އޮސްލޯ އެއްބަސްވުމާ ޚިލާފް ވެގެން ޖެނީންގައި އިސްރާއީލުން ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމުކުރަނީ

ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގެ ތެރޭގައި އިސްރާއީލު ސިފައިން ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ނިންމައި، އެ ސަރަހައްދުގެ ބިންތަކެއް ހިފަން ފަށައިފިއެވެ. މިއީ 1993 ވަނަ އަހަރު ސޮއިކުރި އޮސްލޯ އެއްބަސްވުމަށްފަހު، ފަލަސްތީނުގެ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ (އޭ) ޒޯނެއްގެ ތެރޭގައި އިސްރާއީލުން ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމުކުރާ ފުރަތަމަ ފަހަރެވެ.

އިސްރާއީލުގެ ނޫހަކުން ހާމަކޮށްފައިވާ އަސްކަރީ ލިޔެކިއުންތަކުން އެނގޭ ގޮތުގައި، މި މަރުކަޒު ގާއިމުކުރުމަށްޓަކައި ބޮޑު ސަރަހައްދެއް ހިފުމަށް އިސްރާއީލުގެ ސެންޓްރަލް ކޮމާންޑުން ވަނީ މޭ މަހު ސޮއިކޮށްފައެވެ. މި މަރުކަޒު ހުންނާނީ ޖެނީންގެ ރެފިއުޖީ ކޭމްޕްގެ މައްޗަށް ބާރު ފޯރުވޭ ފަދަ އުސް ސަރަހައްދެއްގައެވެ.

އޮސްލޯގެ އުސޫލުތައް ފުނޑުފުނޑުވުން

އޮސްލޯ އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރި ވަނީ ތިން ބަޔަކަށް ބަހާފައެވެ. އޭގެ ތެރެއިން 12 އިންސައްތަ ހިއްސާކުރާ (އޭ) ޒޯނަކީ ފަލަސްތީނުގެ ސަލާމަތީ އަދި މަދަނީ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. އިސްރާއީލުން މި ފިޔަވަޅު އެޅީ މި އެއްބަސްވުމުގެ ހުރިހާ ހަމަތަކަކާ ހިލާފަށެވެ. ބިން ވެރި ފަރާތްތަކުން ކޯޓުގައި މިކަމާ ދެކޮޅަށް ޝަކުވާ ކުރުމުން، ޔަހޫދީ ސިފައިން ބުނެފައިވަނީ މިއީ ރައްޔިތުންގެ ގޭގޭގައި ސިފައިން ތިބުމުގެ ބަދަލުގައި އެޅި ފިޔަވަޅެއް ކަމަށެވެ.

ސިޔާސީ ފޮރުވިފައިވާ މަގްސަދުތައް

ފަލަސްތީނުގެ މުހައްލިލުން ދެކޭ ގޮތުގައި، މި މަރުކަޒުގެ އަސްލު ބޭނުމަކީ ޖެނީންގެ ޖިއޮގްރަފީ އަދި އާބާދީގެ ގުޅުން ކަނޑާލައި، ކުރިން ހުސްކުރި ޔަހޫދީ އާބަދީތައް (ޖާނިމް، ގާދިމް، ސަނޫރު، އަދި ހުމެޝް) އަލުން އާބާދުކުރުމެވެ. މި އާބާދީތައް 2005 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އަރިއެލް ޝެރޫން ހުސްކުރި ނަމަވެސް، 2023 ވަނަ އަހަރު އިސްރާއީލުގެ ޕާލަމެންޓުން ވަނީ މި ސަރަހައްދުތައް އަލުން އާބާދުކުރުމުގެ ގާނޫނެއް ފާސްކޮށްފައެވެ.

ކޭމްޕްތައް ސުންނާފަތިކުރުމުގެ ހަނގުރާމަ

ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލުން ވަނީ ޖެނީން، ޠޫލްކަރްމް، އަދި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްތަކަށް އަރައި، ބޮޑު ބައެއް ސުންނާފަތިކޮށް، ގާތްގަނޑަކަށް 40،000 ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްޒް ވަނީ، މި ރައްޔިތުންނަށް އެނބުރި އައުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެ ސަރަހައްދުތަކުގައި ދާއިމީ އަސްކަރީ ޕޮއިންޓްތައް ގާއިމުކޮށްފައިވާނެ ކަމަށް ބުނފައެވެ.

މިއީ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕްތަކުގެ ނިމުން ކަމަށް ބުނެ، މިކަން ސިފަކުރަނީ "ޓެރަރިޒަމް ހުއްޓުވުމުގެ" ނަމުގައި ހިންގާ ދާއިމީ ބިން ހިފުންތަކެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!