އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 86ވަނަ އުފަންދުވަހާ ދިމާކޮށް ސުލްހައިގެ އެއްބަސްވުން އިއުލާނުކުރުން ހުއްޓުވުމަށްޓަކައި، އީރާނުން އެގައުމުގެ ރުހުން ދިނުން ލަސްކުރި ކަމަށް އެމެރިކާ އޮފިޝަލުން އެއްބަސވެއެވެ. ރައީސް ޓްރަމްޕްގެ އުފަންދުވަސް ދިމާވީ އާދިއްތަ ދުވަހަށެވެ.
އީރާނުގެ އޮފިޝަލުން ނިއުޔޯކްޓައިމްސް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވުމަށް ރުހުންދިނުން ތެހެރާންގެ ގަޑިން ހޯމަ ދުވަހުގެ ފަތިހުގެ ވަގުތަކަށް ލަސްކުރީ، އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށް ރައީސް ޓްރަމްޕް ބޭނުންފުޅުވި ފަދަ އުފަންދުވަހުގެ ހަދިޔާއެއް ދިނުމުން ރެކުމުގެ ބޭނުމުގައެވެ.
އެމެރިކާގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވި ގޮތުގައި، އީރާނުގެ މެންދަމުގެ ވަގުތުގެ ކުރިން މި އެއްބަސްވުން އިއުލާނުކުރާކަށް ތެހެރާނުން ބޭނުމެއް ނުވިއެވެ. ސަބަބަކީ އެވަގުތަކީ އެމެރިކާގައި ރައީސް ޓްރަމްޕްގެ އުފަންދުވަސް ކަމަށްވާތީއެވެ. އަދި އީރާނުން ބޭނުންވި ގޮތް، ކާމިޔާބުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން މިކަން އިއުލާނުކުރީ އެގައުމަށް ހޯމަ ދުވަސް ފެށުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެވަގުތަކީ އެމެރިކާގެ ގަޑިން އަދިވެސް އާދިއްތަ ދުވަސް ކަމުން، އެމެރިކާގައި އެއީ ރައީސް ޓްރަމްޕްގެ އުފަންދުވަހެވެ. މީގެ އިތުރުން، އާދިއްތަ ދުވަހު ޖެނީވާގައި މި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެކަން މިހާރު ވަނީ އަންނަ ހުކުރު ދުވަހަށް ފަސްކޮށްފައެވެ.
ރައީސް ޓްރަމްޕް މި އެއްބަސްވުން އިއުލާނުކުރެއްވީ، އެމެރިކާގެ ދުއިސައްތަ ފަންސާސްވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ވައިޓް ހައުސްގައި ބޭއްވި ޔޫއެފްސީ ބަނޑުމުސާރައަށް ބެއްދުމުގެ މުބާރާތެއް ފެށުމުގެ އެއްގަޑިއިރު ކުރިންނެވެ.
އެއްބަސްވުމުގެ އޮނިގަނޑާއި ހައްލުނުވާ މައްސަލަތައް
އެމެރިކާއާއި އީރާނުން ވާސިލުވި އެއްބަސްވުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބޮޑު ފިޔަވަޅެކެވެ. މިއާއެކު، އަންނަ ހުކުރު ދުވަހު ޖެނީވާގައި ސޮއިކުރާ ފަހުމުނާމާގައި ނުހިމެނޭ މުހިންމު ކަންކަމާ މެދު ވާހަކަދެއްކުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ އެންމެ ކުރީގައި އޮތްއިރު، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ވަގުތަކާއި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާ މެދު އަދިވެސް ދެބަސްވުންތައް އެބަހުއްޓެވެ.
ދުނިޔޭގެ ސަމާލުކަން މިހާރު ހުރީ ހުކުރު ދުވަހު ސޮއިކުރާ އެއްބަސްވުމަށެވެ. ދެ މަހަށްވުރެ ދިގު މުއްދަތެއްގެ މަޝްވަރާތަކަށްފަހު މި ހިސާބަށް އާދެވުނު ނަމަވެސް، އެއްބަސްވުމުގެ ބައެއް ތަފްސީލުތައް ސާފުނުވެ ހުރުމަކީ މި މަރުހަލާއަށް ހުރަސް އެޅިދާނެ ކަމެކެވެ.
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ އީރާނާއެކު ވެވުނު އެއްބަސްވުން މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. ހަމައެއާއެކު އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްތަކެއްގެ ދިގު އަދި އުނދަގޫ މަޝްވަރާތަކަށްފަހު އެމެރިކާއާއެކު އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލެވިފައިވާ ކަމަށެވެ.



