އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރާ ފަހުމުނާމާގެ، ފައިނަލް ޑްރާފްޓްމިހާރު ވަނީ ލިބިފައެވެ. މި ޑްރާފްޓްގައި ލުބުނާން ހިމެނޭހެން ހުރިހާ ދިމާއަކުން ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމާއި، ދެ ގައުމުގެ ދެމެދުގައި ހުރި ނިއުކްލިއާ، ސަލާމަތީ، އަދި އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށްޓަކައި 60 ދުވަހުގެ މަޝްވަރާތައް ފެށުން ހިމެނެއެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ހިސާރުނައްތާލުމާއި، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަކުރުން މި ޑްރާފްޓްގައި ހިމެނެއެވެ. އަދި މަދުވެގެން 300 ބިލިއަން ޑޮލަރުގެ ފަންޑަކާއެކު އެމެރިކާއިން ދިން ހަމަލަތަކުން ލިބުނު ގެއްލުން ފޫބައްދައި އީރާނުގެ އިގްތިސާދު އަލުން ބިނާކޮށް ތަރައްގީ ކުރުމުގެ ޕްލޭނަކާއި، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާއި އެކަމާ ގުޅުންހުރި ހިދުމަތްތަކަށް ލުއިތަކެއް ދިނުން ވެސް މި ޑްރާފްޓްގައި ހިމެނެއެވެ. އީރާނުން ބޭނުންވީ 600 ބިލިއަން ޑޮލަރުގެ ބަދަލެކެވެ. ނަމަވެސް އެމެރިކާއާއި އަރަބިން އެއްބަސްވީ 300 ބިލިއަނަށެވެ. މި ފައިސާ ހަމަޖައްސަން އެމެރިކާ ބޭނުމެއް ނުވެއެވެ. މި ފަންޑަށް ފައިސާ ލާނީ އީރާނަށް ހަމަލަ ދިނުމަށް އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ފަހިކޮށްދިން އަރަބި ގައުމުތަކުންނެވެ.
މީގެ އިތުރުން، ފައިނަލް އެގްރީމަންޓަކަށް މަޝްވަރާތައް ކުރިއަރަމުންދާ ވަރަކަށް، ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދާ ދޫކޮށްލުމަށް މި ޑްރާފްޓްގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި އީރާނުން ޔަގީން ކޮށްދޭންޖެހެނީ، އެ ގައުމުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށާއި، ޔުރޭނިއަމް ފައްކާކުރުމާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ފައިނަލް އެއްބަސްވުމަކަށް އައުމަށެވެ.



