ތެހެރާނުގެ އައު އިންގިލާބު ރޫޅާލުމަށް އެމެރިކާ އިން ކުރި މަސައްކަތް ނާކާމިޔާބު ކުރުމަށް ތެެހެރާންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް 1979 ވަނަ އަހަރު ވަދެގަތް އީރާނުގެ ދަރިވަރުންނަށް އެ ދުވަހު ހީކުރެވުނީ އެއީ އިންގިލާބީ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އެ ހާދިސާއަކީ އީރާނުގެ އިގްތިސާދަށް އެތައް އަހަރެއް ވަންދެން ހުރަސް އެޅި، އެ ގައުމުގެ އެތައް ބިލިއަން ޑޮލަރެއް ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުގައި ފްރީޒް ވެގެން ދިޔުމުގެ ފެށުން ކަމަށް އެމީހުންނަށް އޭރު ނޭނގުނެވެ.
އޭގެ ފަހުން 47 އަހަރު ފާއިތުވެފައިވާއިރު، އީރާނުގެ ފައިސާގެ މި މައްސަލައަކީ އެމެރިކާއާއި އީރާނުގެ ދެމެދުގައި އޮތް އިގްތިސާދީ ކޯޅުންތަކުގެ އެންމެ ބޮޑު އެއް މައްސަލައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ، 1979 ވަނަ އަހަރު ނެރުއްވި އެގްޒެކެޓިވް އޯޑަރު ނަންބަރު 12170 ގެ ދަށުން، އެމެރިކާގައި ހުރި އީރާނުގެ ސަރުކާރުގެ ހުރިހާ މުދަލެއް ހިފެހެއްޓިއެވެ. އޭރު އެ އަދަދު އަންދާޒާކުރެވުނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. 'ނިއުޔޯކް ޓައިމްސް' ގައިވާ ގޮތުން، މި ފިޔަވަޅުގެ ސަބަބުން 1980 އަދި 1981 ވަނަ އަހަރު އެކަނި ވެސް އީރާނަށް 3.3 ބިލިއަން ޑޮލަރުގެ ގެއްލުންވިއެވެ.
2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާއެކު، އީރާނުގެ ގިނަ މުދާތަކެއް މިނިވަންކުރެވުނެވެ. އެމެރިކާގެ ޚަޒާނާ ޑިޕާޓްމަންޓުން އަންދާޒާކުރި ގޮތުގައި، އެ ދުވަސްވަރު 50 ބިލިއަން ޑޮލަރުގެ އީރާނުގެ ފައިސާ ބޭރުގެ ބޭންކުތަކުން މިނިވަންކުރިއެވެ. މީގެ އިތުރުން، 1979 ގެ ކުރިން ހަތިޔާރު ގަންނަން އީރާނުން ދެއްކި 400 މިލިއަން ޑޮލަރު، އޭގެ ފައިދާއާއެކު 1.3 ބިލިއަން ޑޮލަރުގެ ގޮތުގައި އީރާނަށް ލިބުނެވެ.
ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އްބަސްވުމުން ވަކިވެވަޑައިގެން، އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، އީރާނުގެ ފައިސާ އަނެއްކާވެސް ބޭރުގެ ބޭންކުތަކުގައި ތާށިވިއެވެ.
އީރާނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އެކި ގައުމުތަކުގައި ފްރީޒްކޮށްފައިވާ އެ ގައުމުގެ ފައިސާގެ ޖުމްލަ އަދަދު 100 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. 'ވޮޝިންގްޓަން އިންސްޓިޓިއުޓް ފޯ ނިއަރ އީސްޓް ޕޮލިސީ' ގެ ތަފާސްހިސާބުތަކުން ފެންނަނީ މި ފައިސާ ހުރި ތަންތަނެވެ.
| ގައުމު | އަދަދު (ބިލިއަން ޑޮލަރުން) |
| ޗައިނާ | 20 |
| ދެކުނު ކޮރެއާ | 7 |
| އިންޑިއާ | 7 |
| އިރާގު | 6 |
| ޔޫރަޕް | 5 |
| ޖަޕާނު | 3 |
| އެމެރިކާ | 2 |
މީގެ އިތުރުން ގަތަރާއި ޖަރުމަނު ފަދަ ގައުމުތަކުގައި ވެސް އީރާނުގެ ބޮޑެތި އަދަދުތަކެއްގެ ފައިސާ ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
ތެހެރާނުން މި ފައިސާއަކީ އެ ގައުމުގެ ހައްގެއް ކަމަށް ބުނަމުންދާއިރު، ވޮޝިންގްޓަނުން ބުނަނީ މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަހައްދީ ސިޔާސަތުތައް ބަދަލުކުރުމަށް ބޭނުންކުރާ ސިޔާސީ އަދި އިގްތިސާދީ ފިއްތުންތަކުގެ ވަސީލަތެއް ކަމަށެވެ.
މި މައްސަލައަކީ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓިކް މައްސަލައަކުން ފެށިގެން އައިސް، މިއަދު އެމެރިކާއާއި އީރާނުގެ ގުޅުން ކަނޑައަޅާ އެންމެ މުހިންމު 'މުއާމަލާތީ ކަރުދާހަށް' ވަނީ ބަދަލުވެފައެވެ.




