އާދީއްތަ ދުވަހު (މިއަދު) ފަހުމުނާމާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަ އީރާންގެ އިންގިލާބީ ސިފައިން ދޮގުކޮށްފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނި ގޮތުގައި، އީރާނުގެ މަޝްވަރާވެރިން ވަނީ އާދީއްތަ ދުވަހު އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް ކުރިންވެސް ބުނެފައެވެ.
ރިވޮލިއުޝަނަރީ ގާޑްސްއިން ތުހުމަތުކުރާ ގޮތުގައި، ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ އޭނާގެ އުފަންދުވަހާ ދިމާކޮށް ޖޫން 14 ގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ. ބަޔާނުގައިވާ ގޮތުން، ޓްރަމްޕް މަސައްކަތް ކުރައްވަނީ މި ދަނޑިވަޅަށް ރަމްޒީ މުހިންމުކަމެއް ދީގެން، އަމިއްލަ އިޝްތިހާރާއި ކެމްޕޭނުގެ ބޭނުމަށް މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަށެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވޭނެ ކަމަށް އިއުލާނުކުރައްވާފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުރްމުޒް ކަނޑުއޮޅި އެންމެންނަށް ހުޅުވާލެވޭނެ ކަމަށާއި، މަސްރަހު ފިނިވުމުން އެންމެ އެކަށީގެންވާ ވަގުތުގައި ގޮސް ނިއުކްލިއާ މާއްދާތަކުގެ ބާކީ ހުރި ބައިތައް ހޯދައި ނައްތާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ މި ހުރިހާ މަރުހަލާއެއް ވެސް ވަރަށް އަވަހަށް އަދި ފަސޭހަކަމާއެކު ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނާއި މުޅި މެދުއިރުމައްޗާ އެކު ވެސް މަސައްކަތް ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.




