މި ލިބުނީ، ކުރިން ވެސް ހުޅުވިފައި އޮތް ކަނޑުއޮޅިއެއް އަލުން ހުޅުވޭ އެއްބަސްވުމެއް: އެމެރިކާ

އެމެރިކާގައި އިދިކޮޅު ޑިމޮކްރެޓިކް ލީޑަރުން، އީރާނާއެކު ހަދަން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ކެލިފޯނިއާގެ ސެނެޓަރު އެޑަމް ޝިފް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ވިދާޅުވީ، "ހަނގުރާމަ ނިމިއްޖެ ކަމަށް ރައީސް ވިދާޅުވާއިރު، އެއީ ތެދަކަށް ވުމަށް އުންމީދު ކުރަން. ނަމަވެސް، މީގެ ކުރިން ވެސް މިފަދަ ވާހަކަތައް އަޅުގަނޑުމެން އަޑުއަހައިފިން،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ގިނަ ވައުދުތަކެއް ނުފުއްދުނު، އާ ހަނގުރާމަތަކެއް ފެށުނު، އެކަމަކު ޚަރަދުތައް ކުޑައެއް ނުވި. މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް،" ކަމަށެވެ.

މީގެ އިތުރުން، ކޮންގްރެސްގެ މެމްބަރު ސެތް މޯލްޓަން ވަނީ މި އެއްބަސްވުމަކީ އަސާސީ ގޮތުން ބަލާއިރު ހަތިޔާރު ބެހެއްޓުމަށްފަހު ބަލި ގަބޫލުކުރުމުގެ ލިޔުމެއް ކަމަށް ސިފަކުރައްވާފައެވެ.

އިންޓަވިއުއެއްގައި ސެތް މޯލްޓަން ވިދާޅުވީ، "މިއީ ވަރަށް ގޯސް އެއްބަސްވުމެއް. މިއީ އީރާނުގެ އެންމެ މަތީ ވެރިޔާގެ ކުރިމަތީގައި ޑޮނަލްޑް ޓްރަމްޕް ހަތިޔާރު ބަހައްޓައި ބަލި ގަބޫލުކުރުމާ އެއްފަދަ ކަމެއް. އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރު މި ހަނގުރާމައަށް ހަރަދުވި، 14 އެމެރިކާ ސިފައިން މަރުވި. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބުނީ، ކުރިން ވެސް ހުޅުވިފައި އޮތް ކަނޑުއޮޅިއެއް އަލުން ހުޅުވޭ އެއްބަސްވުމެއް. މިއީ ކިހިނެއް ކާމިޔާބީއަކަށް ވާނީ؟" ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް