ޗައިނާގެ މަގުމަތިތަކުން ރޮބޮޓްތައް ފެނުމަކީ މިހާރު އާންމު ކަމަކަށް ވީނަމަވެސް، އެގައުމުގެ މަގުމަތިން އިންސާނެއްގެ ބައްޓަމަށް ހުރި ރޮބޮޓެއް އިށީނދެގެން އިނދެ ސަލާންޖަހަނިކޮށް ފެނުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި، މި ރޮބޮޓް އިންނަނީ މަގުން ހިނގާފައިދާ މީހުންގެ ކިބައިން ފައިސާއަށް އެދި، އޭގެ ކުރިމަތީގައި ބަހައްޓާފައިވާ "ކިއުއާރް" ކޯޑެއް ބޭނުންކޮށްގެން ފައިސާ ހަދިޔާކުރުމަށް ސާފު އިޝާރާތްތަކުން އެދެމުންނެވެ.
މި ރޮބޮޓް ފައިސާއަށް އެދޭ ސަބަބެއްގެ ގޮތުގައި ބުނަނީ، އޭތި މަރާމާތުކުރުމަށް ހިނގާ ޚަރަދުތަކާއި ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން ދިރިއުޅުން އުނދަގޫވުމެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތިންދާ މީހުންނާ މުއާމަލާތުކުރުމުގައިވެސް މި ރޮބޮޓް ވަރަށް ހުށިޔާރެވެ.
ރޮބޮޓްގެ ތަފްސީލާއި އަގު
މި ވީޑިއޯތަކުން ފެންނަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޔުނިޓްރީ" ގެ ރޮބޮޓެކެވެ. މިއީ އެ ކުންފުނިން އުފައްދާފައިވާ އިންސާނެއްގެ ބައްޓަމަށް ހުންނަ ރޮބޮޓްތަކުގެ ތެރެއިން އެންމެ ގިނައިން ވިކޭ "ޖީ 1″ މޮޑެލްގެ ރޮބޮޓެކެވެ. މި އަހަރުގެ މާރިޗު މަހު ނެރުނު އެ ކުންފުނީގެ ވިޔަފާރި ރިޕޯޓުތައް ދައްކާގޮތުން، މި މޮޑެލްގެ ރޮބޮޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 16 ހާސް ޑޮލަރުގައެވެ.
"ޔުނިޓްރީ" ކުންފުނިން "ޖީ 1″ މޮޑެލްގެ ރޮބޮޓްތައް ތައްޔާރުކުރަނީ އެކި ކަހަލަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށެވެ. މިއީ ސައިންސްވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ޕްރޮގްރާމްކޮށް، ތަފާތު ގިނަ މަސައްކަތްތައް ކުރުމަށް ތަމްރީނު ކުރެވޭނެހެން އުފައްދާފައިވާ ރޮބޮޓެކެވެ. މަގުމަތިން ފެނުނު މި މަންޒަރަކީވެސް ރޮބޮޓްގެ ގާބިލުކަން ދައްކާލުމަށް ބަޔަކު ކުރި ކަމެއް ކަމަށް ބެލެވެއެވެ.




