އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، އިރާނާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން ވަރަށް ގާތްވެފައިވާ ކަމަށެވެ. އަދި ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ މެދު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކެ ރުޅިއައިސްގެން އޭނާ މި އެއްބަސްވުން ހަލާކުކޮށްލަން އުޅޭ ކަމަށާއި އޭނާއަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށް ބުނެފައެވެ.
އެމެރިކާގެ ޚަބަރު ފަތުރާ 'އެކްސިއޯސް' އަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ބެއިރޫތަށް ހަމަލާ ދިނުމުން އޭނާ ވަރަށް ބޮޑަށް ރުޅި އައިސްފައިވާ ކަމަށެވެ. "ނަތަންޔާހޫ ބޯ ހަމަނުޖެހޭ މީހެއް. މި ވާހަކަ އަހަރެން އޭނާ ކައިރީގައި ސާފުކޮށް ބުނެފިން. ބެއިރޫތަށް ދިން ހަމަލާއާ މެދު އަހަރެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިރާނާއެކު ސުލްހައިގެ މުހިންމު އެއްބަސްވުމެއް ސޮއިކުރަން އުޅޭ މިފަދަ "ޚާއްސަ ދުވަހެއްގައި" އިސްރާއީލުން މިފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ހަމަލާއަކީ މާ ބޮޑު މާނައެއް ނެތް، އަދި އެއްވެސް މީހަކު މަރުނުވާ ފަދަ ކުޑަ ހަމަލާއަކަށް ވީއިރު، އެއީ ސުލްހައިގެ މި މަސައްކަތަށް ހުރަސް އަޅަން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އިރާނާ އެކު ކުރެވޭ އެއްބަސްވުމުގެ ސަބަބުން ސަރަހައްދަށް ލުބުނާން އާއެކު ސުލްހަ ލިބޭނެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެއެވެ. ޓްރަމްޕް ވަނީ އިސްރާއީލާއި ހިޒްބުالله ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އާދީއްތަ ދުވަހު އިސްރާއީލުން ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި 3 މީހުން މަރުވެ، 15 މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ގައުމީ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މިއީ އެމެރިކާއިން އިރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޔަހޫދީން ހިންގި އޮޕަރޭޝަނެކެވެ.
ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްޒް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހަމަލާތަކަކީ ބެއިރޫތުގެ ދެކުނުގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް ދިން ހަމަލާތަކެއް ކަމަށެވެ.




