ތުރުކީގެ ރައިސް ރަޖަބް ތައްޔިބު އުރުދުޣާން ޔަހޫދީ އަނިޔާވެރި ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށާއި އޭނާގެ ވެރިކަމަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އުރުދުޣާން ނަތަންޔާހޫއާ ދިމާއަށް ވިދާޅުވީ ކަލޭ ނިމިގެން ދާނީ ހިޓްލަރު ނިމިގެން ދިޔަ ގޮތަށް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކުން ހިނގާ މީހުންގެ ނިމުން ވާނީ ތާރީޚުގައި ފެނުނު އެހެން އަނިޔާވެރިންގެ ނިމުން ފަދައިން ކަމަށެވެ. މި މޭރުމުން އުރުދުޣާން ވާހަކަފުޅު ދެއްކެވީ ބުރާސްފަތި ދުވަހު އަންކާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަންކާރާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ތުރުކީ ރެޑް ކްރެސެންޓް ސޮސައިޓީގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން އެ ޖަމިއްޔާގެ އަގު ވަޒަންކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުންނަށް ފަންސާސް ދެ މިލިއަން ރާތަލުގެ ބަރުދަން ހުރި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ރެޑް ކްރެސެންޓުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އިޒްރޭލުގެ ވެރިކަމަށް ފާޑުވިދާޅުވަމުން އެރުދުޣާން ގޮވާލެއްވީ ޔަހޫދީންގެ ޖެނޮސައިޑް ރެޖީމުން ހިންގާ ޖަރީމާތަކަށް ނަތަންޔާހޫގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ.
ޔަހޫދީންގެ ޖެނޮސައިޑް ރެޖީމުން މެދުއިރުމަތީގެ ސަރަހައްދުގެ އެކި ހިސާބުތަކަށް ދޭ ހަމަލާތަކާ މެދު ވިދާޅުވީ އިެކަމުގެ އަގު އަދާކުރަން ޖެހޭނެ ކަމަށެވެ. ހަމަލާތަކުގެ އަސަރުކޮށްފައިވާ މީހުންނަށް ތުރުކީން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި ޤާތިލުންގެ ވިއުގަ ޖަވާބުދާރީ ކުރުމަށް ތުރުކީން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޔަހޫދީ އަނިޔާވެރި ރެޖީމްގ މިހާރުގެ ސަރުކާރަކީ ލޭ އޮހޮރުވުމާއި ވޭނުގެ މައްޗަށް ބިނާވެފައިވާ ހަމަނުޖެހުން އުފައްދާ ކާރުޚާނާއެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. ނާޒީ ޖަރުމަނުގެ ވެރިންނާ ނަތަންޔާހޫގެ ސަރުކާރާ އަޅާ ކިޔުއްވަމުން، ޔަހޫދީންނަށް ލިބުނު އަނިޔާތަކުގެ ތެރެއިން ސަލާމަތްވި މީހުންގެ ދަރިކޮޅުގެ މީހުން މިއަދު ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ރައީސް އެރުދުޣާން ކުށްވެރިކުރެއްވިއެވެ. ފަލަސްތީނުގެ މައްސަލައިގައި ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ކުރާ ޝަރީއަތުގައި ތުރުކީން ބައިވެރިވެ، އިޒްރޭލާ އޮތް ގުޅުންތައް ވެސް ތުރުކީން މިހާރު ވަނީ ކަނޑާލައިފައެވެ.
އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އުރުދުޣާން ދެއްކެވި ވާހަކައަށް ރައްދު ދެމުން ނަތަންޔާހޫ ސޯޝަލް މީޑިއާގައި ބުނީ އިޒްރޭލަކީ ތުރުކީއަށްވުރެ އަޚްލާގީ ގޮތުން މަތީގައި އޮތް ގައުމެއް ކަމަށެވެ!
ދުނިޔޭގެ ރެޑް ކްރެސެންޓަކީ ކުރިން އުފައްދާފައި އޮތް ރެޑް ކްރޮސްގައި ސޮލީބެއް ހިމެނޭތީ މުސްލިމު ގައުމުތަކަށް ޚާއްސަކޮށްގެން ތުރުކީގެ އިސްލާމީ ޚިލާފަތުގެ ޒަމާނުގައި އެކުލަވާލި ޚިޔާލެއްގެ މައްޗަށް އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމުއިއްޔާއެކެވެ.






