަށް ހުރުމުޒު ކަނޑުއޮޅީގައި އިސްތިރާޖީ ބޮޑު ކާމިޔާބީއެއް ލިބިފައި ވެއެވެ. އަދި އީރާނުން ވަނީ އެ ކަނޑުއޮޅި ފައިދާހުރި ގޮތެއްގައި ބަންދުކޮށް، މުޅި ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ފޯރުވޭނެކަން އަމަލީ ގޮތުން ސާބިތުކޮށްދީފައެވެ.
- މިތަނުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ، މިވަގުތު އެ ކަނޑުއޮޅީގެ މައްޗަށް އޮތް އީރާންގެ ބާރުވެރިކަން އީރާނުން ދޫކޮށްލާނެތޯ ނޫންތޯއެވެ.
- އެއީ ޓްރަމްޕްގެ ސަރުކާރުން އެކަމަށް އެދެއެވެ.
- ނަމަވެސް ސުވާލަކީ، ކުރިއަށް އޮތް ތަނުގައި އެ ކަނޑުއޮޅި ބަންދުކުރުމަށް އީރާނަށް ލިބިފައިވާ ސާފު ގާބިލުކަން ނިގުޅައި ގަތުމަށް އެއްބަސްވުމުގައި ހިމަނާނީ ކިހިނެއްތޯއެވެ.
މި މައްސަލައަށް ހައްލެއް ނުހޯދައި ދޫކޮށްލައިފިނަމަ، އެމެރިކާ ބަލީކަމަށް ބަލަން ޖެހޭނެއެވެ!
އީރާނަށް ވާގިވެރިވާ ޖަމާއަތްތައް
ހަނގުރާމައިގެ ކުރީކޮޅު ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުން ވިދާޅުވީ، ހަމާސް އަދި ހިޒްބުالله ފަދަ އީރާނަށް ވާގިވެރިވާ ޖަމާއަތްތަކަށް ފަންޑުކުރުމުގެ ގާބިލުކަން އީރާނުގެ ކިބައިން ނައްތާލާނެ ކަމަށެވެ.
- މީގެ ދެމަސް ކުރިން، އީރާނުން އެކަމާ ގުޅޭ ޓްރަމްޕްގެ ހުރިހާ ޑިމާންޑްތަކަކަށް އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.
- އޭގެ ފަހުން، ޓްރަމްޕާއި ސަރުކާރުން ވަނީ މި މައްސަލައާ ބެހޭގޮތުން ވާހަކަދެއްކުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލާފައެވެ.
- މިއިން އެނގެނީ އެމެރިކާއިން މިކަމުގައި އީރާނަށް ދޫދޭނެ ކަމެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ސީއެންއެންއަށް ވިދާޅުވީ، ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑު ނުކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ތެދަކަށް ވިޔަސް، އެމެރިކާއިން އިތުރު ތަފްސީލު ބޭނުންވާ ވާހަކައެކެވެ.
މި ކަންކަމަށް މި މޭރުމުން ބަލާއިރު އީރާނުން ބުނާހެން މި ހަނގުރާމައިގައި ކާމިޔާބު ލިބިފައި ވަނީ އީރާނަށެވެ. އޮޅުން އަރާ ގޮތަކަށ ްވާހަކަ ދައްކައި އެއްބަސްވުން ހަދައިގެން ތްރަމްޕް ބޭނުން ވަނީ އޭނާއަށް ބޯކޮއްޕިފައި މިއޮތް ޗަކަވަޅުން ސަލާމަތްވާށެވެ!




