ވޯލްޑް ކަޕްގެ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗަށްފަހު، ޖަޕާނުގެ ސަޕޯޓަރުން ވަނީ ޓެކްސަސްގެ ދަނޑުގެ ގޮނޑިބަރިތައް މުޅިން ސާފުކޮށްފައެވެ. އެމީހުން ބުނި ގޮތުގައި މިއީ އަމިއްލަ ކަންކަން ނިންމުމަށްފަހު ސާފުތާހިރުކަން ދެމެހެއްޓުމަށް ޖަޕާނުގެ ސަގާފަތުގައި ވަރަށް ފުންކޮށް ބިންވަޅު ނެގިފައިވާ އާދައެކެވެ.
ދެ ލަނޑު ދެ ލަނޑުން ދެ ގައުމު އެއްވަރުވި މެޗަށްފަހު، ޖަޕާނުގެ ސަޕޯޓަރުން ދަނޑުން ފޭބުމުގެ ބަދަލުގައި މަޑުކުރިއެވެ. އަދި ނޫކުލައިގެ ކޮތަޅުތަކަށް ސިޑިބަރީގައި ހުރި ހުރިހާ ކުނިތަކެއް އަޅައި، އެމީހުން ވަންއިރު އެތަން އޮތް ފަދަ ސާފުތާހިރު ހާލަތަކަށް ދަނޑުގެ ގޮނޑިބަރިތައް ބަދަލުކުރިއެވެ.
ޖަޕާނުގެ ސަޕޯޓަރެއް ކަމަށްވާ އުމުރުން 20 އަހަރުގެ އެއިޓާ ޓަނާކާ އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އިބްތިދާއީ މަދަރުސާގެ ކުރީކޮޅުން ފެށިގެން ދަސްކޮށްދޭ މި އާދައަކީ އެންމެންގެ މެދުގައި އޮންނަ ބޮޑު ޒިންމާދާރުކަމެކެވެ.
"އަހަރެމެން ޖެހޭނީ އެންމެންނާ މެދުގަވެސް ވިސްނަން. ޖަޕާނުގައި އަހަރެމެންނަށް ދަސްކޮށްދެނީ ތަނެއް ބޭނުންކުރުމަށްފަހު، އެތަނަކަށް ވަންއިރު ހުރި ހާލަތަށްވުރެ ސާފުކޮށް ބޭއްވުމަށް. މިސާލަކަށް ކްލާސްރޫމްތައް ސާފުކުރާއިރު ޓީޗަރުން ބުނާކަށް އަހަރެމެން މަޑެއް ނުކުރަން،" ޖަޕާނުގެ ނޫކުލައިގެ ޖާޒީގައި ހުރި ޓަނާކާ ކިޔައިދިނެވެ.
ޖަޕާނުން މިހާރު ދަނީ ޖެހިޖެހިގެން 8ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރަމުންނެވެ. އެހެންކަމުން މެޗުތަކަށްފަހު ދަނޑު ސާފުކުރުމަކީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުން ފެންނަ އާދައިގެ ރީތި މަންޒަރެކެވެ.
މި ސާފުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެމެރިކާގެ މަޝްހޫރު އެންއެފްއެލް ކުއާޓަރބެކް ޖޭމިސް ވިންސްޓަންވެސް ވަނީ ޖަޕާނުގެ ސަޕޯޓަރުންނާ ގުޅިގެން ކުނި ހޮވުމުގައި ބައިވެރިވެފައެވެ. އޭނާ ހުރީ ފުރަގަހުގައި އޭނާގެ ނަން ޖަހާފައިވާ ޖަޕާނުގެ ނޫކުލައިގެ ޖާޒީއެއް ގައެވެ.
ޖަޕާނުގެ އަނެއް ސަޕޯޓަރެއް ކަމަށްވާ ފޫޓޯ ހަގިވާރާ ބުނީ، އެމީހުންގެ ގައުމުގެ މި އާދަ މުޅި ދުނިޔެއަށް އެނގި، އެކަމަށް ތައުރީފު ލިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. މިއީ އެމީހުންގެ ސަގާފަތާއި، ދިރިއުޅުމުގެ އަދަބުވެރިކަމާއި ވިސްނުން ހުރި ގޮތް ކަމަށް އޭނާ ފާހަގަކުރިއެވެ.
އިޖުތިމާ ދާއިރާގެ މާހިރުންނާއި ފިލޯސަފަރުން ދެކޭގޮތުގައި، ޖަޕާނުގެ ރައްޔިތުންގެ މި އާދައިގެ ފަހަތުގައިވަނީ އިޖުތިމާއީ ޒިންމާއާއި އެކަކު އަނެކަކަށް އޮންނަ އިހުތިރާމެވެ. ޖަޕާނުގެ ރައްޔިތުންނަކީ ދުނިޔޭގެ ބޮޑެތި މައްސަލަތަކަށްވުރެ ބޮޑަށް، އެމީހުން ދިރިއުޅޭ ކުދި މުޖުތަމައުތަކުގެ އަދަބުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. އެއް ސަރަހައްދެއް ބޭނުންކުރާ އެހެން މީހުންނަށް އުނދަގޫވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަކީ އެމީހުންގެ އަސާސީ ސިފައެކެވެ.
ޖަޕާނުގެ ތައުލީމީ ނިޒާމުގައި ކުޑަކުދިންގެ ޅަފުރާގެ އުމުރުން ފެށިގެން ސާފުކުރުމުގެ މަސައްކަތްތައް ދަސްކޮށްދެއެވެ. ކުދިން ކޮންމެ ދުވަހަކު މަދަރުސާގެ ތަޅުންގަނޑާއި މޭޒުތައް ސާފުކުރަންޖެހެއެވެ. އެގައުމުގެ މަގުމަތީގައި ކުނިޓައްޕުތައް ހުންނަނީ ވަރަށް މަދުންނެވެ. ސަބަބަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ކުނި އަނބުރާ ގެއަށް ގެންދިއުމަށް އާދަވެފައިވުމެވެ. ގެއިން އުފެދޭ ކުނި އުކާލުމަކީވެސް ވަކި ބައިތަކަކަށް ކުނި ގިންތިކުރަންޖެހޭ ވަރަށް ތަރުތީބު ނިޒާމެކެވެ.
އޮސާކާ ޔުނިވަރސިޓީގެ އިޖުތިމާއީ ކަންކަމާ ބެހޭ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ ކޮޓް ނޯތު ވިދާޅުވީ، ޖަޕާނުގެ އަވަށްތަކުގައި އަހަރަކު 2 ފަހަރު އެންމެން އެއްވެ، މަގުމަތީގެ ވިނަ އުފުރައި ސާފުކުރުމުގެ ހަރަކާތްތައް ބާއްވާ ކަމަށެވެ. މިފަދަ އިޖުތިމާއީ ޖަމާއަތްތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ ބައެއް ކަމަށާއި، ފުޓްބޯޅަ ދަނޑުތަކުގައި ޖަޕާނުގެ ސަޕޯޓަރުން ކުނި ސާފުކުރަނީވެސް މިފަދަ ރޭވުންތެރި އަދި އެއްބައިވަންތަ އުސޫލެއްގެ ދަށުން ކަމަށް އޭނާ ހާމަކުރިއެވެ.






