އީރާނާއި އެމެރިކާއާ ދެމެދުގެ ހަމަނުޖެހުންތަކާ ގުޅިގެން، ޔޫއޭއީގެ ސޯޝަލް މީޑިއާގެ ގަވާއިދުތަކާ ހިލާފުވި 3،500 އަށްވުރެ ގިނަ ޕާކިސްތާން ރައްޔިތުން އެ ގައުމުން ޑީޕޯޓުކޮށްފައިވާކަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހާމަކޮށްފިއެވެ. ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދެމުން އޮފިޝަލުން ވިދާޅުވީ، މި މީހުން ޑީޕޯޓުކުރީ އޮންލައިންކޮށް ހިންގާ ހަރަކާތްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އުފެއްދުމާ ގުޅޭގޮތުން ޔޫއޭއީގައި އޮންނަ ހަރުކަށި ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ.
ޑީޕޯޓުކުރި ފަރާތްތަކުގެ ޔޫއޭއީގައި ހުރި މުދަލާއި ގެދޮރާ ގުޅޭގޮތުން ސަރުކާރުން މަޖިލީހަށް ދިން މައުލޫމާތުގައި ވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ މީހުންގެ މުދާތައް އެ މީހުންގެ ގާނޫނީ ވާރިސުންނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލުކުރުމުގެ މަރުހަލާގައި ދަތިތަކާ ކުރިމަތިލާން ޖެހޭ އާއިލާތަކަށް ޚާރިޖީ ވުޒާރާއިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނަށް ހާއްސަ އިރުޝާދެއް ދީފައެވެ. އެގޮތުން، އެ ގައުމުތަކުގެ ގާނޫނުތަކަށް، ހާއްސަކޮށް އޮންލައިންކޮށް އަމަލުކުރާ ގޮތާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި އާންމުކޮށް ޚިޔާލު ފާޅުކުރުމުގައި އެ ގައުމުތަކުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.




