2025ވަނަ އަހަރު ގޮވާތަކެތީގެ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރާލީ އިސްރާއީލުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކުގައި އާންމުންނަށް ލިބޭ ގެއްލުންތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމުގެ އިންޒާރު އާ ރިޕޯޓަކުން ދީފިއެވެ. އެ ރިޕޯޓު ދައްކާގޮތުން، 2025ވަނަ އަހަރު ގޮވާތަކެތި ބޭނުންކޮށްގެން ދުނިޔޭގައި މަރާލި އާންމުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހެނީ ޔަހޫދީންގެ ޖެނޮސްއިޑް ރެޖީމުގެ ސިފައިން ކަމަށެވެ.

އެކްސްޕްލޯސިވް ވެޕަންސް މޮނިޓާ ކުންފުނިން ބުދަ ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، ފާއިތުވި އަހަރު 65 ގައުމެއްގައި ގޮވާތަކެތީގެ ހަމަލާތަކުގެ ސަބަބުން 22 ހާސް 600 އަށްވުރެ ގިނަ އާންމުން މަރުވިއެވެ. މި ޖަމާއަތަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ގޮވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުންތައް ދިރާސާކުރާ ބައެކެވެ.

މިއީ 2024ވަނަ އަހަރާ އަޅާބަލާއިރު އެކެއްލައްކަ އެކާވީސް އިންސައްތައިގެ ދަށަށްދިއުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ގައްޒާއާއި ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެވެ. ނަމަވެސް، ރިޕޯޓު ބުނާގޮތުން އާންމުންނަށް ލިބުނު ގެއްލުންތައް އަދިވެސް ވަރަށް ބޮޑެވެ. މީގެ ތެރެއިން 25 އިންސައްތަ މަރުގެ ޒިންމާ އުފުލަންޖެހެނީ ޔަހޫދީންގެ ޖެނޮސްއިޑް ރެޖީމުގެ ސިފައިން ކަމަށް ބުނެއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލޭއޮހޮރުވުން ބޮޑު ހަމަލާތަކުގައި 73 ހާހަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން، އިސްރާއީލުން ވަނީ ލުބުނާނަށް ބޮންއަޅައި، ފާއިތުވި އަހަރުގެ ޖޫން މަހު އީރާނާއެކު 12 ދުވަހުގެ އުދުވާނީ ސަހުޔޫނީ ހަނގުރާމައެއް ކޮށްފައެވެ.

އަދި ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމައެއް ފެށިއެވެ. މި ހަމަލާތައް ވަގުތީގޮތުން ހުއްޓާލާފައިވަނީ އެޕްރީލް މަހުން ފެށިގެންނެވެ. އެކްސްޕްލޯސިވް ވެޕަންސް މޮނިޓާ ޖަމާއަތުން ފާހަގަކުރި ގޮތުގައި، މި ހަމަލާތަކުގެ އަސަރު އެންމެ ބޮޑަށް ކުރީ އީރާނަށާއި، ލުބުނާނަށާއި، ފަލަސްތީނުގެ ސަރަހައްދުތަކަށާއި، މިޔަންމާ އަދި ޔޫކްރޭނާއި ސޫދާނަށެވެ. އަދި އާންމުންނަށް ލިބުނު ހުރިހާ ގެއްލުންތަކުގެ 85 އިންސައްތައިގެ ޒިންމާ އުފުލަންޖެހެނީ އެކި ގައުމުތަކުގެ ރަސިފައިން ކަމަށެވެ.

ރިޕޯޓު ނެރުމަށް ބޭއްވި ބައްދަލުވުމުގައި، އާންމުން ބޭނުންކުރާ އަސާސީ ވަސީލަތްތަކާއި އިމާރާތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތައްވެސް ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ފަލަސްތީނުގެ ސަރަހައްދުތަކަކީ އެހީ ފޯރުކޮށްދޭން އުޅުމުގެ ތެރޭގައި ގޮވާތަކެތީގެ ހަމަލާތައް އެންމެ ގިނައިން ކުރިމަތިވި ސަރަހައްދުތައް ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!