ދުނިޔޭގެ ކުރިމަތީގައި އިންސާނީ ހައްގުތަކަށް އެންމެ ބޮޑު ވަކާލާތުކުރާ ފަރާތް ކަމަށް ދައުވާކުރާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔަވައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގަވީރާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަނެއްކާވެސް ފަސްޖެހި، އޭނާގެ ހައްގުތައް "ރައްކާތެރިކޮށް" ހިމާޔަތްކޮށް ދީފިއެވެ.
އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ ކާޔާ ކާލަސް ހޯމަ ދުވަހު ހާމަކުރެއްވި ގޮތުގައި، ބެން ގަވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގިނަ ގައުމުތަކަކުން ހުށަހެޅި ނަމަވެސް، އިއްތިހާދުގެ ހުރިހާ ވަޒީރުންގެ މެދުގައި މިކަމަށް އެއްބަސްވުމަކަށް ނާދެވުނެވެ. މިއީ ބެން ގަވީރު ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ޔޫރަޕުން އޭނާއަށް ދިން ބޮޑު ހިމާޔަތަކާއި ދެއްކި މުނާފިގު ކަމެކެވެ.
"އަސްޠޫލަތުއް ޞަމޫދު" ގެ އެކްޓިވިސްޓުންނަށް ކުރި ފުރައްސާރަ
މިދިޔަ މޭ މަހު ބެން ގަވީރު އަމިއްލައަށް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ އޭނާއަށް ކުރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ ފްލޮޓިލާގެ އެކްޓިވިސްޓުން ހައްޔަރުކޮށް، އަތްބުރަކޮށް ބަނދެ، ބިމަށް ގުޅަކޮށްފައި ބައިތިއްބާ ބެން ގަވީރު އެމީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރާ މަންޒަރެވެ. އޭގެ އިތުރުން ޒަޔަނިސްޓު ރެޖީމުން ވަނީ އެމީހުންގެ ބައެއް މީހުން ރޭޕްކޮށް ހަދާފައެވެ!
މި ހާދިސާއާ ގުޅިގެން ފްރާންސް، އިޓަލީ، ނެދަލޭންޑްސް އަދި ކެނެޑާއިން އިސްރާއީލުގެ ސަފީރުން ހާޒިރުކޮށް ރަސްމީކޮށް މާފަށް އެދުމަށް ގޮވާލިއެވެ. އިނގިރޭސިވިލާތުންވެސް މި މަންޒަރުތަކަކީ އިންސާނީ ކަރާމާތް ގެއްލޭ ފަދަ "ލަދުވެތި" މަންޒަރުތަކެއްގެ ގޮތުގައި ސިފަކުރިއެވެ.
ބައެއް ގައުމުތަކުގެ ވަކިވަކި ނިންމުންތަކާއި އީޔޫގެ ނާކާމިޔާބީ
- މި މައްސަލައިގައި ފްރާންސުން ވަނީ ބެން ގަވީރު އެގައުމުގެ ބިމަށް ވަނުން މަނާކޮށްފައެވެ. ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޯ ވިދާޅުވީ، އެހީގެ ގާފިލާގެ ވިސްނުމާ އެގައުމުން އެއްބަސްނުވި ނަމަވެސް، ފްރާންސްގެ ރައްޔިތުންނަށް ސަރުކާރުގެ އިސް އޮފިޝަލަކު މިފަދަ ބޭއަދަބީ އަދި ބިރުދެއްކުމުގެ އަމަލެއް ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
- އަޔަލޭންޑުންވެސް ވަނީ ބެން ގަވީރާއި އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އެގައުމަށް ވަނުން މަނާކޮށްފައެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަންގާރަ ދުވަހު އިޓަލީގެ ކޯޓަކުން ބެން ގަވީރާ ދެކޮޅަށް ރަސްމީކޮށް ތަހުގީގެއް ފަށާފައިވުމެވެ. ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެން ގަވީރުގެ މައްޗަށް ތުހުމަތުކުރެވެނީ އިޓަލީގެ ރައްޔިތުން ރަހީނުކުރުމާއި، ރޭޕް ކުރުމާއި އެމީހުންނަށް އަނިޔާކޮށް ޓޯޗާކުރުމުގެ ކުށެވެ. އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ވަނީ އީޔޫއިން ބެން ގަވީރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރަސްމީކޮށް ހުށަހަޅުއްވާފައެވެ.
ހުޅަނގުގެ ދެފުށްކެހެރި ސިޔާސަތު
ބެން ގަވީރާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އީޔޫއިން ނިންމި ނިންމުމުން ހާމަވަނީ، ހުޅަނގުގެ ގައުމުތަކުން އިންސާނީ ހައްގުތަކުގެ ވާހަކަދައްކަނީ ހަމައެކަނި އެމީހުން ބޭނުންވާ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރަން އެކަނި ކަމެވެ. އަދި ޒަޔަނިސްޓުންގެ ހައްގަށް އިސްކަންދީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ވިއްކާލުމަށް އެމީހުން ފަސް ނުޖެހޭ ކަމެވެ.
ބެން ގަވީރު ފަދަ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް ފާޅުގައި ގޮންޖަހަމުންދާ، އަދި ޔޫރަޕްގެ އަމިއްލަ ރައްޔިތުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު އޮތް މީހަކާ މެދު ފިޔަވަޅު އެޅުމުގައި އީޔޫއިން "އިއްތިފާގު" ނުވެވި ޔަހޫދީ ޒަޔަނިސްޓުން ދެކެ ބިރުގަތުމަކީ އޭނާ ހިންގާ ޖަރީމާތަކަށް ޔޫރަޕުން ދިން ނުސީދާ ހުއްދައެކެވެ. މިއީ އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު މުޅި ދުނިޔެއަށް ފަޅާއެރި ކަމެކެވެ.






