އިންޑިއާ ސަރުކާރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އުމުރާނީ ވަސީލަތްތަކުގެ އިންވެސްޓްމަންޓްތައް ދެގުނައަށް އިތުރުކޮށް، ގައުމުގެ އުމްރާނީ ތަރައްގީ އާއި ސެމިކޮންޑަކްޓާ އުފެއްދުމުގެ ދާއިރާ ހަލުވިކަމާއެކު ފުޅާކުރަން ފަށައިފިއެވެ. 'ނިކޭ އޭޝިއާ' އިން ރިޕޯޓުކުރާ ގޮތުގައި، މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 2025 ވަނަ މާލީ އަހަރު އިންޑިއާގެ އަސްލު ޖީޑީޕީ ވަނީ 7.7 ޕަސެންޓް ކުރިއަރާފައެވެ. ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހައިވޭތަކާއި، ހައި-ސްޕީޑް ރޭލުވޭ އަދި ސެމިކޮންޑަކްޓާ އުފައްދާ ފެސިލިޓީތައް ހިމެނެއެވެ.
އިންޑިއާގެ އިންޑަސްޓްރީތަކާއި އާބަން ސަރަހައްދުތަކުގެ ޑިމާންޑް ބޮޑުވަމުންދާތީ، ސަރުކާރުން ދަނީ ދިގު މުއްދަތުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަމުންނެވެ. އޭގެ ތެރޭގައި މުމްބާއީ އާއި އަހްމަދާބާދާ ދެމެދު ހަދާ ހައި-ސްޕީޑް ރޭލުވޭ ކޮރިޑޯގެ މަސައްކަތްތައް އެކި ސަރަހައްދުތަކުގައި ބާރަށް ކުރިއަށް ދެއެވެ. އަދި އާ އާބަން މެޓްރޯ ސިސްޓަމްތަކާއި އެކްސްޕްރެސްވޭތައް ގާއިމުކުރުމުގެ މަސައްކަތްވެސް ހަލުއި ކަމާއެކު ކުރިއަށް ދެއެވެ.
މި އިންވެސްޓްމަންޓްތަކުގެ އެއް އަމާޒަކީ އިންޑިއާގައި އަމިއްލަ ސެމިކޮންޑަކްޓާ އިކޯސިސްޓަމެއް ބިނާކުރުމެވެ. ބޭރު ގައުމުތަކުން ސެމިކޮންޑަކްޓާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ދުނިޔޭގެ އިލެކްޓްރޯނިކްސް އުފައްދާ ފަރާތްތައް އިންޑިއާއަށް ގެނައުމަށްޓަކައި، ޗިޕް-ޕެކޭޖިން އާއި އެތަކެތި އުފައްދާ ފެސިލިޓީތަކަށް ސަރުކާރުން މިހާރު ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މި އިންވެސްޓްމަންޓްތަކާއި، އަމިއްލަ ފަރާތްތަކުން ކުރާ ހޭދަ އިތުރުވުމަކީ އިންޑިއާގެ އިގްތިސާދު މިހާ ހަލުވިކޮށް ކުރިއަރަމުން އަންނަ މައިގަނޑު ސަބަބެވެ. މީގެ އިތުރުން، ޕްލާސްޓިކް، ސްޓީލް އަދި ޑޭޓާ ސެންޓަރުތައް ފަދަ ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މިއީ އިންޑިއާގެ އިގްތިސާދީ މުސްތަގުބަލާމެދު އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ދައްކައިދޭ ކަމެކެވެ.




