ބައި ކިލޯއަށް ވުރެން ލުއި އަސްކަރީ ޑްރޯނެއް

އެމެރިކާގެ ދިފާއީ ޓެކްނޮލޮޖީ ކުންފުންޏަކުން އަސްކަރީ އުޅަނދުތަކުން އުދުއްސާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އާ ޑްރޯން ސިސްޓަމެއް ތައާރަފުކޮށްފިއެވެ.

ބްލެކް ރިކޯންގެ ނަމުގައި ތައާރަފުކުރި މި ނިޒާމުގައި ހިމެނެނީ ތިން ޑްރޯންގެ މައްޗަށް އެކުލެވޭ ޔުނިޓެކެވެ. މިއިން ކޮންމެ ޑްރޯނަކީ ވެސް އަމިއްލަ ޒާތުގައި އުދުހި ޖާސޫސްކުރުމާއި ހަރަކާތްތައް މޮނީޓަރުކުރުމާއި އަދި ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޑްރޯންތަކުގެ އެންމެ ހާއްސަ ސިފައަކީ މަސައްކަތް ނިންމުމަށްފަހު އަމިއްލައަށް އެނބުރި އުޅަނދުގެ މަތީގައި ހުންނަ ޕްލެޓްފޯމަށް އައިސް ގުޅި އަދި އަމިއްލައަށް ރީޗާޖްވުމުގެ ގާބިލުކަން ލިބިފައިވުމެވެ. ކޮންމެ ޑްރޯނެއްގެ ބަރުދަނުގައި ހުންނަނީ 450 ގްރާމަށްވުރެ މަދު މިންވަރެކެވެ.

އެއް ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ހަރަކާތްތެރިވުމުގެ ގާބިލުކަން މި ޑްރޯންތަކަށް ލިބިފައިވާއިރު އެންމެ ބާރު ދުވެލީގައި ގަޑިއަކު 55 މޭލު ބާރުމިނުގައި މި ޑްރޯންތަކަށް ދަތުރުކުރެވޭނެއެވެ. މި ޓެކްނޮލޮޖީއަކީ ހަނގުރާމައިގެ މައިދާނުގައި ސިފައިންގެ އުޅަނދުތަކުން ބޭރުގައި ހިނގާ ކަންކަން ރައްކާތެރިކަމާއެކު ބެލުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ އުފެއްދުމެއް ކަމަށް އުފެއްދި ފަރާތުން ހާމަކުރެއެވެ.

ހިއްސާ ކުރައްވާ!