އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ގޮތުގައި، އީރާނާއެކު އެކުލަވައިލާ ފަހުމުނާމާ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުރްމުޒް ކަނޑުއޮޅި "ވަގުތުން އެންމެންނަށް ހުޅުވާލެވޭނެ" ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މީގެ އިތުރުން، މި އާ އެއްބަސްވުމަކީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެކުލަވައިލި ނިއުކްލިއާ އެއްބަސްވުމާ "މުޅިން އިދިކޮޅު" އެއްބަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2015 ވަނަ އަހަރު އެކުލަވައިލި ނިއުކްލިއާ އެއްބަސްވުމަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކޮށައިދިން "ފަސޭހަ އަދި އޮމާން މަގެއް" ކަމަށެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރަމުންދިޔަނަމަ، މީގެ ހަ އަހަރު ކުރިން އީރާނުން އެފަދަ ހަތިޔާރެއް ހޯދީސް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭނާގެ ސަރުކާރުން މަޝްވަރާކުރަމުންދާ އެއްބަސްވުމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެޅޭ "ވަރުގަދަ ހުރަހެއް" ކަމަށެވެ. އަދި އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރެއް ބޭނުންނުވާ ކަމަށާއި، ގަތުމުގެ ބޭނުމުގައި ނުވަތަ އުފައްދައިގެން ވިޔަސް، އަދި އެހެން އެއްވެސް ގޮތަކުން ވިޔަސް އެ ގައުމަށް އެފަދަ ހަތިޔާރެއް ދެން ނުލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ފޭކު ޖައްސާއިރު އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އެފަދަ ސިޔާސަތެއ އީރާންގެ ނެތް ކަމަށެވެ!
- މި އެއްބަސްވުމުގެ ދަށުން އީރާނަށް އެއްވެސް ފައިސާއެއް ނުދޭނެ ކަމަށާއި، ތެހެރާނަށް "އެއްވެސް ފައިސާއެއް ބަދަލުނުވާނެ" ކަމަށް ޓްރަމްޕް ކަށަވަރުކޮށްދެއްވިއެވެ.
- އަދި ހަމަލާތަކުގައި ހަލާކުވެފައިވާ އީރާނުގެ މަރުކަޒުތަކުގެ ބިމުގެ އަޑީގައި ވަޅުލެވިފައި ހުރި ނިއުކްލިއާ މާއްދާތައް، "އެކަށީގެންވާ ވަގުތެއްގައި އަދި މަސްރަހު ހަމައަކަށް އެޅުމުން" އެމެރިކާއިން އަނބުރާ ހޯދާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ. އެ ތަކެތި އީރާނުގެ އެތެރޭގައި ނުވަތަ އެމެރިކާގައި ވިޔަސް، މުއްސަނދިކޮށްފައިވާ މިންވަރު ދަށްކޮށް، ނައްތާލެވޭނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް މަރުހަލާގައި އީރާނާއި މެދުއިރުމަތީގެ ގައުމުތަކާ އެކު މަސައްކަތްކުރުމަށް ވޮޝިންގްޓަނުން އުންމީދުކުރާ ކަމަށާއި، މި މަރުހަލާ "އަވަހަށް، ފަސޭހަކަމާއެކު އަދި އޮމާންކަމާއެކު" ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
ޓްރަމްޕްގެ ޕޯސްޓް ނިންމާލައްވަމުން ވަނީ، ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެނަމަ އެމެރިކާގެ އަތުގައި "އެންމެ ފަހުގެ ބަދަލު ގޮތް" އެބައޮތް ކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ. ނަމަވެސް އެ ގޮތް ދެން ދުވަހަކުވެސް ބޭނުންކުރަން ނުޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.



