ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވިއިރު، ކުރިން ދެ ލީޑަރުންގެ މެދުގައި ފެނިގެންދިޔައީ ވަޅޯ ގުޅުމެއްގެ މަންޒަރެކެވެ.
16 މަސް ދުވަސް ފަހުން ދެ ލީޑަރުން ފުރަތަމަ ފަހަރަށް ބައްދަލުވި މި ބައްދަލުވުމުގައި، ކުރިން ފެންނަ އޮޅުލައި ބައްދައި ގަތުމުގެ ބަދަލުގައި ފެނިގެންދިޔައީ ހަމައެކަނި ރަސްމީ ސަލާމެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމުގެ ސާފު ނިޝާނެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
މި ގުޅުން ހީނަރުވެފައިވަނީ އެމެރިކާއިން އިންޑިއާގެ މުދަލަށް ޓެރިފް ބޮޑުކުރުމާއި، އިންޑިއާގެ އިގުތިސާދާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ހަރުކަށި ވާހަކަތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން، އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ތެރޭގައި އޮމާން ކަނޑުއޮޅިން ދަތުރުކުރި އިންޑިއާގެ 3 ކަލާސިއަކު މަރާލުމަކީ ވެސް ދެ ގައުމުގެ ގުޅުމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމެކެވެ.
ޓްރަމްޕްގެ ކުރިފުޅުމަތީގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ދުނިޔެއަށް މިހާރު ދިމާވެފައިވަނީ ވަސީލަތްތަކުގެ ދަތިކަމެއް ނޫން ކަމަށާއި، ދިމާވެފައި ވަނީ އިތުބާރުގެ ތަދުމަޑުކަމެއް ކަމަށެވެ. އަދި ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކާއި ކަނޑުފަޅުވެރިންގެ ފުރާނައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ކޮންމެ ގައުމެއްގެ ވެސް ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބުދަ ދުވަހު މޯދީއާއި ޓްރަމްޕްގެ ރަސްމީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމަކީ ގުޅުން އަލުން އިއާދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ޖިއޮޕޮލިޓިކަލް މާހިރުން ދެކޭ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރު ނެތުމުގެ މައްސަލައަކީ ފަސޭހައިން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. ދެ ލީޑަރުންގެ ޒާތީ ގުޅުން އަލުން ބަދަހިކުރެވިދާނެ ކަމުގެ އުންމީދުތައް އަދިވެސް އޮތް ނަމަވެސް، މި ބައްދަލުވުމުން ނިކުންނަ ނަތީޖާއަކީ އިންޑިއާ-އެމެރިކާ ގުޅުމުގެ ކުރިމަގު ކަނޑައަޅާނެ އެންމެ މުހިންމު ކަންތައް ކަމުގައި ވާނެއެވެ.





