ތައިވާނުގެ ސަރުކާރުން އިސްނަގައިގެން، ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ޖާސޫސީ މައުލޫމާތު ހިއްސާކުރެވޭނެ ޚާއްޞަ ވެބްސައިޓެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މިއީ ޗައިނާގެ ސިޔާސީ ނިޒާމާމެދު ހިތްހަމަނުޖެހި، ބަދަލަކަށް އެދި ތިބި މީހުންނަށް ރައްކާތެރިކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ތައިވާނުގެ ނޭޝަނަލް ސެކިއުރިޓީ ބިއުރޯއިން އެޅި އާ ފިޔަވަޅެކެވެ.
އެމެރިކާއާއި ހުލަނގުގެ ވާގިވެރިކަމާއެކު ހިންގާ ޗައިނާގެ ބާޣީ ޕްރޮވިންސް ތައިވާނަކީ ޗައިނާގެ ބިމެއް ކަމަށް ޗައިނާއިން ދަޢުވާ ކުރަމުން އަންނައިރު، ދެ ފަރާތުގެ ދެމެދުގައި ޖާސޫސީ ހަރަކާތްތަކަކީ ޒަމާނުއްސުރެ ހިނގަމުން ދެއެވެ. ނަމަވެސް، ފަހަކަށް އައިސް ޗައިނާގެ އެޖެންޓުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް އިތުރުވެފައިވާ ކަމަށް ތައިވާނުން ބުނެއެވެ.
ތައިވާނުގެ ނޭޝަނަލް ސެކިއުރިޓީ ބިއުރޯއިން ބުނީ، ޗައިނާގެ އިޤްތިޞާދީ ހީނަރުކަމާއި، ސިޔާސީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަރުކަށި ފިއްތުންތަކުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ.
"އިޖުތިމާއީ ގޮތުން އަދި ދިރިއުޅުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން ޢާންމުންގެ ހިތްހަމަނުޖެހުންތައް މިވަނީ އިންތިހާއަށް ގޮސްފައި. އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ އަދަދެއްގެ ބަޔަކު މިހާރު ތައިވާނުގެ އެޖެންސީތަކާ ގުޅައި، މައުލޫމާތު ހިއްސާކުރަން ބޭނުންވާކަން ފާޅުކުރަމުން އެބަދޭ،" ބިއުރޯގެ ބަޔާނެއްގައި ބުނެފައިވެއެވެ.
ވެބްސައިޓް ހުޅުވުމާއެކު ފެންނަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ އެއް މިނެޓުގެ ޕްރޮމޯޝަނަލް ވީޑިއޯއެކެވެ. އޭގައި ފެންނަނީ ޗައިނާގެ ސިވިލް ސާވަންޓެއް، އޭނާގެ ހަމަހިމޭން އެކުވެރިންތަކެއް އެއްވެސް ޚަބަރެއް ނެތި ގެއްލި، ތަޙުޤީޤުތަކުގެ ތެރޭގައި ހައްޔަރުކުރެވޭ މަންޒަރެވެ. "މިހާރު ބަދަލު ގެންނަންވީ ވަގުތު ޖެހިއްޖެ،" އެ ވީޑިއޯ ނިންމާލަމުން އޭނާ ބުނެއެވެ.
މިއީ ޗައިނާއާ ދެކޮޅަށް ތައިވާނުން ހިންގ ާނަފްސާނީ ހަނގުރާމައިގެ ބައެކެވެ. ޗައިނާގެ އެތެރޭގައި މި ވެބްސައިޓް ވަނީ ބްލޮކްކޮށްފައެވެ. ތައިވާނުގެ މި އައު އުކުޅަކީ އެމެރިކާ، އިނގިރޭސިވިލާތް، އަދި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ވެސް ގެންގުޅޭ ފަދަ އުޞޫލެއް ކަމަށް ބިއުރޯއިން ފާހަގަކުރިއެވެ. މީގެ ކުރިން 2024 ވަނަ އަހަރު ޗައިނާއިން ވެސް ވަނީ ތައިވާނުގެ "ވަކިވެގަތުންތެރިން" ގެ މައުލޫމާތު ހޯދުމަށް ޚާއްޞަ އީމެއިލް އެޑްރެހެއް އާންމުކޮށްފައެވެ.
ތައިވާނުގެ ސަރުކާރުން ބުނަނީ، ޗައިނާގެ ސިޔާދަތީ ދަޢުވާތައް ޤަބޫލުނުކުރާ ކަމަށާއި، ތައިވާނުގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ކަމަށެވެ.



