އިންޑިއާގެ މަސައްކަތްތެރިން އަމިއްލަ ވަޒީފާ ގެއްލިދާނެ "ރޮބޮޓުން" ތަމްރީނުކުރަނީ

އިންޑިއާގެ އާންމު މަސައްކަތްތެރިން، މުސްތަގުބަލުގައި އެ މީހުންގެ ވަޒީފާތަކާ ހަވާލުވެދާނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރޮބޮޓުން ތަމްރީނުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ގޭތެރޭގެ މަސައްކަތްތަކާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ މީހުންގެ ނިއްކުރީގައި ކެމެރާ ހަރުކޮށްގެން އެ މީހުންގެ ހަރަކާތްތައް ރެކޯޑް ކުރެއެވެ. މި ވީޑިއޯތައް ބޭނުންކުރަނީ އިންސާނުން އުޅޭގޮތަށް ހަރަކާތްތެރިވާން ރޮބޮޓުންނަށް ދަސްކޮށްދިނުމަށެވެ.

އޭއައި ޑިވެލޮޕަރުން ގަބޫލުކުރާ ގޮތުގައި، އިންސާނުންގެ ލޮލުން ފެންނަ މަންޒަރުތައް ނުވަތަ "އީގޯސެންޓްރިކް ޑޭޓާ" ސްޕެޝަލައިޒްޑް އޭއައި މޮޑެލްތަކަށް ފީޑް ކުރުމުން، ރޮބޮޓުންނަށް އިންސާނީ ހަރަކާތްތައް ކޮޕީކުރަން ފަސޭހަވާނެއެވެ.

  • މިސާލަކަށް ގޭތެރޭގައި މޭވާ ކޮށުމުން ފެށިގެން، ފެކްޓްރީތަކުގައި ތުވާލި ފަށްޖެހުމާ ހަމައަށް އެކި ހަރަކާތްތައް މީހުން ރެކޯޑް ކުރެއެވެ.
  • މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގަޑިއަކު 250 ރުޕީސް ލިބެއެވެ.
  • އިންޑިއާ މިހާރު ވެފައިވަނީ އޭއައި ޑޭޓާ އުފެއްދުމާއި، ޕްރޮސެސް ކުރުމުގެ ދުނިޔޭގެ މަރުކަޒަކަށެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ވަޒީފާގެ ބާޒާރަށް އޮތް ބިރުވެރިކަން ވަރަށް ބޮޑެވެ. އިންޑިއާގެ ސަރުކާރުގެ ތިންކް ޓޭންކް، ނީޓީ އަޔޯގް އިން ބުނާ ގޮތުގައި، އޭއައިގެ ސަބަބުން ވަޒީފާ ގެއްލުމުގެ ވާހަކަ ގިނައިން ދެކެވެނީ އޮފީސް މހައުލުގައި ވަޒީފާއަދާ ކުރާ މީހުންނާ ބެހޭގޮތުންނެވެ. އެހެންނަމަވެސް، އިންޑިއާގެ އިގްތިސާދުގެ ބިންގާ ކަމުގައިވާ 490 މިލިއަން ނުރަސްމީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތަށް އޭއައި އިން ކުރާނެ ނޭދެވޭ އަސަރުތަކާމެދު އަދި މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

ރޮބޮޓިކްސް މާކެޓް ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، 2050 ވަނަ އަހަރު އަންނަންވާއިރަށް އެއް ބިލިއަނަށްވުރެ ގިނަ ރޮބޮޓް އިންޑަސްޓްރިއަލް އަދި ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!