ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް!

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން، ޗައިނާގެ ސިފައިންނަށް އެހީތެރިވެދޭ ކަމަށް ބުނެ ޗައިނާގެ ބައެއް ބޮޑެތި ކުންފުނިތައް ބްލެކްލިސްޓް ކުރުމާ ގުޅިގެން ހޮނިހިރު ދުވަހު ޗައިނާއިން އެކަމަށް ފާޑުކިޔައި އިންޒާރު ދީފިއެވެ. އަދި ވޮޝިންގްޓަނުން މި ނިންމުން ބަދަލުނުކޮށްފިނަމަ، "ވަރުގަދަ އަދި ހަރުދަނާ" ރައްދު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

"ބްލޫމްބާގް" ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެއިޖިންއިން ވަނީ އެމެރިކާއިން އެކުލަވައިލި ބްލެކްލިސްޓް ވަގުތުން އުވާލުމަށާއި، ޗައިނާގެ ކުންފުނިތަކަށް ހަމަހަމަ އަދި ތަފާތުކުރުމެއް ނެތް މާހައުލެއް ފަހިކޮށްދިނުމަށް ގޮވާލާފައެވެ.

"މި ފިޔަވަޅާ މެދު ޗައިނާ އެއްގޮތަކަށް ވެސް ހިތްހަމައެއްނުޖެހެއެވެ. އަދި މިއަށް ވަރަށް ބޮޑަށް ދެކޮޅުހަދަމެވެ. އެމެރިކާއިން ކުރަމުންދާ ނުބައި އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، މި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޗައިނާއިން ގޮވާލަމެވެ. އަދި ޗައިނާއާއި އެމެރިކާއާ ދެމެދު ބިނާކުރަނިވި އަދި ހަމަޖެހޭ އިސްތިރާޖީ ގުޅުމެއް ބިނާކުރުމުގެ ރަނގަޅު މަގަށް ރުޖޫޢަވުމަށް އިލްތިމާސްކުރަމެވެ." ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާގެ ވުޒާރާއިން ވަނީ، އެމެރިކާއިން ގައުމީ ސަލާމަތުގެ ބަހަނާ ދައްކައިގެން ޗައިނާގެ ކުންފުނިތަކުގެ ކުރިއެރުން ހަނިކުރަން އުޅޭ ކަމުގެ ތުހުމަތުކޮށްފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ފުޅާ ވިޔަފާރީގެ ގުޅުންތަކަށް ބެލުމެއް ނެތި، ދުނިޔޭގެ އިގްތިސާދީ ނިޒާމު ހަލާކުކޮށް، ތަކެތި ފޯރުކޮށްދޭ ނިޒާމުތަކުގެ ހަމަޖެހުމަށް ނުރައްކާކޮށް، ޗައިނާ ކުންފުނިތަކުގެ ގާނޫނީ ހައްގުތަކަށް އުނިކަން އަންނާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރިއެވެ.

ޕެންޓަގަނުން ހޯމަ ދުވަހު އިއުލާނުކުރި ލިސްޓަށް ގެނައި ބަދަލުތަކުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ "އަލީބާބާ" އާއި، އިންޓަނެޓް ސާޗް އިންޖީނު "ބައިޑޫ" ގެ އިތުރުން ކާރު އުފައްދާ "ބީވައިޑީ" އަދި "ނިއޯ" ހިމަނާފައިވާތީ ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިސްޓުގައި ހިމެނުމުން ވަގުތުން ގާނޫނީ ބޮޑެތި އަދަބުތަކެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ނާންނަ ނަމަވެސް، ޕެންޓަގަނުން ދަނީ މި ލިސްޓު ބޭނުންކޮށްގެން އެ ކުންފުނިތަކަށް އެމެރިކާ ސިފައިންނާއެކު ވިޔަފާރި އެއްބަސްވުންތައް ހެދުމަށާއި ދިރާސާތަކަށް ފަންޑު ހޯދުމަށް ހުރަސްއަޅަމުންނެވެ.

މީގެ އިތުރުން، ފާސްކޮށްފައިވާ އާ ގާނޫނެއްގެ ދަށުން، ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ ދިފާއީ ވުޒާރާއިން މި ލިސްޓުގައި ހިމެނޭ ކުންފުނިތަކާ އެކު އެއްބަސްވުން ހެދުމާއި އެތަންތަނުން މުދާ ގަތުން މަނާވާނެއެވެ.

2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް އާންމުކުރި މި ލިސްޓުގައި މިހާރު ޗައިނާގެ 100 އަށްވުރެ ގިނަ ކުންފުނި ހިމެނެއެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ކުންފުނިތަކާއި، ކޮމްޕިއުޓަރު އުފައްދާ ތަންތަނުގެ އިތުރުން ބިނާާކުރުމާއި، ކަނޑުދަތުރުފަތުރާއި އަދި މުވާސަލާތީ ދާއިރާގެ ކުންފުނިތައް ހިމެނެއެވެ. މި ލިސްޓަށް ކުންފުންޏެއް އިތުރުކުރެވެނީ، އެ ކުންފުންޏަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އެމެރިކާގައި މަސައްކަތްކުރާ ތަނަކަށް ވާނަމައެވެ.

އެމެރިކާގެ ދިފާއީ ގާނޫނު 2026

ނިމިދިޔަ ޑިސެމްބަރު މަހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަނީ ޗައިނާގައި ކުރާ އެމެރިކާގެ އިންވެސްޓްމަންޓްތައް ބެލެހެއްޓުމާ ބެހޭ ބިލެއް ފާސްކޮށްފައެވެ. އެއީ ބެއިޖިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށްދޭ ފަދަ ޓެކްނޮލޮޖީތައް ތަރައްގީކުރުމަށް އެ ފައިސާ ބޭނުންކޮށްފާނެތީއެވެ. އަދި ބްލެކްލިސްޓް ކޮށްފައިވާ ޗައިނާގެ ބަޔޯޓެކްނޮލޮޖީ ކުންފުނިތަކުން ސަރުކާރުގެ ފައިސާ ބޭނުންކޮށްގެން ސާމާނު ނުވަތަ ޚިދުމަތް ހޯދުން ވެސް މި ބިލުން މަނާކުރެއެވެ.

މިކަމާ ގުޅިގެން ޗައިނާއިން ވަނީ އެމެރިކާގެ 2026 ވަނަ އަހަރުގެ ދިފާއީ ގާނޫނުގައި ހިމެނޭ "ޗައިނާއާ ދެކޮޅު މާއްދާތައް" ތަންފީޒު ނުކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ. އަދި އެކަމާ މެދު "އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ދެކޮޅުހަދާ" ކަމަށް ބުނެ، ވޮޝިންގްޓަނަށް ތަކުރާރުކޮށް އިހުތިޖާޖު ހުށަހަޅާފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި މި ގާނޫނުގައި ޗައިނާ ސިފަކޮށްފައިވަނީ "އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކާ" ގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!