ފަހުމުނާމާގައި ސޮއިކުރުމާ ބެހޭ ގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، މަޝްވަރާތަކުގެ އެންމެ ފަހުގެ މަރުހަލާތައް ނިމުމާއެކު، އެމެރިކާއާއެކު އެކުލަވައިލާ ފަހުމުނާމާގެ ފުރަތަމަ މަރުހަލާގައި "އޮންލައިންކޮށް ދުރުގައި ތިބެ" ސޮއިކުރެވޭނެ ކަމަށެވެ.
އަރާގްޗީ ސާފުކޮށްދެއްވި ގޮތުގައި: "މަޝްވަރާތަކުގެ އެންމެ ފަހުގެ މަރުހަލާތައް ނިމުމާއެކު، އެއްބަސްވުމުގައި ސޮއިކޮށް އިއުލާނުކުރެވޭނެއެވެ. ފުރަތަމަ މަރުހަލާގައި ސޮއިކުރާނީ އިލެކްޓްރޯނިކްކޮށް ދުރުގައި ތިބެގެންނެވެ."
އީރާނުގެ މީޑިއާއިން އަރާގްޗީއާ ހަވާލާދީ ބުނެފައިވަނީ، ސޮއިކުރެވޭ ފަހުމުނަމާ އެކުލެވިގެންވަނީ ދެ މަރުހަލާއެއްގެ މައްޗަށް ކަމަށެވެ.
- ނިއުކްލިއާ ޕްރޮގްރާމްގެ ފައިލް ދެވަނަ މަރުހަލާއަށް ފަސްކޮށްފައިވާ ކަމަށާއި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާއާ މެދު އަމަލުކުރާނެ ވަކި ނިޒާމެއް ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން އެކި ފްރަންޓްތަކުގައި، ޚާއްސަކޮށް ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އައިކަން އިއުލާނުކުރެވޭނެއެވެ. އަދި އޭގެ ތެރޭގައި ނިއުކްލިއާ ޕްރޮގްރާމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އަލުން އާރާސްތުކުރުމާއި އަދި ހިފަހައްޓާފައިވާ ފައިސާގެ މައްސަލަ ހިމެނެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ހިސާރުކުރުން ނިމުމަކަށް ގެނައުމާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ވަގުތީ އެއްބަސްވުމުގެ ބައެކެވެ. އަދި ނިއުކްލިއާ ފައިލާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ޑިމާންޑްތަކަކީ މި މަރުހަލާގައި ތެހެރާނަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ.
"އަޅުގަނޑުމެން ނިއުކްލިއާ ފައިލާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ 60 ދުވަހުގެ މުއްދަތަށް ދެމިގެންދާ ދެވަނަ މަރުހަލާއަށް ފަސްކުރީއެވެ." އަދި އިސްރާއީލުން ދަނީ އެމެރިކާއާއެކު އެކުލަވައިލާ އެއްބަސްވުން ހަލާކުކޮށްލުމަށް ބަހަނާތައް ހޯދަމުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އަލުން އާރާސްތުކުރުމުގެ މައްސަލަ ވެސް އިގްތިސާދީ ތަރައްގީގެ ޕްލޭނެއްގެ ދަށުން ހުށަހެޅިފައިވާ ކަމަށާއި، އެކަން ތަންފީޒުކުރާނެ ގޮތްތަކަށް ކުރިއަށް އޮތް މަޝްވަރާތަކުގައި އެއްބަސްވެވޭނެ ކަމަށް ވެސް އޭނާ ސާފުކޮށްދެއްވިއެވެ.
"އޮންލައިންކޮށް ސޮއިކުރުމުގެ" ފަހަތުގައިވަނީ ކޮންކަމެއް؟
އެމެރިކާގެ އޮފިޝަލުންނާއި މެދުވެރިވި ގައުމުތަކުގެ މަސްދަރުތަކުން ބުނި ގޮތުގައި، ސޮއިކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމީ އެންމެ ފަހު ވަގުތުއެވެ. އެއީ އެއްބަސްވުން އަވަސްކުރުމަށާއި، އެންމެ ފަހު ވަގުތު އެއްބަސްވުމަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް ހުރަހަކުން ސަލާމަތްވުމަށެވެ.
ސީއެންއެން އިން އޮފިޝަލުންނާއި މައުލޫމާތު ހުރި މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި، އެމެރިކާގެ ރައީސް ނިމިދިޔަ ހަފުތާގައި އުންމީދުކުރެއްވީ، އޭނާގެ ނައިބު ޖޭޑީ ވެންސްގެ ބައިވެރިވުމާއެކު ޔޫރަޕްގައި މީހުން ހާޒިރުވެގެން ބާއްވާ އިޝްތިހާރު ކުރުމުގެ ރަސްމިއްޔާތެއްގައި ސޮއިކުރުމަށެވެ. ނަމަވެސް އީރާނުން އެމެރިކާއަށް މޮޅެއް ދެއްކިޔަ ނުދިނުމަށްޓަކައި އެކަން ވީޓޯ ކުރިއެވެ.
އަދި މެދުވެރިވި ބައެއް ގައުމުތަކުން ބާރުއެޅީ، ލަސްވުމުގެ ސަބަބުން އާ ހުރަސްތަކެއް ކުރިމަތިވެދާނެތީ ނުވަތަ ކޮންމެވެސް ފަރާތަކުން އެއްބަސްވުމުން ފަހަތަށް ޖެހިދާނެތީ، ސޮއިކުރުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމާލުމަށެވެ.




