އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރަން އުޅޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް އެގައުމުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް އިއުލާނުކޮށްފިއެވެ. އަދި މި ނިންމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިހާރު އަންގާފައިވާނެ ކަމަށްވެސް އޭނާ ބުނެއެވެ.
ދިފާއީ ވަޒީރު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކުރިމަތިވަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ ބައިނަލްއަގުވާމީ ފިއްތުންތަކާއެކުވެސް، ލުބުނާނުން އިސްރާއީލު ސިފައިން ފޭބުމާ ދެކޮޅު ހަދާ ކަމަށެވެ. މިއީ އެމެރިކާއާއި އީރާނުގެ އެއްބަސްވުމުގައި ލުބުނާނުގެ މަސްރަހު ހިމެނޭކަމަށް އިސްރާއީލުގެ އިސް އޮފިޝަލަކު އެއްބަސްވި ފުރަތަމަ ފަހަރެވެ.
އެމެރިކާއާއި އީރާނުގެ އެއްބަސްވުން ރައީސް ޓްރަމްޕް އިއުލާނުކުރެއްވި ފަހުން ދެއްވި ފުރަތަމަ ބަޔާނުގައި ކާޓްޒް ބުނީ އިސްރާއީލުގެ ސިޔާސަތަކީ ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާގައި ކަނޑައަޅާފައިވާ "ސަލާމަތީ ސަރަހައްދުތަކުގައި" ވަގުތެއް ނެތް ގޮތަށް އަސްކަރީ ބާރުތައް ދެމެހެއްޓުން ކަމަށެވެ. އެއީ "ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން" އިސްރާއީލުގެ ބޯޑަރުތަކާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކަމަށް ޔަހޫދީ ޓެރަރިސްޓް ވަޒިރު ބުންޏެވެ.
ހަތެއް އޮކްޓޫބަރުގެ ފިލާވަޅާއި އެމެރިކާއަށް ދިން މެސެޖު
އިސްރާއީލުގެ ދިފާއީ ވަޒީރު ވަނީ އެހެން ގައުމުތަކުގެ ބިންތަކަށް ވެރިވެގަތުމާއި ސަލާމަތީ ސަރަހައްދުތައް ދެމެހެއްޓުމަކީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ކުރިމަތިވި ހަމަލާތަކުން ލިބުނު "އެންމެ ބޮޑު ފިލާވަޅު" ކަމުގައި ސިފަކުރައްވާފައެވެ.
ކާޓްޒް ތަފްސީލުކޮށްދިން ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަރުކަށި ވިސްނުން ރައީސް ޓްރަމްޕަށް ސީދާ ދަންނަވާފައެވެ. އަދި އޭނާ އަމިއްލައަށްވެސް އާދިއްތަ ދުވަހު އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތާ ފޯނުން ގުޅައި މިކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ބުންނެވެ.
"އިސްރާއީލުގެ ސަލާމަތީ އެންމެ މަތީ މަސްލަހަތުތަކާއި އަހަރެމެންގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެއްވެސް ދުލެއް ނުދޭނަން. އަދި ކަނޑައަޅާފައިވާ ސަލާމަތީ ސަރަހައްދުތަކުން ސިފައިން ފަހަތަކަށް ނުޖެހޭނެ،" އޭނާ ބުނެއެވެ.
ބަޔާން ނިންމާލައްވަމުން ކާޓްޒް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އޭނާ ބުނީ ލުބުނާނުގެ މަސްރަހާ ގުޅިގެން އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ، މުޅި ބާރު ބޭނުންކޮށްގެން ރައްދުދޭނެ ކަމަށާއި، ދެ ގައުމުގެ އަސްކަރީ ބާރުގެ ތަފާތު މުޅި ދުނިޔެއަށް ދައްކާލާނެ ކަމަށެވެ.




